Roadha Mihaaru
ބަންޑާރަ ނައިބުގެ ރާގު ބަދަލުވުމުން މެމްބަރުން ރަތަށް!

ބަންޑާރަ ނައިބުގެ ރާގު ބަދަލުވުމުން މެމްބަރުން ރަތަށް!

27 ނޮވެމްބަރ 2019

ދީޖާބާ އަށް ބަދަލު ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ކުރަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރިން ދެއްކެވި ވާހަކަ އާއި މިހާރު ދައްކަވާ ވާހަކަތައް ތަފާތު ކަމަށް ވިދާޅުވެ މާލިއްޔަތު ކޮމެޓީގެ މެމްބަރުން މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދީޖާބާ އަށް ބަދަލު ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ކުރަން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރިން ދެއްކެވި ވާހަކަ އާއި މިހާރު ދައްކަވާ ވާހަކަތައް ތަފާތު ކަމަށް ވިދާޅުވެ މާލިއްޔަތު ކޮމެޓީގެ މެމްބަރުން މިއަދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން މިއަދު ވަނީ ދީބާޖާގެ މައްސަލައިގައި ރިވިއު ނުކޮށް، ސެޓްލްމެންޓް ކޮމިޓީ މެދުވެރިކޮށް ބަދަލު ދިނުމަށް ނިންމެވުމާ ގުޅިގެން ގިނަ ސުވާލުތަކެއް ކުރައްވައިފަ އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ވަނީ، މިދިޔަ އޮކްޓޫބަރު މަހު މާލިއްޔަތު ކޮމިޓީގައި، މި މައްސަލަ ރިވިއު ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ބަންޑާރަ ނައިބު ވިދާޅުވެފައިވާ އިރު މައްސަލަ ރިވިއު ނުކުރައްވަނީ ކީއްވެގެންތޯ ސުވާލުކުރައްވައިފަ އެވެ. އަފީފުގެ އިތުރުން ކޮމިޓީގައި ހިމެނޭ އެހެން މެންބަރުން ވެސް ވަނީ، މީގެ ކުރިން މާލިއްޔަތު ކޮމިޓީގައި ބަންޑާރަނައިބު ދެއްކެވި ވާހަކަތަކާއި މިއަދު ދައްކަވާ ވާހަކަތަކުގެ ރާގު ވަރަށް ބޮޑަށް ބަދަލުވެފައިވާކަން ފާހަގަކުރައްވައިފަ އެވެ.

ޖަވާބުގައި ރިފްއަތު ވިދާޅުވީ، ކޯޓުތަކާ ބެހޭ ގާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުން ސުޕްރީމް ކޯޓުގެ ނިންމުންތަކަކީ ރިވިއު ކުރެވިދާނެ ނިންމުންތަކެއް ކަމަށާއި އެހެން ނަމަވެސް ގާނޫނުގައި އޮންނަ ގޮތުން ދެ ކަމެއް ފުރިހަމަވާން ޖެހޭ ކަމަށެވެ. އެގޮތުން ގާނޫނީ އުސޫލެއް ފުރިހަމަ ވުމާ އެކު ގާނޫނީ ނުކުތާއެއް އެކަމަށް މަގުފަހިކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ދެންނެވި ދެކަމުން ކުރެ ކަމެއް ފުރިހަމަ ވެއްޖެ ނަމަ ސުޕްރީމް ކޯޓުގެ ކުރިން ނިންމައިފަ އޮންނަ ނިންމުމެއް ބަދަލު ވެސް ކުރެވިދާނެ ބާތިލު ވެސް ކުރެވިދާނެ އަދި އެ ނިންމުމާ މުޅިން ތަފާތު އެހެން ނިންމުމަކަށް ވެސް ދެވިދާނެ،" އޭނާ ވިދާޅުވި އެވެ.

މިކަން ގާނޫނުން ފަހިވި ނަމަވެސް މިކަން ކުރަން ޖެހޭނީ ވަރަށް ހާއްސަ ހާލަތެއްގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. ރިފްއަތު ވިދާޅުވީ، އެންމެ މަތީ ކޯޓުން މައްސަލައެއްގެ ގޮތް ނިންމުމުން، ގާނޫނީ ގޮތުން އެކަމަށް އޮންނަނީ ނިޔާ ކަނޑައެޅި، ބާރު ލިބޭ އެއްޗެއްގެ ގޮތުގައި ކަމަށެވެ. މިކަން އެހެން އޮންނަނީ ވަރަށް މުހިއްމު ސަބަބަކަށްޓަކައި ކަމަށާއި ކޯޓުތަކުގެ ނިންމުން ކޮންމެ ދުވަހު ބަދަލު ކުރާ ނަމަ ދުވަހަކު ވެސް މިކަަމަށް ނިމުމެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަން އެމޭރުމުން ކުރާ ނަމަ ފަނޑިޔާރުގެ އަށް އިތުބާރު ގާއިމް ނުކުރެވޭނެ ކަަމަށާއި ކޯޓުތަކުން ނިންމާ ނިންމުންތަކަކީ ރައްޔިތުން ބަލައިގަންނަ ނިންމުންތަކަށް ވެސް ނުހެދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސުޕްރީމް ކޯޓުގެ ނިންމުން ރިވިއު ކުރަނީ ވަރަށް ހާއްސަ ހާލަތްތަކުގައި ކަމަށެވެ.

