Roadha Mihaaru
ހައިލަމަށް ފައިސާ ދިން ކަމަށް ބުނާ މައްސަލަައެއް ބަލަނީ

އިސް ގާޒީ ހައިލަމަށް އަލްހާން ފައިސާ ދިން ކަމަށް ބުނާ މައްސަލަ ޖޭއެސްސީން ބަލަނީ

06 ނޮވެމްބަރ 2019

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ފައިސާތަކެއް ދެއްވި ކަމަށް ބުނާ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ފައިސާތަކެއް ދެއްވި ކަމަށް ބުނާ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގެ މައްސަލައިގައި އިސް ގާޒީ ހައިލަމް އިއްޔެއިން ފެށިގެން ވަނީ 60 ދުވަހަށް ވުރެ ދިގު ނުވާ ގޮތަށް ސަސްޕެންޑްކޮށްފަ އެވެ. އޭނާ ސަސްޕެންޑްކުރީ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އޭނާ ފޮނުއްވި ކުރެހުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހާފައި ހުރި ކުރެހުމެއް ހުރުމުންނެވެ.

ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިސް ގާޒީ ހައިލަމާ އެކު އަލްހާން މިދިޔަ މެއި މަހުގެ ތެރޭގައި ދެ ލައްކަ ރުފިޔާގެ މުއާމަލާތެއް ހިންގިކަން ފާހަގަ ކުރެވޭ ކަމަށް ބުނެ ފުލުހުން އިއްޔެ އެ ކޮމިޝަނަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި އެއީ ސީރިއަސް މައްސަލައެއް ކަމަށްވާތީ އެ މައްސަލަ ބަލަން އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެކަމުގެ މައުލޫމާތު މިދިޔަ ޖުލައި މަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފުލުހުންގެ ސަމާލު ކަމަށް އޮތީ ގެނެސްފަ އެވެ. އެކަމަކު އިއްޔެއާ ހަމައަށް ފުލުހުން އެކަން އެ ކޮމިޝަނަށް އަންގާފައި ނުވާތީ އެކަމުގައި ފުލުހުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެހެންވެ، އެކަން ބެލުމަށް މަޖިލީހާއި ރައީސްގެ އިތުރުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގައި އެދުމަށް ވެސް ޖޭއެސްސީން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ވައިބާ ގްރޫޕަށް ފޮނުއްވި ފޮޓޯގެ މައްސަލާގައި އިސް ގާޒީ ހައިލަމް މައާފަށް އެދިވަޑައިގެން ބަޔާނެއް ނެރުއްވާފައި ވަނިކޮށް އިއްޔެ ހެނދުނު އޭނާ ސަސްޕެންޑްކުރީ އޭނާ ބައްލަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލާގެ ހުކުމް އިއްޔެ އިއްވަން ހަމަޖެހިފައި ވަނިކޮށެވެ. އެކަމަކު އޭނާގެ ސަސްޕެންޝަނާ އެކު ހުކުމް ކުރުން ވަނީ ފަސްކޮށްފަ އެވެ.