20 ޖޫން 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 2-1 އިން މޮޅުވެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ އިން ހަ ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން 2-1 އިން މޮޅުވެ ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ދަ ގްރާންޑޭ އިން ހަ ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނަ އަށް އަރައިފި އެވެ.
މިހާތަނަށް ދެ މެޗު ކުޅެފައިވާ ޓީމުތަކުގެ ތެރެއިން ދެ މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ދަ ގްރާންޑޭ އެވެ. ޔުނައިޓެޑް ވިކްޓްރީ އާއި ފޯކައިދޫ ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗުން ބަލިވީ އެވެ. ވިކްޓްރީ ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ދަ ގްރާންޑޭ އިން ވަނީ ދެ ގޯލުގެ ލީޑު ނަގައިފަ އެވެ. ފުރަތަމަ ގޯލް 25 ވަނަ މިނެޓުގައި ކާމިޔާބުކުރީ އޮބައިޑާ ކަދޫމެވެ. އަހުމަދު އިމާޒް (އާއްކޮ) ނެގި ހުރަސް ފޯކައިދޫގެ އިބްރާހިމް ހަސީބްގެ ފައިގައި ޖެހި އޭރިއާ ތެރެއިން އޮބައިޑާ އަށް ލިބުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ވައްދާލައިފަ އެވެ. ދެ ވަނަ ގޯލް 34 ވަނަ މިނެޓުގައި އޮބައިޑާ ދިން ބޯޅައަކުން ކާމިޔާބުކުރީ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ.
ފޯކައިދޫ އަށް އެއްވަރުވީ 39 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ މުހައްމަދު ނިޒާމް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. ފޯކައިދޫގެ އަންސަރު އިބްރާހިމް (އަންކޮ) ޖެހި ބޯޅަ ނިޒާމް ފައިގައި ޖެހި އެ ޓީމުގެ ގޯލްކީޕަރަށް މުހައްމަދު ފައިސަލަށް ވެސް މިސްރާބު އޮޅުނީ އެވެ.
އެކަމަކު މިދިޔަ އަހަރުގެ ސާފް ސުޒުކީ ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާ ފައިސަލް ވަނީ ދެ ވަނަ ހާފުގައި ދަ ގްރާންޑޭ ސަލާމަތްކޮށްދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. އެގޮތުން 67 ވަނަ މިނެޓުގައި ދަ ގްރާންޑޭގެ ޑިފެންޑަރެއްގެ އަތުން ދޫވި ބޯޅައެއް ހިފައިގެން ވަދެ އަންކޮ ޖެހުމުން ފައިސަލް އެ ބޯޅަ ސަލާމަތްކުރި އެވެ. އަދި 70 ވަނަ މިނެޓުގައި ފޯކައިދޫގެ ހަސަން ނަޒީމް ޖެހި ހިލޭ ޖެހުމާއި 71 ވަނަ މިނެޓުގައި އަލީ ޝާމިސް (ތޮއްޕެ) ނެގި ހުރަހަކުން އަލީ ޝާމިއު (މައިތޯ) ބޮލުން ޖެހި ބޯޅަ ވެސް ފައިސަލް މަތަކުރި އެވެ.
ފޯކައިދޫ އިން ކުރިއަށް ޖެހުނު ވަގުތު ކައުންޓާ އެޓޭކެއްގައި ދަ ގްރާންޑޭގެ އޮބައިޑާ އަށް ވަނީ ލީޑު ފުޅާކުރަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ފޯކައިދޫގެ ދެ ޑިފެންޑަރުން ކައިރިން ސަލާމަތްވެ އެކަނިމާއެކަނި އަރައި، ކީޕަރު ވެސް މަގާމުގައި ނެތް ވަގުތު، ބޭނުން ގޮތަކަށް ޖަހަން ލިބުނު ބޯޅަ އޭނާ ފޮނުވާލުމުން ދިޔައީ ގޯލާ ވެސް ސީދާ ނުވެ އެވެ. އޭގެ ފަހުން 88 ވަނަ މިނެޓުގައި ފޯކައިދޫން އެއްވަރުކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު ނަޒީމް ނެގި ހިލޭ ޖެހުމުން ހަސީބް ބޮލުން ޖެހި ބޯޅަ ވެސް ބޭކާރުވީ އެވެ.
ދަ ގްރާންޑޭގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ މިއީ ލީގުގައި ކުރިއަށްދާން ލިބުނު ވަރަށް މުހިއްމު މޮޅެއް ކަމަށާއި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތް ކަމަށެވެ. އެކަމަކު ދެ ލަނޑުގެ ލީޑާ އެކު ސަމާލުކަން ގެއްލި ޕްރެޝަރަށް ދިޔަކަން އިންމަ ފާހަގަކުރި އެވެ.
ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު ބުނީ އުނދަގޫ ވެގެން ދިޔައީ ފަސޭހަ ދެ ގޯލް ބައިކޮޅަށް ވަނުމުން ކަމަށާއި ފަހު ވަގުތު ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވުނީ ތަޖުރިބާ މަދުވުމުން ކަމަށެވެ. އޭނާ ވަނީ މެޗުގެ ފަހު ވަގުތު އެ ޓީމުން އަރުވަން މަސައްކަތްކުރި ކުޅުންތެރިޔާ އަރުވަން ރެފްރީން ހުއްދަ ނުދިމުން އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
ނިސްތާރު ބުނީ ރަޖިސްޓްރޭޝަން މައްސަލައެއް އުޅޭ ނަމަ އެ ކުޅުންތެރިޔާ އަށް ބެންޗުގައި ވެސް އިނދެވިގެން ނުވާނެ ކަމަށެވެ. އަދި އެފްއޭއެމްގެ ތައްޔާރީތަކަށް ފާޑުކިޔައި ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ރޭ ދެއްވި ވާހަކަތަކާ މެދު ވިސްނަން ޖެހޭކަން މިކަމުން ވެސް އެނގިގެން ހިނގައްޖެ ކަމަށް ބުންޏެވެ.
"މިއީ ބަލިވީމާ ދައްކާ ބަހަނާއެއް ނޫން. ކުޅުންތެރިޔާގެ (ރަޖިސްޓްރޭޝަން) ކާޑު ނެތިއްޔާ އޭނާ އަށް ބެންޗުގައި ވެސް އިނދެވިގެން ނުވާނެތާ،" ނިޝްތާރު ބުންޏެވެ.
އެންމެ ފަހުން ނިންމީ ހަ ޓީމާ އެކު ފަހު ބުރު ކުޅެން
ފޯކައިދޫ އާއި ދަ ގްރާންޑޭ އެއްވަރު
ފަހު މެޗުން މޮޅެއް، ގްރާންޑޭގެ އަމާޒު އެފްއޭ ކަޕަށް
އީގަލްސް ލީގުގެ ދެ ވަނަ ކަށަވަރުކޮށްފި
މާޒިޔާ އަށް ދަ ގްރާންޑޭ އަތުން އުނދަގޫ މޮޅެއް
ޓީސީން ފަހަތުން އަރައި ދަ ގްރާންޑޭ ބަލިކޮށްފި
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
ދަ ގްރާންޑޭ އިން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ބޮޑު މޮޅަކާ އެކު މާޒިޔާ އަށް އިތުބާރު ބޮޑުވެއްޖެ
ލީގުގެ ފަހު ބުރު ފަށާއިރު މާޒިޔާ ބޮޑު ލީޑެއްގައި