"މި މައްސަލައިގައި ހުރި ގާނޫނީ ނުކުތާތަކަށް ބަލާ އިރު އަޅުގަނޑަކަށް ބުރައެއް ނުވެވޭ މި މައްސަލައިގަ އަޅުގަނޑުމެން ރިވިއު ކޮށްގެން ވެސް ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކުޑަކުރެވިދާނެ ކަމަކަށް،" އޭނާ ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މާލިއްޔަތު ކޮމިޓީގައި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭނާ މިކަން ގޮތަށް ފާހަގަކުރެއްވުމުން، މެންބަރުން ވަނީ މި މައްސަލައަކީ ހާއްސަ މައްސަލައެއް ނޫންތޯ ސުވާލު ކުރައްވާފަ އެވެ. އަދި މިކަން ރިވިއު ކުރައްވަން ބޭނުން ނުވަނީ ކީއްވެގެންތޯ ތަކުރާރުކޮށް އެކި މެންބަރުން ސުވާލު ކުރެއްވި އެވެ.

ދީބާޖާގެ މައްސަލާގައި ސުޕްރީމް ކޯޓުގެ ހުކުމްގައި އެ ހުކުމް ރިވިއު ކުރާނެ ގޮތްތަކެއް ބުނެފައިވާ ކަން ބަންޑާރަނައިބު ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ފަސް ކަމެއް ހިމެނެ އެވެ.

އޭގެ ތެރޭގައި އިހްތިސޯސް ނެތް ކޯޓަކުން މައްސަލައެއް ބަލައި ފައިސަލާކޮށްފައި ވުމާއި ނިޒާމު އާންމު ނިޒާމާ ހިލާފު އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމެއް ވުމާއި ހަސްމަކު ހެދި މަކަރަކާއި ހީލަތެއްގެ މައްޗަށް ހުށަހެޅި ދޮގު ލިޔުމެއް ނުވަތަ ޑޮކިއުމެންޓެއްގެ މައްޗަށް އެ މައްސަލައިގަ ހުކުރުމެއް ކޮށްފައި އޮތުން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން ދޮގު ހެއްކެއްގެ މައްޗަށް ބިނާކޮށް ނިންމާ ހުކުމަކާއި ދޮގު ހެއްކެއްގެ މައްޗަށް ބިނާކޮށް ނިންމާ ހުކުމެއް ކަމަށްވާ ނަމަ ރިވިއު ކުރެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

އޭނާ ވިދާޅުވީ، މިކަންކަމަށް ބަލައިގެން ވެސް މި މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ކުރާ ނަމަ، ދައުލަތަށް އަންނަ މާލީ ބުރަ ކުޑަކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

ރިފްއަތު ވަނީ މި މައްސަލައަކީ އޭނާ އަމިއްލަ އަށް ނިންމެވި ނިންމުމެއް ނޫން ކަމަށާއި މިކަން މިގޮތަށް ނިންމެވީ ގާނޫނީ ދާއިރާގެ ގިނަ ބަޔެއްގެ ލަފާގެ މަތިން ކަމަށް ވިދާޅުވެފަ އެވެ. ރައީސް އެކުލަވާލައްވާފައިވާ ސެޓްލްމެންޓް ކޮމިޓީގައި ބަންޑާރަނައިބުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ސެޓްލްމެންޓް ކޮމިޓީން ދޭ ލަފައަށް އަމަލު ކުރަން ނުވަތަ ނުކުރަން ވެސް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ސެޓްލްމެންޓް ކޮމިޓީން ލަފާ ހުށަހެޅީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުވުމުގެ ކުރިން

މެންބަރުން ވަނީ މި މައްސަލަ ސުޕްރީމް ކޯޓުގައި ރިވިއު ކުރަން ހުށައަޅުއްވާނެ ކަމަށް ބަންޑާރަނައިބު ވިދާޅުވި ވާހަކަތައް ހަނދާންކޮށްދެއްވައިފަ އެވެ. އެކަމަކު އޭރު އެކަން ހުށަނޭޅުއްވީ ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރުންގެ ފަރާތުން އަދުލުވެރި، އިންސާފުވެރި ހުކުމެއް ނުލިބިދާނެތީ ކަމަށް ވިދާޅުވެފައި، އެ ފަނޑިޔާރުން ވަކިކޮށް، އާ ފަަނޑިޔާރުންނާ އެކު ސުޕްރީމް ކޯޓު ހިންގާ އިރު ދީބާޖާގެ މައްސަލަ ރިވިއުކުރަން އޭނާ ނުފޮނުއްވީ ކީއްވެގެންތޯ ސުވާލު ކުރައްވާފަ އެވެ.

ރިފްއަތު ވިދާޅުވީ، ސެޓްލްމެންޓް ކޮމިޓީން ގޮތެއް ނިންމައި، ލަފާ އެރުވީ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު ކަމަށާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުވެފައި ނުވާ ކަމަށެވެ.

