Roadha Mihaaru
ކުޑަކުއްޖަކާ "ބެހިގެން" 80 އަހަރުގެ މީހަކު ހައްޔަރު

12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތަށް 80 އަހަރުގެ މީހަކު ހައްޔަރުކޮށްފި

19 ޖެނުއަރީ 2020

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 80 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 80 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

އެ މީހާ މި ހައްޔަރުކުރީ، ގއ. ކަނޑުހުޅުދޫގައި އުމުރުން 82 އަހަރުގެ މީހަކު އޭނާ އަށް މުނިކާފަ ކިޔާ ދެ އަހަރު ނުފުރޭ ކުއްޖަކާ ބެހުނު މައްސަލައެއް ފެންމަތިވެ، ކުޑަކުދިންނާ ބެހުމުގެ ކަންތައް ގައުމީ ބޮޑު މައްސަލަ އަކަށް ވެފައި ވަނިކޮށެވެ. ކަނޑުހުޅުދޫން ކުޑަކުއްޖަކާ ބެހުނު ކަމަށް ތުހުމަތު ކުރެވޭ އުމުރުން ދުވަސްވީ މީހާ ތަހުގީހަށް މިދިޔަ ހުކުރު ދުވަހު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި އެ ކުއްޖާގެ، އުމުރުން 62 އަހަރުގެ ކާފަ ވެސް ވަނީ އެ ދުވަހު އެ ރަށުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން މިރޭ ބުނީ އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ދެކުނު ސެންޓްރަލް ޕޮޮލިސް ޑިވިޝަނަށް މިދިޔަ ހަފުތާގައި ހުށަހެޅުމުން އެ މައްސަލައިގައި 80 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެކަމަކު ކުޑަކުއްޖާގެ މައުލޫމާތު ހާމަވެދާނެތީ އެއީ ކޮން ރަށެއްގައި ހިނގި ހާދިސާއެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އެ ކުއްޖާގެ މުނިކާފަ އާއި ކާފަ ހައްޔަރު ކޮށްފައިވާއިރު، އެކަމުގައި އިހުމާލުގެ ތުހުމަތަށް އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. ކުރިން ވެސް އެފަދަ ރެކޯޑްތަކެއް އޮންނަ 82 އަހަރު މީހާގެ އެ މައްސަލައާ އެކު ގިނަ ފާޑުކިޔުންތަކެއް ކަމާބެހޭ އިދާރާތަކަށް ވަނީ އަމާޒުވެފަ އެވެ.

އެ މައްސަލަ ފެންމަތިވެފައި ވަނިކޮށް، އުމުރުން ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ރޭ ވެސް ދެކުނުގެ ރަށަކުން ވަނީ 56 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.