12 އޯގަސްޓް 2019
އަންނަ މަހު ފަސް ވަނަ ދުވަހު ފެށޭ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިން ކޮލިފައިންއާ އެކު އަނެއްކާ ވެސް މި ލިބެނީ ދިވެހި ފުޓްބޯޅަ އާ ހަރުފަތަކަށް ގެންދަން ފުރުސަތެކެވެ. ސަރަހައްދީ ޗެމްޕިއަންކަން 10 އަހަރަށް ފަހު މިދިޔަ އަހަރު ރާއްޖޭން އުފުލާލި ނަމަވެސް ފެންނަން އޮތް ހަގީގަތަކީ އަދިވެސް ފުޓްބޯޅަ އަށް ހަމަޖެހުމެއް ލިބިފައި ނެތް ކަމެވެ. ކަންތައް މިހެން އޮތް ނަމަވެސް އެފްއޭއެމުން މީގެ ތިން އަހަރު ކުރިއެކޭ އެއްގޮތަށް އަނެއްކާ ވެސް އަމާޒުހިފާފައިމިވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމަށެވެ. މިއީ ޕްލޭނެއް އޮވެ، ރަނގަޅަށް މަސައްކަތްކޮށްގެން ހާސިލްވާނެ ކަމެކެވެ.
އަންނަ މަހު ފަސް ވަނަ ދުވަހު ފެށޭ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިން ކޮލިފައިންއާ އެކު އަނެއްކާ ވެސް މި ލިބެނީ ދިވެހި ފުޓްބޯޅަ އާ ހަރުފަތަކަށް ގެންދަން ފުރުސަތެކެވެ. ސަރަހައްދީ ޗެމްޕިއަންކަން 10 އަހަރަށް ފަހު މިދިޔަ އަހަރު ރާއްޖޭން އުފުލާލި ނަމަވެސް ފެންނަން އޮތް ހަގީގަތަކީ އަދިވެސް ފުޓްބޯޅަ އަށް ހަމަޖެހުމެއް ލިބިފައި ނެތް ކަމެވެ. ކަންތައް މިހެން އޮތް ނަމަވެސް އެފްއޭއެމުން މީގެ ތިން އަހަރު ކުރިއެކޭ އެއްގޮތަށް އަނެއްކާ ވެސް އަމާޒުހިފާފައިމިވަނީ އޭޝިއަން ކަޕަށް ކޮލިފައިވުމަށެވެ. މިއީ ޕްލޭނެއް އޮވެ، ރަނގަޅަށް މަސައްކަތްކޮށްގެން ހާސިލްވާނެ ކަމެކެވެ.
ގައުމީ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާޓް މިދިޔަ އަހަރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ގޮވައިގެން 2022 ވަނަ އަހަރު ގަތަރުގައި އޮންނަ ވޯލްޑް ކަޕް ކުޅެން ބޭނުންވާ ކަމަށް ބުނި ނަމަވެސް ހަގީގަތަކީ އެއީ އަދި އަތްފޯރާފަށުގައި އޮތް ކަމެއް ނޫން ކަމެވެ.
އޭޝިއާގެ މައި ފުޓްބޯޅަ އިދާރާއިން ކޮލިފައިންގެ އުސޫލުތައް ބަދަލުކޮށް ވޯލްޑް ކަޕާއި އޭޝިއަން ކަޕްގެ ކޮލިފައިން ޖޮއިންޓް ކޮލިފައިންގެ ގޮތުގައި ކުރިއަށް ގެންދަން ނިންމި ފަހުން މިއީ އެ ފޯމެޓަށް ކުރިއަށްދާ ދެ ވަނަ ފަހަރެވެ. އެންމެ ފަހުން 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕާއި މި އަހަރު ޔޫއޭއީގައި ބޭއްވި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ފުރަތަމަ ރާއްޖެ ލައްވާލި ގްރޫޕްގައި ހިމެނުނީ ގަތަރު، ޗައިނާ، ހޮންކޮން އަދި ބޫޓާން އެވެ. އެ ގްރޫޕުން އޭޝިއަން ކަޕަށް ކޮލިފައިވާނަމަ ހޯދަން ޖެހެނީ ގްރޫޕްގެ އެއް ވަނަ އެވެ. އެ ގްރޫޕްގެ ކޮލިފައިން މެޗުތަކުގައި ރާއްޖެ އަށް ލިބުނީ އަށް މެޗުން ހަ ޕޮއިންޓެވެ. އެއީ ބޫޓާން އަތުން މޮޅުވެގެން ލިބުނު ހަ ޕޮއިންޓް އެވެ. އެހެންވެ އެ ގްރޫޕުން އޭޝިއަން ކަޕަށް ދާން އޮތް ދޮރު ބަންދުވި އެވެ.
ގައުމީ ޓީމުގެ ފަރިތަކުރުންތަކެއްގެ ތެރެއިން ސެގާޓް ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަދި އެ ގްރޫޕްގެ ގަދަ ތިން ޓީމު ތެރޭގައި ރާއްޖެ ނުހިމެނޭތީ ދެން ޖެހުނީ އޭޝިއަން ކަޕް ކޮލިފައިން ޕްލޭ އޮފް ރަައުންޑްގައި ކުޅޭށެވެ. އޭގެ ފުރަތަމަ ބުރުން ޔަމަން އަތުން ބަލިވި ނަމަވެސް ދެ ވަނަ ބުރުގައި ލާއޯސް ބަލިކޮށް ރާއްޖެ ވަނީ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ހޯދައިފަ އެވެ. އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި އޮމާނާއި ފަލަސްތީން އަދި ބޫޓާނާ ވާދަކޮށް މި ގްރޫޕުން ވެސް ރާއްޖެ އަށް މޮޅުވެވުނީ ހަމައެކަނި ބޫޓާނާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. އެހެންވެ އޭޝިއަން ކަޕް އަތްފޯރާފަށުގައި އޮވެމެ ރާއްޖެ އަށް އެ ފުރުސަތު ގެއްލުނީ އެވެ.
އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް ދިއުމުގެ ހުވަފެން ހާސިލްކުރަން މީގެ ކުރިން ރާއްޖެ އަށް ރަނގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. އެއީ އޭއެފްސީ ޗެލެންޖް ކަޕުގެ ތަށި ނަގައިގެން 2011 އަދި 2015 ވަނަ އަހަރު ރާއްޖެ އަށް އޮތް ފުރުސަތެވެ. އޭގެއިން އެއް ފަހަރު މާލެ އާއި އައްޑޫގައި ބޭއްވި ޗެލެންޖް ކަޕުން ރާއްޖެ ފަރުޖައްސާލަން ޖެހުނީ ތިން ވަނަ އިންނެވެ. މިއީ މާޒީގެ ވާހަަކަތަކެވެ. އަލުން އޭޝިއަން ކަޕަށް ދާން އަމާޒުހިފާނަމަ ކުރިމަތީގައި އޮތީ މާ އުނދަގޫ ޗެލެންޖެކެވެ.
މި ފަހަރުގެ ކޮލިފައިން ގްރޫޕަށް ބަލާއިރު ރާއްޖެ ލައްވާލީ ޗައިނާ، ސީރިއާ، ފިިލިޕީންސް އަދި ގުއާމާ އެއް ގްރޫޕެއްގަ އެވެ. މި ވަގުތުގެ ހާލަތަށް ބަލާނަމަ ރާއްޖެ އަށް ބަލިކުރެވޭނެ ކަމަށް ގިނަ ބަޔަކު އެއްބަސްވަނީ ގުއާމް އެކަންޏެވެ. އެކަމަކު މަސައްކަތްކޮށް ރަނގަޅު ޕްލޭނަކާ އެކު ނިކުމެއްޖެނަމަ ޗައިނާ އާއި ސީރިއާގެ ފަހަތުން ރާއްޖެ އަށް ގަދަ ތިން ޓީމު ތެރޭގައި އޮވެވިދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރެ އެވެ. އެކަމަކު އެކަން ކުރެވެން އޮތީ ފުޓްބޯޅައިގެ ވިސްނުމުގައި އެންމެ ރަނގަޅު ހާލަތުގައި ތައްޔާރުވެގެންނެވެ.
