Roadha Mihaaru
ފުލުހުން ގަސްދުގައި އަޅާނުލީތަ؟

ފުލުހުން ގަސްދުގައި އަޅާނުލީތަ؟

05 ސެޕްޓެމްބަރ 2019

ދީނީ ހަރުކަށި ވިސްނުމާއި ފިކުރު ފުޅާވެ ރާއްޖެއިން މީހުން ހަނގުރާމައަށް ފޮނުވާކަމުގެ ތުހުމަތުތައް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަށް ވަކި ޖަމާއަތްތައް ހަދައިގެން މަސައްކަތް ކުރާ ކަމަށް އާންމުންގެ ތެރޭގައި ވާހަކަ ދެކެވުނަސް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު އެ ސުވާލުކުރުމުން ބުނީ "އެފަދަ ކަމެއް ނެތް" ކަމަށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދީނީ ހަރުކަށި ވިސްނުމާއި ފިކުރު ފުޅާވެ ރާއްޖެއިން މީހުން ހަނގުރާމައަށް ފޮނުވާކަމުގެ ތުހުމަތުތައް ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ. އެކަމަށް ވަކި ޖަމާއަތްތައް ހަދައިގެން މަސައްކަތް ކުރާ ކަމަށް އާންމުންގެ ތެރޭގައި ވާހަކަ ދެކެވުނަސް ކައުންޓަ ޓެރަރިޒަމް ސެންޓަރުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު އެ ސުވާލުކުރުމުން ބުނީ "އެފަދަ ކަމެއް ނެތް" ކަމަށެވެ.

ނަމަވެސް ގެއްލުނު މީހުންނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުން ހާމަކުރި މައުލޫމާތުތަކުން އެނގުނީ، އެއީ ހަމައެކަނި ހަގީގަތެއްކަން އެކަންޏެއް ނޫނެވެ. ފުލުހުންގެ ވަރަށް ބޮޑެތި އިހުމާލްތަކެއް ހުރި ކަން ވެސް އެނގުނެވެ.

ނޫސްވެރިޔާ ރިލްވާން އަހުމަދު ވަނީ "ގެއްލުވާލާފައި" ކަމަށް އާއިލާ އިންނާއި އޭނާގެ ރަހުމަތްތެރިން ފުރަތަމަ ދުވަހުން ފެށިގެން ވާހަކަ ދެއްކި އެވެ. ކޮމިޝަނުން ހާމަކުރި މައުލޫމާތުތަކުން އެނގެނީ އޭނާ ވަގަށް ނަގައިގެން ގެންގޮސް، ބޯ ކަނޑާލައި، މަރާލާފައިވާ ކަމެވެ. އެކަމުގެ އަޑީގައި ތިބީ، ދީނީ ހަރުކަށި ވިސްނުމުގެ ބައެކެވެ.

ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވިދާޅުވީ ދީނީ ހަރުކަށި ވިސްނުމުގެ މީހުން ޖަމާއަތްތައް ހަދައިގެން ބޮޑެތި ވައްކަންތަކާއި ފޭރުން ވެސް ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން ބީއެޗްއެމް އިން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ޖަމާކުރަން ގެންދިޔަ 1.3 މިލިއަން ރުފިޔާ ފޭރިގަތީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނިސްބަތްވާ ބައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފައިސާ ހިފައިގެން ދިޔަ މީހާގެ މޫނަށް ޕެޕަ ސްޕްރޭ ޖަހައި، މިދިޔަ މާޗު 10 ވަނަ ދުވަހު ހިންގި ފޭރުމާ ގުޅިގެން ހަ މީހަކު ފުލުހުން ހައްޔަރުކުރި އެވެ.

ދެ ސައިކަލްގައި ދިޔަ ހަތަރު މީހުން ތިބީ މޫނު ނިވާކޮށް، ހެލްމެޓް ވެސް އަޅައިގެންނެވެ. އޭގެ ފަހުން ހިންގި ބޮޑެތި ފޭރުންތަކުގައި ބައިވެރިވި މީހުން ވެސް ހެލްމެޓް އަޅައިގެން ތިބެ އެވެ.

