Roadha Mihaaru

ރިޕޯޓު ހެދީ ފުލުހުން ދިން އެއްޗަކުން، އެ މީހުންގެ ބޮލުގައި އެޅުވުމުގެ ބޭނުމެއް ނެތް: ގާސިމް

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ރިޕޯޓު އެކުލަވާލީ ފުލުހުން ދިން މައުލޫމާތަށް ބިނާކޮށް ކަމަށާއި އެ މީހުންނަށް ފާޑު ކިޔޭނެ ސަބަބެއް ނެތް ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރިޕޯޓު ހެދީ ފުލުހުން ދިން އެއްޗަކުން: ގާސިމް
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

04 ސެޕްޓެމްބަރ 2019

ވަގަށް ނަގާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ރިޕޯޓު އެކުލަވާލީ ފުލުހުން ދިން މައުލޫމާތަށް ބިނާކޮށް ކަމަށާއި އެ މީހުންނަށް ފާޑު ކިޔޭނެ ސަބަބެއް ނެތް ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ރިލްވާނާ ގުޅޭ ގޮތުން ތައްޔާރު ކުރި ރިޕޯޓަށް މަޖިލިހުގައި ބަހުސް ކުރެއްވި އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ރިލްވާން ވަގަށް ނެގީ ފުލުހުންގެ ބޮޑު ބައިވެރިވުމާއި އިހުމާލުން ކަމަށެވެ. އަދި އެ ބޮޑު ޖަރީމާ ހިންގުމުގައި މުޅި ދައުލަތް ބައިވެރިވެފައިވާތީ އެކަމުގައި ދައުލަތުން މާފަށް އެދެން ޖެހޭނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ރިލްވާން މައްސަލައިގައި ފުލުހުން އެކަށީގެންވާ ތަހުގީގެއް ނުހިންގަ އެވެ.

އެންޓި ކޮރަޕްޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަން ގާސިމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދާޅުވީ ރިލްވާންގެ މައްސަލައިގައި ރިޔާސީ ކޮމިޝަނުން ކުރި ތަހުގީގަށް ފުލުހުން އެއްބާރުލުން ނުދޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. އަދި އެ ރިޕޯޓުގައި ހިމެނިފައި ވަނީ ފުލުހުންގެ ފަރާތުން ހޯދި މައުލޫމާތު ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސްނުއްސުއޫދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު / މިހާރު

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުސްނުއްސުއޫދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: ހުސެން ވަހީދު / މިހާރު

"ރައީސް އުފެއްދެވި ކޮމިޝަނުން މަސައްކަތެއް ކޮށްފައި ނެތެކޭ ނުބުނަން. ނަމަވެސް ޖުމްލަ ގޮތެއްގައި ފުލުހުންގެ ފަރާތުން އެއްބާރުލުން ދީގެން ހުރިހާ ކަމެއް ކުރެވިފައި ވަނީ،" ގާސިމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލިހުގެ އެމްޑީޕީގެ މެމްބަރުންނަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ މަޖިލިހުގައި ފުލުހުންގެ މުއައްސަސާ ބަދުނާމްވާ ގޮތަށް ވާހަކަ ދެއްކެވޭނެ ގޮތެއް އޮތުމަކީ އެއްގޮތަކަށް ވެސް ހަމަޖެހޭ އުސޫލެއް ނޫން ކަމަށެވެ.

"ފުލުހުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެކަމަށް އެއްބާރުލުން ދެއްވައި، އެކަމުގައި ހުރި ހުރިހާ ކަމެއްގައި އެހީތެރިވެ ދެއްވިކަން އެއީ ހަމަ ކަށަވަރުން ވެސް އެނގޭ އެއްޗެއް،" ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ގާސިމް ވަނީ ތަހުގީގު ކުރުމުގެ އެއްވެސް ގާބިލް ކަމެއް ނެތް ބަޔަކު، އެފަދަ މަސައްކަތެއް ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދަވައިފަ އެވެ. އެއީ ހަމައެކަނި ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ރިޕޯޓުގައި ހުރީ ފުލުހުން "ދީފައި ހުރި މައުލޫމާތާއި" ފުލުހުން "ދީފައި ހުރި އެއްޗެހި" ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭރުގައި ކަމެއް ގޯސްފައި ނެތެކޭ އަޅުގަނޑު ނުދަންނަވަން. އެކަމަކު، އެއީ މިއަދުގެ ފުލުހުންގެ ބޮލުގައި އަޅުވަން ޖެހޭ މައްސަލައެއް ކަމުގައި ނުދެކެން،" ގާސިމް ވިދާޅުވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އާއި ޕޮލިސް ކޮމިޝަނަރު ރިލްވާންގެ އާއިލާގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ.

ހޯމް މިނިސްޓަރު އިމްރާން އާއި ޕޮލިސް ކޮމިޝަނަރު ރިލްވާންގެ އާއިލާގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ.

މިދިޔަ އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ސުއޫދު ވިދާޅުވީ މިހާތަނަށް ލިބިފައިވާ ހެކިތަކަށް ބަލާއިރު ދީނީ ހަރުކަށި ފިކުރުގެ ބަޔަކު ވަނީ ރިލްވާން މަރާލާފައިވާ ކަމަށް ބުނެވޭ ކަމަށެވެ. އެއީ އެކަމަކު، މަރެއް ސާބިތު ކުރަން ބޭނުންވާ ވަރެއް ނޫން ކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ރިލްވާން އުޅޭ އެޕާޓްމަންޓް ކައިރިން ވަގަށް ނަގައިގެން ގެންގޮސް ރިލްވާން އެންމެ ފުރަތަމަ އެރުވީ ޑިންގީއަކަށެވެ. ޑިންގީގައި ގެންގޮސް ކަނޑުމަތިން އެހެން އުޅަނދަކަށް އަރުވައި އޭނާ މަރާލީ އެވެ. އެކަމަކު ހެކި ބަހުގައި ފުށުއެރުންތަކެއް ހުރުމުން މިއީ މަރެއް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫންކަން ސުއޫދު ފާހަގަކުރެއްވި އެވެ.

ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުކުމްކޮށްފަ އެވެ. އެކަމަކު، އެ މައްސަލަ މިހާތަނަށް އައިއިރު، ހައި ކޯޓުގައި އިސްތިއުނާފެއް ނުކުރެ އެވެ.