ގުއާމް - ރާއްޖެ (ގުއާމް، ސެޕްޓެމްބަރު 5، 2019)
ރާއްޖެ - ޗައިނާ (މާލެ، ސެޕްޓެމްބަރު 10، 2019)
ސީރިއާ - ރާއްޖެ (ސީރިއާ، އޮކްޓޫބަރު 10، 2019)
ރާއްޖެ - ފިލިޕީންސް (މާލެ، ނޮވެމްބަރު 14، 2019)
ރާއްޖެ - ގުއާމް (މާލެ، ނޮވެމްބަރު 19، 2019)
ޗައިނާ - ރާއްޖެ (ޗައިނާ، 26 މާޗް، 2020)
ރާއްޖެ - ސީރިއާ (މާލެ، 31 މާޗް، 2020)
ފިލިޕީންސް - ރާއްޖެ (ފިލިޕީންސް، 9 ޖޫން 2020)
ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހޭ މެޗުތައް ރޭވިފައި ހުރި ގޮތަށް ބަލާއިރު އެޑްވާންޓޭޖް ނަގަން ބޭނުންނަމަ އެކަން ކުރެވޭނެ މަގު ވެސް އެބައޮތެވެ. ނިސްބަތުން ބަލާއިރު ފަށަން އޮތް ދެ މެޗު ވެސް ރަނގަޅެވެ. އެއީ ރަށުންބޭރުގައި ކުޅެން ޖެހުނަސް ފުރަތަމަ ކުޅެން ޖެހިފައި މި އޮތީ ގްރޫޕްގައި މި ވަގުތު ރޭންކިން އަށް ބަލާއިރު ވެސް އޮތް އެންމެ ދަށް ޓީމާ އެވެ. ގުއާމްއާ ދެކޮޅަށް އަންނަ މަހު ފަސް ވަނަ ދުވަހު ނުކުންނައިރު ތައްޔާރުވެއްޖެނަމަ މިއީ މޮޅުވެވޭނެ މެޗެކެވެ.
ގުއާމް އަކީ ރާއްޖެގެ ފުޓްބޯޅައިގައި މުޅިން އާ ތާޖުރިބާ އެކެވެ. މީގެ ކުރިން މި ދެ ޓީމު ބައްދަލުކޮށްފައެއް ނުވެ އެވެ. ރާއްޖެއާ 7928 ކިލޯމީޓަރު ދުރުގައި އޮތް ގުއާމްގައި މެޗު ކުޅެންޖެހެނީ ޓާފް ދަނޑެއްގަ އެވެ. ގުއާމް މި ވަގުތު ދުނިޔޭގެ ރޭންކިންގެ 190 ވަނައިގައި އޮތްއިރު، ރާއްޖެ އޮތީ 152 ވަނައިގަ އެވެ. އެކަމަކު މިއީ ރޭންކިން އަށް ބަަލައިގެން ގޮތް ނިންމަން އުނދަގޫ މެޗަކަށްވާނެ އެވެ. އެއީ އަމިއްލަ ދަނޑުގައި ގުއާމްގެ ނަތީޖާތައް ރަނގަޅުވުމެވެ. އެމެރިކާގެ ދަށް ޑިވިޝަނުތަކުގައި ކުޅޭ ކުޅުންތެރިން ހިމެނޭ ގުއާމުން ވަނީ އަމިއްލަ ދަނޑުގައި 2015 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި އިންޑިއާ އާއި ތުރުުކުމެނިސްތާން ބަލިކޮށް އޮމާނާ އެއްވަރުކޮށްފަ އެވެ.
އައިއޯއައިޖީ އަށް މާލޭގައި ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ވޯލްޑް ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި ގުއާމް ވަނީ އަމިއްލަ ދަނޑުގައި 5-0 އިން ބޫޓާން ބަލިކޮށްފަ އެވެ. ގުއާމްއާ ދެކޮޅަށް ކުޅޭ މެޗަށް ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައިވާއިރު، ރާއްޖޭން ޓްރެއިނިން ކޭމްޕެއް ބޭރުގައި ޖަހާނެ އެވެ.