ބީއެޗްއެމްގެ ވައްކަމާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ވަނީ މިދިޔަ މެއި މަހު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފަ އެވެ. އެއީ ފޭރުމުގައި އަމަލީ ގޮތުން ބައިވެރިވި އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކާއި 21 އަހަރުގެ މީހަކާއި އެކަން ރާވައި، ފައިސާ ފޮރުވުމުގައި ބައިވެރިވި 23 އަހަރުގެ ދެ މީހެއްގެ މައްޗަށެވެ. ނަމަވެސް ދައުވާކުރި ކަމެއް ސާފެއް ނުވެ އެވެ.

ރިލްވާން ވަގަށް ނެގިކަމުގެ ތުހުމަތު ވެސް ކުރަނީ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށެވެ.

ބޮޑެތި ފޭރުންތައް އާއްމުވާން ފެށުމުން އެކަމުގެ މައުލޫމާތު ދިނުމަށް މިދިޔަ އޭޕްރީލް މަހު ފުލުހުން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ. އެކަމަކު އެ ބައްދަލުވުމުގައި، ބޮޑެތި ވައްކަންތަކުގެ އަޑީގައި ތިބި މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ރިޔާސީ ކޮމިޝަނުން އާންމުކުރީ ފުލުހުންނަށް ކުރިން އެނގިފައި ހުރި މައުލޫމާތުތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ވިދާޅުވެފަ އެވެ. އެހެން ކަމަށް ވާ ނަމަ އެ މައުލޫމާތު ކުރިން ވެސް ފުލުހުން ނުދިނީ ކީއްވެގެން ކަމާ މެދު އެތައް ބަޔަކު ސުވާލު އުފައްދަ އެވެ. ރިޔާސީ ކޮމިޝަނުން އެ މަސައްކަތް ނުކުރި ނަމަ ހަގީގަތް އޮންނާނީ ބޮޑު ސިއްރެއްގެ ގޮތުގައިތޯ ވެސް އާންމު ބައެއް މީހުން ސުވާލުކުރެ އެވެ.

ރިޔާސީ ކޮމިޝަނުން މައުލޫމާތުތައް ހާމަކުރި އިރު، ރިލްވާންގެ މައްސަލާގައި ވެސް ފުލުހުންގެ އިހުމާލް އޮތްކަން އެނގުމުން، އެކަމާ ސުވާލުކުރުމުން ފުލުހުން ބުނީ ބަޔާނެއް ނެރޭނެ ކަމަށެވެ. ނަމަވެސް އެ ބަޔާނުގައި ހަމައެކަނި ބުނީ ރިލްވާންގެ މައްސަލައިގައި ހިމެނޭ ދެ ފުލުހުންގެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

ސުއޫދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ޖަމިއްޔާތައް ހަރަކާތްތެރިވަނީ ވަކި ސެލްތަކެއްގެ ގޮތުގަ އެވެ. މީހުން މެރުމާއި ހަމަލާދިނުމުގެ ކަންކަން ވަކި ސެލްއަކުން ކުރާއިރު ހަނގުރާމައަށް މީހުން ރެކްރޫޓުކުރާނީ ވަކި ސެލްއަކުންނެވެ. އެގޮތަށް، އެއް ސެލްއަކުން ކުރާ ކަންކަން، އަނެއް ސެލްއަކަށް ނޭނގޭނެ ކަމަށާއި އެހެންކަމުން އެއީ ބިރުވެރިކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވިދާޅުވީ ވަކި ބޮޑެތި ކުށްތައް ކުރަން ދީނީ ފިކުރުގެ ބައެއް މީހުން ޖަމާއަތް ހަދައިގެން ހަތަކާތްތެރިވާކަން އާއްމުން ދަންނަ ކަމަށެވެ. ނަމަވެސް ރިޔާސީ ކޮމިޝަނުން ހާމަކުރުމާ ހަމައަށް ރަސްމީ އެއްވެސް އިދާރާއަކުން އެކަން ކަށަވަރުކޮށްދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ސުއޫދު ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގޮތް ނޭނގޭ މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ސުއޫދު ވާހަކަދައްކަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ވިދާޅުވި ގޮތުގައި އެފަދަ މައުލޫމާތު އާއްމުންނަށް އެނގެން ޖެހޭނެ އެވެ. އެހެންވެ މިއޮތް ހުރިހާ ދުވަހު އެކަން ސިއްރުކޮށްފައި ބޭއްވުމަކީ އެންމެ ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިހާރު ހާމަކުރި މިންވަރަށް ވެސް އެކަން ބަޔާންކޮށްދިނުމުން ފާއިޒް ހުންނެވީ ހިތްހަމަޖެހިވަޑައިގެންފަ އެވެ.

