Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

31 އޮކްޓޯބަރ 2019

ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާ ޑަބަލް ރޯލެއް ކުޅެފައިވާ ފިލްމު "ހެޕީ ހާޑީ އެންޑް ހީރު" އަންނަ ޖެނުއަރީ މަހުގެ 3 ގައި ސިނަމާތަކަށް ގެންނަން ނިންމައި ފިލްމުގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލަވަކިޔުންތެރިޔާ އަދި މިއުޒިކް ޑައިރެކްޓަރު ހިމޭޝް ރޭޝަމިއާ ޑަބަލް ރޯލެއް ކުޅެފައިވާ ފިލްމު "ހެޕީ ހާޑީ އެންޑް ހީރު" އަންނަ ޖެނުއަރީ މަހުގެ 3 ގައި ސިނަމާތަކަށް ގެންނަން ނިންމައި ފިލްމުގެ ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

ކުރިން މި ފިލްމަކީ މިދިޔަ މަހު ސިނަމާތަކަށް ގެންނަން ޕްލޭންކުރި ފިލްމެކެވެ. އެކަމަކު ފިލްމުގެ ޕްރޮމޯޝަން އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އަންނަ އަހަރަށް ފަސްކުރީ އެވެ. އެގޮތުން 12 ސިޓީއެއްގައި މީގެ ޕްރޮމޯޝަނަލް ޓުއާތަކެއް ބާއްވަން ވަނީ ނިންމައިފަ އެވެ.

"ހެޕީ ހާޑީ އެންޑް ހީރު" އަށް ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރު ކުރާނެ އެއް ސަބަބަކީ ރޭލު ސްޓޭޝަނެއްގައި ކީ ލަވަކުން ލިބުނު ސަމާލުކަމާ އެކު، ހިމޭޝްގެ ފިލްމަށް ތިން ލަވައެއް ރެކޯޑްކުރި ރާނޫ މޮންޑާލްގެ ލަވަތަކެއް ފިލްމުން އިވިގެން ދިއުމެވެ.

"ހެޕީ ހާޑީ އެންޑް ހީރު" އަކީ ރާކާ ޑައިރެކްޓްކޮށްފައިވާ ރޮމޭންޓިކް ކޮމެޑީއެކެވެ. މީގެ ބަތަލާ އަކީ ސޯނިއާ މަން އެވެ.

"ސްކޮޑް" ގެ ފުރަތަމަ ޝެޑިއުލް ނިންމާލައިފި

ބޮލީވުޑްގެ އެކްޓަރު ޑެނީ ޑެންޒޯންގްޕާގެ ދަރިފުޅު ރިންޒިން ބޮލީވުޑަށް ތައާރަފުވާ އެކްޝަން ފިލްމު "ސްކޮޑް" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ބެލާރުސްގައި ނިންމާލައިފި އެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ނިލޭޝް ސަހޭ އެވެ. "ސްކޮޑް" ގެ ބަތަލާ އަކީ ކަރަން ޖޯހަރު 2001 ގައި ގެނެސްދިން "ކަބީ ހުޝީ ކަބީ ޣަމް" ގައި ކަރީނާ ކަޕޫރު ކުޅުނު "ޕޫ" ގެ ކެރެކްޓާގެ ކުޑައިރުގެ ރޯލް ކުޅުނު މަލްވިކާ ރާޖެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާންނުކުރާ "ސްކޮޑް" ގެ މަންޒަރުތައް ހަ ގައުމެއްގައި ނަގަން ހަމަޖެހިފައިވާ އިރު، ފިލްމުގެ އެކްޝަން ޑައިރެކްޓަރަކަށް ހަމަޖައްސާފައި ވަނީ 2015 ގައި ރިލީޒް ކުރި ހޮލީވުޑް "މޭޑް މެކްސް: ފިއުރީ ރޯޑް" ގެ އެކްޝަންތައް ވެސް ޑިޒައިން ކުރި ކިއާ ބެކެވެ.

"މަރުޖާވާ" ގެ އާ ލަވައެއް

އަންނަ މަހުގެ 22 ގައި ރިލީޒްކުރާ ފިލްމު "މަރުޖާވާ" ގެ އާ ލަވައެއް ދައްކާލައިފި އެވެ.

މިލަޕް މިލަން ޒަވޭރީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދައްކައިލި އާ ލަވައަކީ ބަތަލާ ރަކުލް ޕްރީތު ސިންގްގެ ނެށުން ފެންނަ "ހޭޔާ ހޯ" އެވެ. މި ލަވައިގެ މިއުޒިކް ތަނިޝްގް ބަގްޗީ ހަދާފައިވާ އިރު، ލަވަކިޔާފައި ވަނީ ތުލްސީ ކުމާރާއި ޖުބީން ނޯޓިޔާލެވެ.

ބުޝަން ކުމާރުގެ ޓީ ސީޒާއި ނިކިލް އަދުވާނީގެ އެންމޭ އެންޓަޓައިންމަންޓުން ގެނެސްދޭ "މަރުޖާވާ" ގެ ތަރިންނަކީ ރަކުލްގެ އިތުން ސިދާތު މަލްއުތުރާ، ތާރާ ސުތާރިއާ އަދި ރިތޭޝް ދޭޝްމުކެވެ.

"ގުޑް ނިއުޒް" އަށް ޕްރޮމޯ ލަވައެއް

އަންނަ ޑިސެމްބަރު މަހުގެ 27 ގައި ރިލީޒްކުރާ ކަރަން ޖޯހަރުގެ "ގުޑް ނިއުޒް" އަށް ޕްރޮމޯޝަނަލް ލަވައެއް ރެކޯޑްކޮށް، އޭގެ ޝޫޓިން ވެސް ނިންމާލައިފި އެވެ.

ބާދުޝާ އާއި ހާޑީ ސަންދޫގެ މިއުޒިކަށް ހަދާފައިވާ ލަވައިގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯއެއް ވެސް ކަރަން ވަނީ ޓްވިޓާގައި ހިއްސާކޮށްފަ އެވެ. އެ ފޮޓޯ އިން ދެ ލަވަކިޔުންތެރިންނާ އެކު، "ގުޑް ނިއުޒް" ގެ ލީޑް ކާސްޓް ވެސް ފެނިގެން ދެ އެވެ.

އަލަށް ޑައިރެކްޝަނަށް ނިކުންނަ ރާޖް މެހެތާ ޑައިރެކްޓްކުރާ މި ފިލްމުގެ ތަރިންނަކީ އަކްޝޭ ކުމާރު، ކަރީނާ ކަޕޫރް، ދިލްޖީތު ދޮސަންޖް އަދި ކިއާރާ އަދުވާނީ އެވެ. "ގުޑް ނިއުޒް" ގައި ކިޔައިދޭނީ އައިވީއެފް ހަދައިގެން ދަރިއަކު ހޯދާ އާއިލާއެއްގެ ވާހަކަ އެވެ.

މި ފިލްމުގެ ޕޯސްޓަރު ވެސް ދާދި ފަހުން ޝޫޓްކޮށްފައިވާ އިރު އަންނަ މަހުގެ ތެރޭގައި ދައްކާލައި، ފިލްމުގެ ޓްރެއިލާ ވެސް ބެލުންތެރިންނަށް ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ.