Roadha Mihaaru
ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް އިތުރުކުރަން ފާސްކޮށްފި

ސުޕްރީމް ކޯޓްގެ ބެންޗު ހަތަކަށް އިތުރު ކުރަން މަޖިލިހުން ފާސްކޮށްފި

17 ޖުލައި 2019

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު ކުރިއެކޭ އެއްގޮތަށް ހަތަކަށް އިތުރު ކުރަން ސަރުކާރުގެ ފަރާތުން ކޯޓުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބިލް ދިރާސާ ކުރި ޖުޑިޝަރީން ވަނީ ބިލަށް އެއްވެސް ބަދަލެއް ނުގެންނަން ނިންމައި ބިލް ފާސްކޮށްފަ އެވެ.

އާޒިމް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުން ކަމަށެވެ. ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ފަސް ފަނޑިޔާރުންނެވެ.

އާޒިމް އެގޮތަށް ހުށަހެޅި ސަބަބެއްގެ ގޮތުގައި އެ ބިލުގައި ވަނީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ކުރިން އޮތްގޮތަށް ބަދަލު ކުރުމަށެވެ.

ސުޕްރީމް ކޯޓު ފުރަތަމަ އުފެއްދި އިރު އެ ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ފަހެކެވެ. އެހެން ނަމަވެސް 2010 ވަނަ އަހަރު އެކޯޓްގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރި އެވެ. އޭގެ ފަހުން 2014 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހަޅައިގެން ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލުކުރީ އެވެ. އޭރު އެގޮތަށް ބަދަލު ކުރީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ފާއިޒާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ މަގާމު ގެއްލުވައިލަން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރުކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ދާއިރު އެ ކޯޓްގެ ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އަންނަނީ ބަލަމުންނެވެ.

ސުޕްރީމް ކޯޓްގެ ބެންޗު ހަތަކަށް އިތުރު ކުރަން މަޖިލިހުގެ އެމްޑީޕީގެ މެމްބަރުން ވަނީ ތާއީދު ކުރައްވައިފަ އެވެ. އެކަމަކު، ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރު ކުރުމުން އަހަރަކު 7.9 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހުމަކީ ވިސްނާލަން ޖެހޭ ކަމެއް ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.