ކޮލިފައިންގައި ރާއްޖެ އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗަކަށް މި އޮތީ މި ގްރޫޕުގައި ރާއްޖެ އަށް ބިންގަލެއް އަޅަން ލިބޭނެ އެންމެ ރަނގަޅު ފުރުސަތެވެ. އެއީ އަންނަ މަހު 10 ވަނަ ދުވަހު ގްރޫޕްގެ އެންމެ ވަރުގަދަކޮށް އޮތް ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ.
އެންމެ ފަހުން ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އާއި ޗައިނާ ބައްދަލުކުރަން އޮތް ރާއްޖޭގެ ހޯމް މެޗު ވެސް ކުޅުނީ ޗައިނާގަ އެވެ. އެއީ 2015 ވަނަ އަހަރު މިނިވަން ދުވަހުގެ ހަރަކާތްތައް ބާއްވަނިކޮށް ގަލޮޅު ދަނޑުގެ ވިނަގަނޑު ހަލާކުވުމާ ގުޅިގެންނެވެ. ބްރެޒިލަށް އުފަން ތިން ވަރަކަށް ކުޅުންތެރިންނަށް ރަށްވެހިކަން ދީ ޗައިނާ އަށް ކުޅެވޭގޮތް ހަދައިގެން އިޓަލީއާ އެކު 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ކޯޗު މާސެލޯ ލިއްޕީ ހުރީ ޗައިނާ އަލުން ވޯލްޑް ކަޕަށް ގެންގޮސްދޭން އަތުކުރި އޮޅާލައިގެންނެވެ.
ގްރޫޕުގެ ގަދަ ތިނެއްގެ ތެރެއަށް ވަންނަން ރާއްޖެ ވާދަކުރަން ޖެހޭނީ ފިލިޕީންސާ އާއި ގުއާމްއާ އެވެ. ފިލިޕީންސްއާ ދެކޮޅަށް ރާއްޖޭން ވަނީ 2014 ވަނަ އަހަރު މާލެ އާއި އައްޑޫގައި ކުރިއަށް ދިޔަ އޭއެފްސީ ޗެލެންޖް ކަޕްގައި ކުޅެފަ އެވެ. އެ ފަހަރު ސެމީ ފައިނަލުގައި އިތުރު ވަގުތުގެ ލަނޑުތަކާ އެކު ފިލިޕީންސް އިން ވަނީ ރާއްޖެ އަތުން 3-2 އިން މޮޅުވެފަ އެވެ. އޭރު ފިލިޕީންސްގައި އޮތް ޓީމާ މިހާރު ކުޅޭ ޓީމު ވަރަށް ބޮޑަށް ތަފާތެވެ.
ކޮލިފައިންގައި ރާއްޖެ އަށް ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރަކަށްވާނީ ނޮވެމްބަރު މަހު ފަސް ދުވަހުގެތެރޭގައި މާލޭގައި ގުއާމާއި ފިލިޕީންސާ ދެކޮޅަށް ކުޅެންޖެހޭ ދެ މެޗެވެ. އެ ދެ މެޗުން ރާއްޖެ އަށް ރަނގަޅު މޮޅެއް ހޯދިއްޖެނަމަ އެ އަށް ފަހު ދެން ބާކީ އޮތް ތިން މެޗަށް އިތުބާރާ އެކު ނުކުމެ ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ އެވެ.
ސީރިއާއާ ދެކޮޅަށް ރާއްޖެ ކުޅެން ޖެހޭ އަވޭ މެޗު އެ ގައުމުގައި ނުކުޅޭނެ އެވެ. ސަލާމަތީ ސަބަބުތަކާ ހުރެ ސީރިއާގެ ގިނަ ހޯމް މެޗުތައް ފަހަކަށް އައިސް ކުޅެނީ އެކި ގައުމުތަކުގަ އެވެ. ގިނަ މެޗުތައް ކުޅުނީ މެލޭޝިއާގަ އެވެ. ސީރިއާ އިން ވަނީ 1997 ވަނަ އަހަރު ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަތުން 12-0 އިން މޮޅުވެފަ އެވެ. ކޮލިފައިންގައި ރާއްޖެ އަމިއްލަ ދަނޑުގައި ކުޅޭ ފަހު މެޗުގައި އަންނަ އަހަރު މާޗް މަހު ބައްދަލުކުރާނީ ސީރިއާއާ އެވެ. ސީރިއާ އަކީ އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ޓީމެކެވެ. ރާއްޖެ ވަނީ 2012 ވަނަ އަހަރު އިންޑިއާގައި އޮތް ނެހުރޫ ކަޕްގައި ސީރިއާ އަތުން 2-1 އިން މޮޅުވެފަ އެވެ.
