Roadha Mihaaru
ތޯރިގް ވިދާޅުވަނީ 3 ވަޒީރަކު ވަކިކުރަން އުޅޭ ކަމަށް!

ތޯރިގް ވިދާޅުވަނީ މަލީހާއި މަހްލޫފާއި ޒަހާ ވަކިކުރަން އުޅޭ ކަމަށް!

22 އޮކްޓޯބަރ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކޮށް ސަރުކާރުގެ ތިން ވަޒީރަކު ވަކިކުރަން މަސައްކަތްކުރާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުން މަންފާ ލިބުނު ކަމަށް ތުހުމަތުކޮށް ސަރުކާރުގެ ތިން ވަޒީރަކު ވަކިކުރަން މަސައްކަތްކުރާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް ވިދާޅުވެއްޖެ އެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން މަޖިލިހުގައި މިއަދު އޮތް ބަހުސްގައި ތޯރިގް ވިދާޅުވި ތިން ވަޒީރުންނަކީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދާއި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ. ތޯރިގް ވިދާޅުވި ގޮތުގައި ތިން ވަޒީރުން ވަކިކުރަން އުޅެނީ އެ ބޭފުޅުން ބޭރުކުރާނެ އިތުރު މަގެއް ނުފެނުނީމަ އެވެ.

ތޯރިގް އެގޮތަށް ވިދާޅުވުމާ ގުޅިގެން ރިޔާސަތުގައި އިންނެވި، ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ މައުޟޫއުގައި ވާހަކަ ނުދެއްކެވޭނެ ކަމަށް ވިދާޅުވެ މައިކް ކަނޑުއްވާލައްވައިފަ އެވެ. އެހެން ތަކުރާރުކޮށް ވިދާޅުވުމަށް ފަހު، ތޯރިގް އަރިހުން ނަޝީދު އެދިވަޑައިގަތީ އިށީނދެވަޑައިގަތުމަށެވެ.

އެ ވާހަކަތައް ތޯރިގް ގަބޫލު ނުކުރައްވައި ތިން ވަޒީރުންގެ ވާހަކަ އަނެއްކާ ވެސް ފެއްޓެވި އެވެ.

ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމުގެ ތުހުމަތު ކުރި، (ވ-ކ) ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު

ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު ކަމުގެ ތުހުމަތު ކުރި، (ވ-ކ) ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު

"ކީއްވެތޯ އިސްތިއުފާން ދޭން ނޭންގެނީ؟ ހަޑި ނަމެއް އަޅުވާފައި، އެމްއެމްޕީއާރުސީގެ ލިސްޓްގެ ތެރޭގައި މި ދެންނެވި ތިން މިނިސްޓަރުން ބޭރުކޮށްލުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ކުރަނީ. އެ ވެދާނެ އެމްޑީޕީއަށް ނިސްބަތްވާ ވަޒީރުންނަށް ނުވާތީ ކަމަށް،" ތޯރިގް ވިދާޅުވި އެވެ.

ތޯރިގް އެހެން ވިދާޅުވި ނަމަވެސް، މަހްލޫފަކީ އެމްޑީޕީގެ މެމްބަރެކެވެ. އެކަމަކު މަލީހަކީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. އަދި ޒަހާ އަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓްގައި ވަޑައިގެންނެވި ބޭފުޅެކެވެ.

ތޯރިގު މިހެން ވިދާޅުވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ތޯރިގަކީ ވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މެންބަރެއް ކަމަށް ވިދާޅުވެފަ އެވެ. ތޯރިގު ދައްކަވަމުން ގެންދަވަނީ މަސްލަހަތު ހިމެނޭ ވާހަކަތަކެއް ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އެ ވާހަކަތަކަށް ތާއީދުކުރައްވައި މަޖިލީހުގެ ރައީސް ވަނީ މަސްލަހަތު ހިމެނޭ ވާހަކަތައް ނުދެއްކެވުމަށް ތޯރިގަށް އަންގަވައިފަ އެވެ. އެކަމަކު، އެ ކަން ތޯރިގް ގަބޫލެއް ނުކުރައްވަ އެވެ.

މަހްލޫފާއި ޒަހާ އާއި މަލީހްގެ ނަން ހިމެނެނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުން މަންފާ ލިބުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސިކިއުޓަ ޖެނެރަލް ބިޝާމް ތުހުމަތު ކުރެއްވި ލިސްޓުގަ އެވެ. އެކަމަކު، ވަޒީރުން ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.