Roadha Mihaaru
ލަގްޒަރީ އައިސް ކްރީމެއް، އެކަމަކު ފަކުރު

ލަގްޒަރީ އައިސް ކްރީމެއް، އެކަމަކު ފަކުރު

27 ޖުލައި 2019

އައިސް ކްރީމެއް ވެޖިއްޔާ ކާހިތް ނުވާނީ މަދު މީހެކެވެ. އެކަމަކު ސޫފާސޫފީގެ ކިރު ބޭނުންކޮށްގެން ތައްޔާރުކުރާ އައިސް ކްރީމެކޭ ބުނެފި ނަމަ ފަކުރުން ކާން ވެސް ނުކެރި ދާނެ އެވެ. ނަމަވެސް މިއީ މިހާރު ދެކުނު އެފްރިކާގައި ވައިގައި ހިފައިގެން އުޅޭ ލަގްޒަރީ އައިސް ކްރީމެއްގެ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައިސް ކްރީމެއް ވެޖިއްޔާ ކާހިތް ނުވާނީ މަދު މީހެކެވެ. އެކަމަކު ސޫފާސޫފީގެ ކިރު ބޭނުންކޮށްގެން ތައްޔާރުކުރާ އައިސް ކްރީމެކޭ ބުނެފި ނަމަ ފަކުރުން ކާން ވެސް ނުކެރި ދާނެ އެވެ. ނަމަވެސް މިއީ މިހާރު ދެކުނު އެފްރިކާގައި ވައިގައި ހިފައިގެން އުޅޭ ލަގްޒަރީ އައިސް ކްރީމެއްގެ ވާހަކަ އެވެ.

ކޭޕް ޓައުންޓް ސްޓާޓަޕެއް ކަމަށްވާ ގޯމޭ ގްރަބުން ތައްޔާރު ކުރާ އައިސް ކްރީމްގެ މައިގަނޑު އެއް ބާވަތަކީ އެކި ބާވަތުގެ ސޫފާސޫފީން ތައްޔާރު ކުރާ "އެންޓޮމިލްކް" އެވެ. އެ ކިރު އުފައްދަން ބޭނުން ކުރާ މައިގަނޑު އެއްޗަކީ ސޫތްޕެއް ކަަމަށްވާ ބްލެކް ސޮލައިޑާ ފްލައިގެ ލާވާ އެވެ.

ގްރަބުން ބުނި ގޮތުގައި އެ ބާތުގެ ކިރުން ތައްޔާރުކުރާ އައިސް ކްރީމްގެ ރަހަ މާ ބޮޑަށް ވެސް މީރެވެ. އަނެއްކޮޅުން ޑިމާންޑް ވެސް އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ.

މި އައިސް ކްރީމްގެ ތިން ފްލެވާއެއް މިހާރު ލިބެން ހުންނާނެ އެވެ. އެއީ ޗޮކްލެޓް، ޕީނަޓް ބަޓާ އަދި ކްރިސްމަސް ސްޕައިސް އެ އެވެ.

"އަހަރެމެން ވެސް ތިބީ ފުރަތަމަ މި އައިސް ކްރީމް ނެރުނު އިރު ކަސްޓަމަރުންގެ ރިއެކްޝަން އަންނާނެ ގޮތަކާ ދޭތެރޭ ވަރަށް ޖެހިލުންވެފައި،" 2017 ގައި ވުޖޫދަށް ގެނައި ގްރަބްގެ އެއް ބާނީ ލިއާ ބެޒާ ސީއެންއަށް ބުންޏެވެ. "އެކަމަކު އުންމީދު ކުރި ވަރަށް ވެސް ވެސް ފީޑްބެކް ރަނގަޅު. ވަރަށް ޑިމާންޑް ބޮޑު މިހާރު."

އޭނާ ބުނި ގޮތުގައި "އެންޓޯމިލްކް" އަކީ އާދައިގެ ޑެއިރީ ކިރާ ހިލާފަށް ފަސްގުނަ ޕްރޮޓީން ގިނަ ސިއްހަތަށް މާ ފައިދާ ރަނގަޅޫ ކިރެކެވެ. އަދި މި ބާވަތުގެ ކިރަކީ ކާބޮހައިޑްރޭޓްސް އާއި ހަކުރު ވެސް އެކުލެވިގެން ނުވާ ލެކްޓޯޒް-ފްރީ އަދި ގްލޫޓެން-ފްރީ ކިރެއް ކަމަށް ބުންޏެވެ.

"އާދައިގެ ކިރުގެ ބަދަލުގައި ބޭނުން ކުރާނެ ކިރެއްގެ ގޮތުގައި ތައްޔާރު ކުރި އެއްޗެއް އެންޓޮމިލްކަކީ. ބޭނުމަކަށްވީ ޖަނަވާރުންނާއި ގަސްގަހާގެހީގެ ބާވަތް ނޫން އެއްޗަކުން ކެއުމުގެ މުހިއްމު މާއްދާއެއް ތައްޔާރު ކުރުން،" ލިއާ ބުންޏެވެ. "މިކަމަކީ ޔޫއެން އިން ވެސް މިހާރު ހިތްވަރުދޭ ކަމެއް. އޯލްޓަޓޭނިވްތަކަށް އެބަޖެހޭ ވިސްނަން."