ފަހަކަށް އައިސް ރާއްޖޭގެ ގައުމީ ޓީމަށް ނަތީޖާ ނެރުމުގައި އެންމެ ބޮޑު މައްސަލަ އަކަށް ދިމާވަނީ ޓީމު ނެގުމުގައި ގެންގުޅޭ އުސޫލުތަކެއްގެ ސަަބަބުންނެވެ. އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ނަމުގައި ރަނގަޅު ފޯމެއްގައި ހުރި ނަމަވެސް ތަޖުރިބާކާރު ކުޅުންތެރިންނަށް ފުރުސަތު ނުދިނުމެވެ. ޓީމުން ބާކީކުރަމުން އަންނަ އެއް ކުޅުންތެރިއަކީ މިދިޔަ އަހަރު ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ގޯލު ޖަހައި ރަން ބޫޓު ހާސިލްކުރުމުގެ އިތުރުން މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަދި ދެކުނު އޭޝިއާގައި އުފެދުނު އެންމެ މޮޅު އެއް ފޯވާޑް ދަގަނޑޭ އަށް ގައުމީ ކޯޗު ސެގާޓް ފުރުސަތު ނުދޭން ފެށީ މިދިޔަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމުންނެވެ. އަދި މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕަށް ދިޔަ ޓީމުން ވެސް ފުރުސަތު ނުދެ އެވެ. ދަގަނޑޭ އަށް ފުރުސަތު ނުދޭ މައްސަލައިގައި ސެގާޓް އެކި ފަހަރު ދައްކަނީ އެކި ވާހަކަތަކަވެ. ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވި މައްސަލަ އަށް ފަހު، ސެގާޓް ބުނީ އެ އެކަމުގައި ދަގަނޑޭ މައާފަށް އެދުނީ މާ ލަހުން ކަމަށެވެ. އަދި ބައެއް ފަހަރު އޭނާ މާ މުސްކުޅީ ކަމަށް ވެސް ބުނެފައިވެ އެވެ.
ގައުމީ ކޯޗު ސެގާޓް (ކ) އާއި ދަގަނޑޭ.-- ފޮޓޯ: އެފްއޭއެމް
ސެގާޓްގެ މި ނިންމުމަކީ ޒާތީ ނިންމުމެއް ކަމަށް ބުނެ ގިނަ ބަޔަކު އަޑުއުފުލަމުން އަންނައިރު، ގިނަ ސަޕޯޓަރުން ގަބޫލުކުރާގޮތުގައި ދަގަނޑޭގެ ބޭނުން އަދިވެސް ގައުމީ ޓީމަށް ހިފޭނެ އެވެ. އަދި އޭނާގެ އެހީތެރިކަމުގައި މިހާރު ތިބި ޒުވާން ކުޅުންތެރިންނަށް އިތުރު ކުރިއެރުން ހޯދައިދޭން މަސައްކަތް ކުރެވިދާނެ އެވެ. ޔަގީނުން ވެސް ގައުމީ ޓީމުގެ 30 ކުޅުންތެރިންގެ ސްކޮޑެއް ނަގާއިރު ދަގަނޑޭ އަށް ފުރުސަތު ނުދިނުމުގައި ފުޓްބޯޅައިގެ ސަބަބެއް އޮތް ކަމަށް ނުބެލެވެ އެވެ.
