ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދިރިއުޅޭތާ އެތައް ދުވަހެއްވީ އިރު ވެސް، އޭނާ ރާއްޖެ ގެނައުން ލަސްވާތީ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
01 ޖުލައި 2019
ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދިރިއުޅޭތާ އެތައް ދުވަހެއްވީ އިރު ވެސް، އޭނާ ރާއްޖެ ގެނައުން ލަސްވާތީ ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައިވާ ގޮތުން ލުތުފީ އަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފަށް ވެރިކަމަށް އެރުމަށް ގަސްތުކޮށް، ސިފައިންގެ މައި މަރުކަޒު ހިފުމަށް ނުރައްކާތެރި ހަތިޔާރާ އެކު ލަންކާގެ ޕްލޮޓް ޖަމާއަތުގެ ހަނގުރާމަވެރިންތަކަކާ އެކު ރާއްޖެ އަށް ހަމަލާދީ ދިވެހި ސިފައިންނާއި އާންމުންގެ ތެރެއިން 19 ދިވެހިން ޝަހީދުކޮށްލުމުގައި ބައިވެރިވި އެންމެ އިސް މީހާ އެވެ. ސިފައިންނާއި އާންމުންގެ އެތައް ބައެއް ޒަހަމްކޮށްލައި ރަހީނުކޮށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެތައް އާންމުން ނުރައްކާތެރި ހާލަތަކަށް ވައްޓާލި ލުތުފީ ރާއްޖޭގެ ހައި ކޯޓުގެ ގަޒިއްޔާ އިން މެރުމަށް ހުކުމްކޮށްފައިވާ ކަން އެ މައްސަލައިގައިވެ އެވެ.
ހައި ކޯޓުން އޭރު ލުތުފީ މެރުމަށް ހުކުމް ކުރި ނަމަވެސް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ.
ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރުވާލައި ފިހާރަތައް ލޫޓުވައި މުދާ ފޭރި، އަދި ހުވަފަތްވެ އަދި ޔަތީމްވެފައިވާ އެތައް ރައްޔިތުންގެ ހިތުގެ އިހްސާސްތަކާއި ގުޅިފައިވާ ލުތުފީ ހައި ކޮމިޝަން ގައި ދިރިއުޅޭ އެއް މަހާއި 24 ދުވަސް ފަހުން ފުލުހުން ބަޔާން ނެރެ، އެކަން ކަށަވަރުކޮށްދިން ކަމަށް މައްސަލައިގައިވެ އެވެ.
އޭގެ ފަހުން 48 ގަޑިއިރު ތެރޭގައި ލުތުފީ ރާއްޖެ ގެންނާނެ ކަމުގެ މައުލޫމާތު ސަރުކާރުން ދިނުމަށް ފަހު އަދިވެސް އޭނާ ރާއްޖެ ގެނެވިފައި ނުވުމާއި ފޮރިން މިނިސްޓްރީގެ ބަޔާންތަކުން އޭނާ ގެނައުމުގެ ހުރަސްތަކެއް ހުރި ކަމަށް ބުނެ އުޒުރު ދައްކާ ކަމަށް ވެސް މައްސަލައިގައިވެ އެވެ.
ކުއްލި މައްސަލައިގައިވާ ގޮތުން ލުތުފީ ރާއްޖެ ގެނައުމުގައި ސަރުކާރުން ކަންކަން ކުރަމުން ދަނީ ވަރަށް ޒިންމާދާރުކަން ކުޑަ ގޮތަކަށެވެ. ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުންފިލުވައި ދިނުމުގެ ބަދަލުގައި ފުލުހުންގެ ފަރާތުން ވެސް ފެނިގެން ދަނީ ޒިންމާ އިން ރޭކޭ ތަން ކަމަށް އެ މައްސަލައިގައިވެ އެވެ.
މީގެއިތުރުން ކުށްވެރިން ބަދަލު ކުރުމާ ބެހޭ އެއްބަސްވުމެއް ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަ އިރު، އަދި 19 ދިވެހިން ޝަހީދުކޮށްލިކަން ސާބިތުވެ މެރުމަށް ހުކުމްކޮށްފައިވާ ލުތުފީ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ކުށްވެރިޔަކު އދ. ގެ ހިމާޔަތް ހޯދައިގެން "ލިޔުންތައް ގެންގުޅޭ" ކަމަށް ބުނެ އުޒުރު ދައްކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ލުތުފީ ރާއްޖެ ގެނައުމަށް އެކަށީގެންވާ މަސައްކަތެއް ކުރާ ކަމަށް ނުދެކޭ ކަމަށް ވެސް އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައިވެ އެވެ.
ކުށެއް ނެތް 19 ދިވެހިންގެ ލޭ އޮހޮރުވައިލުމުގައި އިސްކޮށް އުޅުނު ބާޣީ ލުތުފީ އެމްބަސީ އަށް ގޮސް އަމާންދިނީ ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މޭ 1 ގަ އެވެ. ފުލުހުން އެހެން ހާމަކުރުމުން ބޮޑަށް ބެލެވުނީ ލުތުފީ އަމާން ދިނީ ލަންކާގައި ދިން ބޮމުގެ ހަމަލައާ ގުޅިގެން އެ ގައުމުގައި އުޅުމުގައި ދަތިތަކެއް ދިމާވުމުންނެވެ.
ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު އިއްޔެ ބޭއްވެވި ނިއުސް ކޮންފަރެންސެއްގައި، ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމިއްލަ އަށް ހަވާލުވީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގެ ނުވަ ތަނަކަށް ދިން ބޮމުގެ ހަމަލާގެ ކުރިން ކަމަށެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެއީ އޭޕްރީލް 20 ވަނަ ދުވަހެވެ.
ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އިރު، އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
"ލުތުފީ އެމްބަސީއަށް ދިޔައީ ބޮން ގޮއްވުމުގެ ކުރިން"
ތިން ޕޮލިސް ކޮމިޝަނަރުން އުމަރާ އެއްކޮޅަށް!
"ލުތުފީ ގެންގުޅެނީ އެމްބަސީގެ ވީއައިޕީ ކޮޓަރިއެއްގައި"
ލުތުފީ ރާއްޖެ ގެނެސް ކުށަށް އަދަބު ދޭން ޖެހޭ:އަސްލަމް
ލުތުފީގެ ޝަރީއަތް އިންސާފުވެރިއެއް ނޫން، މާފުދޭން ޖެހޭ
ލުތުފީ ގެންނަން ކުރާ މަސައްކަތް ކިޔައިދޭންޖެހޭ: ހަސަން
ލުތުފީ ފޮރުވި މައްސަލައިގައި މާފަށް އެދެންޖެހޭ:ޕީއެންސީ
ލުތުފީގެ މައްސަލައިގައި އެންމެ ފަހުން ބަޔާނެއް ނެރެފި
ލުތުފީގެ މައްސަލަ، ސަރުކާރުން ސިއްރުކުރީ ކީއްވެ؟
ލުތުފީ ފެނުނީ އާންމުން ހީކުރި ގޮތަކަށް ނޫން!