Roadha Mihaaru
ޑީއާރުޕީ އަލުން ވުޖޫދު މިކުރަނީ 2023 އަށް: ޖާބިރު

ޑީއާރުޕީ އަލުން ވުޖޫދު މިކުރަނީ 2023 ގެ އިންތިޚާބު ކާމިޔާބުކުރަން: ޖާބިރު

24 ޖުލައި 2019

ބަލިކަށިވެފައި އޮތް ޑީއާރުޕީ އަށް މެމްބަރުން އިތުރުކޮށް އަލުން ވުޖޫދު ކުރަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދެއްވަން ކަމަށް އެ ޕާޓީގެ އާ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބަލިކަށިވެފައި އޮތް ޑީއާރުޕީ އަށް މެމްބަރުން އިތުރުކޮށް އަލުން ވުޖޫދު ކުރަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދެއްވަން ކަމަށް އެ ޕާޓީގެ އާ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު ވިދާޅުވެއްޖެ އެވެ.

ޖާބިރު ވިދާޅުވީ ޑީއާރުޕީ "މަރުވެފައި" ދެން ނޯންނާނެ ކަމަށެވެ. ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަށް ޑީއާރުޕީ ބަދަލުވާން މާ ގިނަ ދުވަސްތަކެއް ނުނަގާނެ ކަމަށް ވިދާޅުވި އެވެ.

ގައުމާއި ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދީ އުފާވެރި މުސްތަގުބަލަކަށް ޑީއާރުޕީން ގެންގުޅޭ ވިސްނުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ވެސް ހިއްސާ ކުރައްވަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުން ފަށައި ހުރިހާ އިންތިޚާބެއްގައި ވެސް ޑީއާރުޕީ ކުރި ހޯދާނެ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ސަރުކާރު ޒިންމާދާރު ކުރުވާނެ އިދިކޮޅު ޕާޓީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީގެ މަގާމު ކުރިން އަދާކުރެއްވި ޖާބިރު ވިދާޅުވި އެވެ.

މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވުމަށް ފަހު، އިދިކޮޅު ލީޑަރެއްގެ ގޮތުގައި ޖާބިރު ހަރަކާތްތެރިވެވަޑައިގަތުމާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ވިދާޅުވީ އެއީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ހަރުދަނާ އިދިކޮޅު ޕާޓީއެއް އޮތުމަށް ރައީސް ބޭނުންފުޅުވާނެ ކަމަށާއި މިހާރު އެކަމެއް މަޖިލީހުގައި ނުކުރެވޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އަޅުގަނޑާ އެއްވެސް މައްސަލައެއް ނެތް އަދި ކުރިއަށް އޮތް ތަނުގައި ވެސް ނޯންނާނެ. ވަރަށް ހެޔޮފުޅު އެމަނިކުފާނު އަޅުގަނޑަށް އެޑްވައިޒަރުކަން ދެއްވީމަ،" ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ޑީއާރުޕީ އަށް ސޮއިކުރައްވައި އެ ޕާޓީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދާ ފޯމު ހަވާލު ކުރައްވަނީ.

ޖާބިރު ޑީއާރުޕީ އަށް ސޮއިކުރައްވައި އެ ޕާޓީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދާ ފޯމު ހަވާލު ކުރައްވަނީ.

ޖާބިރު ވިދާޅުވީ މި ސަރުކާރުން ކަންކަން ކޮށްދޭ ސްޕީޑު ވަރަށް ލަސް ކަމަށާއި ރައްޔިތުން ބޭނުން ވަނީ "ހައި ސްޕީޑު" ކަމަށެވެ. އެކަމަށް މަގުފަހިކުރަން ޑީއާރުޕީން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ޑީއާރުޕީ އަށް ގުޅިވަޑައިގަތުމަށް މަޖުބޫރުވީ، އޭނާ ވިދާޅުވި ގޮތުގައި، އެމްޑީޕީން އޭނާ ބަލައި ނުގަތުމުންނެވެ. އަމިއްލަ ވަތަނުން ބޭރުގައި ވަރަށް ނިކަމެތި ހާލެއްގައި ހުންނަވައި ވެސް އެމްޑީޕީ ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެކަކީ އޭނާ ކަމަށް ޖާބިރު ވިދާޅުވި އެވެ.

"ވަރަށް ޚަރަދު ވެސް ކުރިން. ހުރިހާ ވަސީލަތްތަކެއް ވެސް މެކްސިމަމް ބޭނުން ކުރިން. އެކަމަކު އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ވެސް އަޅުގަނޑު ބަލައިނުގަތީ، ކޯޓަށް ދިޔައީމަ ހިތްހަމަނުޖެހުނު އެކަމަކު ކޯޓުން ނިމުނީ އަޅުގަނޑާ އެއްކޮޅަށް. މަޖިލީހުގެ މެމްބަރު ކަމަށް ވެސް ހޮވުނީ އަޅުގަނޑު،" ޖާބިރު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕްރައިމަރީން ބަލިވުމުން ޖާބިރު އިންތިޚާބު ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރައްވަ އެވެ. ކުރިން ގާނޫނު އޮތީ ޕްރައިމަރީން ބަލިވާ މީހުންނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތަށެވެ. އެ އިސްލާހު އުވާލީ އެ މައްސަލަ ޖާބިރު ކޯޓަށް ހުށަހަޅުއްވައިގެންނެވެ.

ޖާބިރު ވިދާޅުވި ގޮތުގައި އިދިކޮޅުގައި މަސައްކަތް ކުރިއަސް ޑީއާރުޕީ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސް އަހަރު ނުދީ ވެރިކަން ވައްޓާލާނެ ޕާޓީއެއް ނޫނެވެ. ޒިންމާދާރު ކުރުވާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ވިދާޅުވި އެވެ.

ޑީއާރުޕީ މިހާތަނަށް ސިޔާސީ މަސައްކަތް ކުރަމުން އައީ ޕީޕީއެމާއި ޕީއެންސީއާ ގުޅިގެންނެވެ. ދެން ވެސް ޑީއާރުޕީ އޮންނާނީ އެ ކޯލިޝަންގެ ތެރޭގައިތޯ ދެންނެވުމުން ޖާބިރު ވިދާޅުވީ އެ ފުރުސަތު އޮންނާނެ ކަމަށެވެ.

ކަންކަން އިސްލާހު ކުރަމުން އަންނަ އިރު އިދިކޮޅު ޕާޓީތައް ވަރުގަދަކުރުމަކީ ވެސް އޮންނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. އޭނާ އަކީ ސުމަކުން ހުރިހާ ކަމެއް ފަށައި ކާމިޔާބު ހޯދާ މީހެއް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ކާށިދު އާއި ގާފަރު ކޭބަލް ކާރުން ގުޅާލާނެ ކަމަށް ދެންނެވީ މެމްބަރުކަމަށް ހޮވުނީމަ ޖެހިގެން އަންނަ ދުވަހު އެކަން ކުރާކަށެއް ނޫން. ޕްލޭންކޮށްގެން ވިސްނުންތެރިކަމާ އެކު ކުރިއަށް ގެންދާނީ. އަޅުގަނޑަކީ ޑީއާރުޕީގެ ފައުންޑަރެއް. އެ ޕާޓީ 2023 ގައި ވެރިކަން ކުރާ ޕާޓީގެ ގޮތުގައި ނުހެދެންވީ ސަބަބެއް ނެތް،" ޖާބިރު ވިދާޅުވި އެވެ.