ގުއާމާއި ޗައިނާ މެޗުގެ ސްކޮޑަށް ނެގި ކުޅުންތެރިން ވީއްލައިދޭން ކްލަބްތަކަށް އެފްއޭއެމުން އަންގާފައިވާއިރު، ފުރުސަތު ނުދޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަށް ބަލާއިރު ދަގަނޑޭގެ އިތުރުން މުހައްމަދު އުމެއިރާއި މުހައްމަދު އާރިފް (ބަކާ) ހިމެނެ އެވެ. އަދި ޒުވާން ކުޅުންތެރިންނަށް ބަލާއިރު މިދިޔަ އަހަރުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ވެސް ފުރުސަތު ނުދެ އެވެ.
ކޯޗެއް ޓީމު ނަގާނީ އޭނާގެ ޕްލޭނާ އެއްގޮތުގެ މަތިންނެވެ. އެކަމަކު ކުޅުންތެރިއަކު ނުނެގުމާ ބެހޭގޮތުން އެކި ފަހަރު އެކި އުޒުރު ދެއްކުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ދަގަނޑޭ ޓީމަށް ނުނެގުމާ ބެހޭގޮތުން ސެގާޓް ގިނަ ވާހަކަތަކެއް ވަނީ ދައްކައިފަ އެވެ. އެކަމަކު ދަގަނޑޭ ވެސް އަލުން ޓީމަށް އެނބުރި އަންނަން ބޭނުންކަމަށް ބުނެފައިވަނިކޮށް އޭނާ އަށް އަދި ވެސް ފުރުސަތު ނުދޭ ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަން ޖެހެ އެވެ.
މާ ގިނަ ބައެއްގެ އުއްމީދެއް ނެތި ގޮސް ވެސް ގައުމީ ޓީމުން ވަނީ ނިސްބަތުން ޒުވާން ސްކޮޑަކާ އެކު މިިދިޔަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބު ކޮށްފަ އެވެ. އެކަމަކު އޭޝިއަން ކަޕަށް ކޮލިފައިވުން ފަދަ ރާއްޖޭގެ ފުޓްބޯޅައިގައި މިހާތަނަށްވެފައި ނެތް ކަމެއް ހާސިލްކުރަން ދާއިރު، ވީ އެންމެ ފުރިހަމަ އަށް ތައްޔާރުވެ އެންމެންގެ ބައިވެރިވުން އޮންނަ މާހައުލެއްގައި ތައްޔާރުވާން ޖެހެ އެވެ. ޓީމު ނެގުމާއި ދެން ހުރި ކަންތައްތަކާ ބެހޭގޮތުން ޓީމަށް ފުޓްބޯޅައިގައި އުޅޭ ގިނަ ބަޔެއްގެ ނުރުހުން އަމާޒުވާނަމަ މީގެ ބޭނުންވާ ޓާގެޓް އަބަދުވެސް އޮންނާނީ ހާސިލްނުވެ އެވެ. އެއީ ސުވާލު އުފެދޭ ފަދަ ގިނަ ނިންމުންތަކެއްގެ ޖަވާބު ނުލިބި ކަންތައްތައް ގޯސް މިސްރާބަކަށް ދާތީ އެވެ.
"ގިނަ ގޯލު ޖަހަންޖެހޭ، އަޝްފާގަށް އިތުބާރު އޮތް"
ފިލިޕީންސަށް ލިބުނީ ނަސީބު މޮޅެއް: ސެގާޓް
އަޝްފާގާ މެދު އުފާކުރަން: ސެގާޓް
ތަފާތު ނައްތާލަންޖެހޭނީ ދަނޑުމަތިން: ސެގާޓް
މެޗު އެނބުރުނީ ޕެނަލްޓީން: ސެގާޓް
މިއީ ޒުވާން ކުޅުންތެރިންނަށް ފެށުމެއް: ކޯޗު
ޓީމުގެ ހާލަތު ރަނގަޅެއް ނޫން: ސެގާޓް
ހާލަތަށް ބަލާއިރު ނެގުނު ގައުމީ ސްކޮޑު ރަނގަޅު: ކޯޗު
ވަރުގަދަ މެޗެއް؛ ކޮރެއާއަށް ރާއްޖޭގައި ބޮޑު ލަދެއް
ތަޖިކިސްތާނުގެ އެއްބަސްވުން އާ ނުކޮށް ސެގަޓް ވަކިވެއްޖެ