Roadha Mihaaru
އަޖޭގެ "ބޫޖް" ގެ ރޯލަކަށް ނޯރާ

އަޖޭގެ "ބޫޖް" ގެ ރޯލަކަށް ނޯރާ

05 ޖެނުއަރީ 2020

އަޖޭ ދޭވްގަންގެ ތާރީޚީ ހަނގުރާމަ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ރޯލަކަށް ނޯރާ ފަތެހީ ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަޖޭ ދޭވްގަންގެ ތާރީޚީ ހަނގުރާމަ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެ ރޯލަކަށް ނޯރާ ފަތެހީ ސޮއިކޮށްފި އެވެ.

ބޮލީވުޑްގައި މިހާރު އެންމެ ވިދާ އައިޓަމް ގާލްގެ ގޮތުން މަޝްހޫރު ވެފައިވާ ނޯރާ، ފިލްމުން ފެންނާނީ ކުރިން ޕަރިނީތީ ޗޯޕްޅާ ސޮއިކުރި ހީނާ ރަހްމާންގެ ރޯލުން ކަމަށް މީޑިއާތަކުން ބުނެ އެވެ. ނޯރާގެ ނަން ވަނީ "ބޫޖް" ގެ ވިކިޕީޑިއާގައި ވެސް ހިމަނައިފަ އެވެ.

އެކަމަކު، މިދިޔަ ހަފުތާގައި މީޑިއާތަކުން ވަނީ ޕަރިނީތީ ކުޅެން އޮތް ރޯލު އޭނާ އަށް ވަގުތު ދެވެން ނެތިގެން ދޫކޮށްލުމުން ޕަންޖާބީ ފިލްމުތައް ކުޅޭ ބަތަލާ އިހާނާ ދިލަކް ސޮއިކުރި ކަމަށް ބުނެފަ އެވެ. އަދި އިހާނާ ވެސް ފިލްމާ ބެހޭ ގޮތުން ވާހަކައެއް ނުދައްކަ އެވެ.

ނަމަވެސް މިހާރު "ބޫޖް" ގެ ކާސްޓްގައި އޭނާގެ ނަމެއް ނެތެވެ. އަބީޝެކް ދުދައްޔާ ޑައިރެކްޓްކުރާ ފިލްމުގެ ކާސްޓުންނަކީ އަޖޭ އާއި ސަންޖޭ ދަތާއި ސޮނާކްޝީ ސިންހާ އާއި ރާނާ ދަގޫބަތީ އާއި އައްމީ ވާކާއި ޕްރަނީތާ ސުބާޝްގެ އާއި މަހޭޝް ޝެޓީގެ އިތުރުން ނޯރާ އެވެ.

މިއީ، އަންނަ އޮގަސްޓް މަހުގެ 14 ގައި ސިނަމާތަކުގައި އަޅުވަން ނިންމާފައިވާ ފިލްމެކެވެ.

ޖުމްލަ 100 ކްރޯޑް ރުޕީސް (14 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ "ބޫޖް" އަކީ 1971 ގެ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ކުރި ހަނގުރާމައިގެ ތެރޭގައި ބޫޖްގައި ގާއިމް ކޮށްފައިވާ އެއާސްޓްރިޕް ހަލާކުކޮށްލުމުން އޭގެ ފަހުން ހިނގި ކަންތައްތަކަށް ބިނާކުރާ ފިލްމެކެވެ. އެއާސްޓްރިޕް ހަލާކުކޮށްލުމުން، އިންޑިއަން އެއާ ފޯސް (އައިއޭއެފް) ސްކޮޑްރަންގެ ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރި ވިޖޭ ކަރްނިކް އިސްކޮށް، ބޫޖާއި އެ އަވަށާ ކައިރީގައި ހުރި އަވަށްތަކުގެ 300 އެއްހާ އަންހެނުންގެ ވެސް އެހީއާ އެކު އަލުން އެއާސްޓްރިޕް ގާއިމް ކުރަން ކުރި މަސައްކަތްތައް މި ފިލްމުން ފެންނާނެ އެވެ. މި ފިލްމުގައި އަޖޭ ކުޅެނީ ވިޖޭގެ ރޯލެވެ.

"ދިލްބަރު" އާއި "އޮ ސާކީ ސާކީ" ފަދަ އައިޓަމް ލަވަތަކުން ވިދުން ގަދަކޮށްލި ނޯރާ "ބޫޖް" އަށް ސޮއިކުރި އިރު، އޭނާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 24 ގައި ރިލީޒްކުރާ "ސްޓްރީޓް ޑާންސާ" އެވެ.