"އޭރުން އެކަމުގައި ހަރަކާތްތަތެރިވާ މީހުން ހިތް މަރުވެގެންދާނެ. އެމީހުންނަށް އެނގިގެންދާނެ އެމީހުންނަށް ފާރަލާ ބަޔަކު އުޅޭކަން މުޖުތަމައުގައި،" ފާއިޒް ވިދާޅުވި އެވެ.

މާލޭގައި ހަރުކަށި ޖަމާއަތުގެ މީހުން ހަރަކާތްތެރިވަނީ ފުރުގާން މިސްކިތާއި ނޫރު މިސްކިތުގަ އެވެ. އެގޮތުން އެ މިސްކިތްތަކަށް ދާ ކުދިންގެ ތެރެއިން "ބޯކާލެވޭނެ" ކަހަލަ ކުދިން ދެނެގަނެ އެ ކުދިންނަށް ތަފާތު ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެ އެވެ. އަދި ފަހުން ސީރިޔާ ފަދަ ގައުމުތަކަށް ހަނގުރާމައަށް ފޮނުވަ އެވެ.

ފާއިޒް ވިދާޅުވީ މިހާރު އެނގުނު މައުލޫމާތުތަކާ ގުޅިގެން ބެލެނިވެރިން ވެސް ސަމާލުވާނެ ކަމަށެވެ. އެގޮތުން ދަރިން މިސްކިތަށް ފޮނުވާއިރު ރައްކާތެރިވާން ކުރިއަށް ވުރެ ބޮޑަށް ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.

ބައެއް މީހުންގެ ނަޒަރުގައި ހަރުކަށި ފިކުރުގެ މީހުން އެ ހުރިހާ ކަމެއް ހިންގާކަން ފުލުހުންނަށް އެނގޭނެ އެވެ. އޭގެ ހެއްކަކީ ރިޔާސީ ކޮމިޝަނަށް ފުލުހުން ދިން މައުލޫމާތުތަކެވެ. އެ މައުލޫމާތުތަކުން ވަރަށް ގިނަ ކަންކަން، ކޮމިޝަނަށް ފާހަގަކުރެވުނެވެ. އެންމެ ބޮޑު ސުވާލަކީ، ކަންކަން އެނގި ތިބެމެ، ފުލުހުން ގަސްދުގައި އަޅާނުލީ ހެއްޔެވެ؟

އެހެންކަމުން މީހުންގެ ފުރާނަ އަށާއި މުދަލަށް ނުރައްކާވާ މިންވަރަށް މަދު ބައެއްގެ ވިސްނުމާއި ހިޔާލު ބަދަލުވެ، ބޮޑެތި ކުށްތަކަށް އަރައިގަތުން ހުއްޓުވުމުގައި ފުލުހުންނަށް ފިޔަވަޅު އެޅިފައި ނުވުމަކީ ގައުމީ ވަރަށް ބޮޑު މައްސަލައެކެވެ.