Roadha Mihaaru
"ނޮވެމްބާ" ގައި ވެސް މަޖޫ އާއި ޖުމަލްގެ ޖޯޑު

"ނޮވެމްބާ" ގައި ވެސް މަޖޫ އާއި ޖުމަލްގެ ޖޯޑު

22 ޖުލައި 2019

"މާމުއި" ބެލުންތެރިންނަށް ގެނެސް ދިނުމަށް ފަހު، ޑާކް ރެއިން އެންޓަޓައިންމަންޓުން އެ ސްޓޫޑިއޯގެ ފެވަރިޓް ޖޯޑް ކަމަށްވާ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާއާ އެކު "ނޮވެމްބާ" ކިޔާ ލޯބީގެ ފިލްމެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"މާމުއި" ބެލުންތެރިންނަށް ގެނެސް ދިނުމަށް ފަހު، ޑާކް ރެއިން އެންޓަޓައިންމަންޓުން އެ ސްޓޫޑިއޯގެ ފެވަރިޓް ޖޯޑް ކަމަށްވާ ޖުމައްޔިލް (ޖުމަލް) ނިމާލާއި މަރިޔަމް (މަޖޫ) މަޖުދާއާ އެކު "ނޮވެމްބާ" ކިޔާ ލޯބީގެ ފިލްމެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

ދިވެހި ސިނަމާގެ މިހާރު އެންމެ މަގުބޫލު ޖޯޑުންގެ ތެރޭގައި ހިމެނޭ މަޖޫ އާއި ޖުމަލް އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ބެލުންތެރިންގެ ބޮޑު ތަރުހީބެއް ހޯދި "އެންމެ ފަހު ވިންދާ ޖެހެންދެން" އާއި "ވާށޭ މަށާއެކީ" ގެ އިތުރުން "ވަކިން ލޯބިން" ހިމެނެ އެވެ.

"ނޮވެމްބާ" އަކީ އަލީ (ޗިއްޕެ) ޝިފާއު ޑައިރެކްޓް ކުރާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "މާމުއި" ގެ ސްކްރީންޕްލޭ ވެސް ލިޔުނު ޕްރޮޑިއުސަރު މުހައްމަދު (މޮގާ) އަލީގެ އަންހެނުން އައިޝަތު ފުއާދު ތައުފީގާއި އަހުމަދު ތޮލާލެވެ.

މަޖޫ އާއި ޖުމަލްގެ އިތުރުން "ނޮވެމްބާ" ގެ ކާސްޓުންގެ ތެރޭގައި، މި ފަހަކަށް އައިސް ޑާކް ރެއިންގެ ފިލްމުތަކުގެ ހާއްސަ ފެނިލުންތަކުން ފެންނަ އަދި ސިންގަޕޫރުގައި ދިރިއުޅޭ ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހް ވެސް ހިމެނެ އެވެ.

ޑާކް ރެއިނުން ކުރިން ބުނެފައިވާ ގޮތުގައި "ނޮވެމްބާ" އަކީ ސިންގަޕޫރްގައި ވެސް މަންޒަރުތަކެއް ނަގާނެ ފިލްމެކެވެ. ފިލްމުގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން ދިޔަ ނަމަބެސް މި ފިލްމު ބެލުންތެރިންނަށް ގެނެސް ދޭނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

ޑާކް ރެއިނުން މި އަހަރުގެ މިހާތަނަށް ވަނީ ދެ ފިލްމެއް ގެނެސް ދީފަ އެވެ. އެއީ ކޮމެޑީ ފިލްމު "މާމުއި" ގެ އިތުރުން މި އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގައި ރާއްޖޭން ވާދަ ކުރި ކްރައިމް ތުރިލާ "ގޮށްރާޅު" އެވެ.