"ފަނޑިޔާރުން ބަދަލުވުމުގެ މާކުރިން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ލަފަޔެއް އޮތީ ދީފަ،" އޭނާ ވިދާޅުވި އެވެ.

އަފީފު ވަނީ ކޯޓު މަރުހަލާގައި ދީބާޖާ އިން ބަދަލުގެ ގޮތުގައި ހޯދަން އެދުނު އަދަދުތަކަކީ ސައްހަ އަދަދުތަކެއްތޯ ދައުލަތުން ބެލިތޯ އައްސަވައިފަ އެވެ. ޖަވާބުގައި ރިފްއަތު ވިދާޅުވީ މައްސަލައެއްގައި ހުށަހަޅާ ލިޔެކިޔުންތަކުގެ ސައްހަކަން ނިންމަވާނީ ފަނޑިޔާރުން ކަމަށާއި އެކަމުގައި ދީބާޖާއިން ހުށަހަޅާފައިވާ މާލީ ހިސާބުތަކަކީ އަދުލުވެރި ބަދަލުތަކެއް ނޫން ކަމަށް ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާނެ ކަމަށެވެ.

މާލިއްޔަތު ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު-- ފޯޓޯ: ނިޝާން އަލީ/ މިހާރު

މާލިއްޔަތު ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު-- ފޯޓޯ: ނިޝާން އަލީ/ މިހާރު

ދީބާޖާއަށް މިހާރު ދިނުމަށް ނިންމާފައިވާ 174 މިލިއަން ރުފިޔާއަކީ އެންމެ އަދުލުވެރި ބަދަލު ކަމަށް ގަބޫލު ކުރައްވާތޯ ވެސް މެމްބަރުން ބަންޑާރަނައިބުގެ އަރިހުން އެއްސެވި އެވެ. ރިފްއަތު ވިދާޅުވީ 348 މިލިއަން ރުފިޔާ ދެއްކުމުގެ ބަދަލުގައި 174 މިލިއަން ދެއްކުން މާ ރަނގަޅު ކަމަށެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވީ، އަމިއްލަ ފަރާތަކާ އެކު ހަދާ އެގްރީމެންޓާ އެ ފަރާތަކުން އަމިއްލަ އަށް ހިލާފުވި ނަމަވެސް ދައުލަތުން ބޮޑެތި ބަދަލުތައް ދައްކަން ޖެހިފައިވާ ކަމީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމެއް ކަމަށެވެ.

"ފުރަތަމަ ކަމަކީ ޕޭޕާ ކުންފުނިތައް ހަދާފައި މިހާރު ވެސް އޭރު ވެސް މިކުރެވޭ ކަމަކީ ކޮންމެ ފަހަރަކު ބަދަލު ދޭން މި ޖެހެނީ ރައްޔިތުން. ރައްޔިތުންނަކީ ބޮޑު ކިރުފެލާ ގެރި ކަމަށްވާތީ. އެ ގެރިން ކިރުފެލުމަކީ ނިމުމެއް ނެތް ކަމެއް ކަމަށް ގަބޫލު ކުރެވޭ ހިސާބަށް މިދަނީ،" އޭނާ ވިދާޅުވި އެވެ.

ގާނޫނުތައް ހުއްޓަސް، އެ ގާނޫނެއްގެ ޒާތުން އަމަލު ނުކުރެވޭ ގާނޫނުތައް ހުންނަ ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭނީ ރައްޔިތުންގެ މަސްލަހަތަށް ކަމަށް އޭނާ ވިދާޅުވި އެވެ. މިހާރު ބަދަލު ދިނުމަކީ ބޮޑު އޮޅުންބޮޑުންގަނޑެއް ކަމަށާއި ގާނޫނަކަށް ބަދަލު ގެނެސްގެން ވެސް ގައުމު ލޫޓުވުން ހުއްޓުވަން ޖެހޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

އޭގެ ޖަވާބުގައި ރިފްއަތު ވިދާޅުވީ، ބަދަލު ދިނުމުގައި ދައުލަތުން އުފުލަން ޖެހޭ ބުރަ ކުޑަ ކުރުމުގެ ގޮތުން، ގާނޫނީ ގޮތުން ގެނެވެން ހުރި ބަދަލުތަކުގެ މަސައްކަތްތައް ކުރައްވާ ކަމަށެވެ.

އުތުރު ޕްރޮޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް އެމްޑީޕީގެ ވެރިކަމުގައި 2010 ގައި ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ގައި އޭރުގެ ސަރުކާރުން ބާތިލްކުރި މައްސަލާގައި ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް މި އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ. މި މައްސަލައިގެ އިތުރުން ވެސް ދައުލަތުން ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ބައެއް ކުންފުނިތަކަށް އަންނަނީ ފައިސާ ދެމުންނެވެ. މިކަމަކީ މި ސަރުކާރުން ހިންގާ ކޮރަޕްޝަނުގެ ބޮޑެތި އަމަލުތަކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ސިފަ ކުރެ އެވެ.