Roadha Mihaaru
ކްރީގްލާގެ ނަމަށް ހުތުރުވާ ވާހަކަދެއްކުމުން ހިތާމަކުރަން

ކްރީގްލާގެ ނަމަށް ހުތުރުވާ ގޮތަށް ސުޕްރީމް ކޯޓުން ވާހަކަ ދެއްކުމުން ހިތާމަކުރަން: އޭޖީ

02 ޖޫން 2019

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރަން އެހީ ހޯދަމުން އަންނަ، ބައިނަލްއަގުވާމީ ފެންވަރުގައި އިހްތިރާމް ހޯދާފައިވާ ތަޖުރިބާކާރު ފަނޑިޔާރު ކުޑައިމީސްކޮށް ސުޕްރީމް ކޯޓުން ވާހަކަ ދެއްކުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރަން އެހީ ހޯދަމުން އަންނަ، ބައިނަލްއަގުވާމީ ފެންވަރުގައި އިހްތިރާމް ހޯދާފައިވާ ތަޖުރިބާކާރު ފަނޑިޔާރު ކުޑައިމީސްކޮށް ސުޕްރީމް ކޯޓުން ވާހަކަ ދެއްކުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިރޭ ވިދާޅުވެއްޖެ އެވެ.

ބަންޑާރަ ނައިބު މިގޮތަށް ވިދާޅުވީ، ޝަރުއީ ދާއިރާގެ ފުރިހަމަ ދިރާސާއެއް ހެދުމަށް ޔޫއެންޑީޕީން ގެނައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލާ އަށް ފާޑުވިދާޅުވެ ސުޕްރީމް ކޯޓުން މިރޭ ނެރުނު ބަޔާނާ ގުޅިގެންނެވެ. ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ހަދާ ދިރާސާގެ ކުރިން އޭނާ ގެންދަވަނީ ގާނޫނީ ތަޖުރިބާކާރުންނާއި މުއައްސަސާތަކާ ބައްދަލު ކުރައްވަމުންނެވެ.

ޝަރުއީ ދާއިރާއާ ގުޅޭ އެކިއެކި ބައިނަލްއަގުވާމީ ޕްރޮގުރާމުތަކުގައި މަސައްކަތް ކުރައްވާ ކްރީގްލާގެ ދިރާސާގެ ރިޕޯޓް އޮގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އޭޖީ އޮފީހާ ހަވާލު ކުރަން ވަނީ ނިންމައިފަ އެވެ.

ސައުތު އެފްރިކާގެ ޝަރުއީ ދާއިރާގައި 25 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި ކްރީގްލާ، ރޭ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި، އޭނާ ފަނޑިޔާރުންނަށް ބިރު ދައްކައި މަގާމުން ދުރު ކުރާނެ ކަމުގެ އިންޒާރު ދެއްވި ކަމަށް ސުޕްރީމް ކޯޓުން ވަނީ ބުނެފަ އެވެ. ފަނޑިޔާރުން މަގާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި ހުތުރުކޮށް އަދި އިހާނެތި ގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން ރަނގަޅު ވާނީ މަގާމު ދޫކޮށްލެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ރައްޔިތުންނަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް ޖުޑިޝަރީ އަށް އިތުބާރު ގެއްލިފައި އޮތް ދަނޑިވަޅެއްގައި ސުޕްރީމް ކޯޓުން އެ ބީދައިން ވާހަކަ ދެއްކުމަކީ ފަނޑިޔާރުގެއާ މެދު އޮންނަ އިތުބާރު އިޔާދަކުރެވޭނެ ގޮތެއް ނޫން. --އޭޖީ

އެޓާނީ ޖެނެރަލް (އޭޖީ) ރިފްއަތު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީގައި މައްސަލަތައް ހުރި ކަމީ އެންމެން ދަންނަ ހަގީގަތެއް ކަމަށެވެ. އދ. އާއި އެ ނޫން ވެސް ބައިނަލްއަގުވާމީ ޖަމިއްޔާތަކާއި ޖަމާއަތްތަކުން ނެރުނު ރިޕޯޓްތަކުގައި، ރާއްޖޭގެ ޝަރުއީ ނިޒާމް އިސްލާހް ކުރަން ސަރުކާރުތަކަށް ބާރު އަޅާފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ވަކިން ޚާއްސަކޮށް ފެބުރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި މިހާރު ވެސް އެ ކޯޓުގައި ތިއްބެވި ބައެއް ފަނޑިޔާރުން ޝާމިލްވާ ގޮތަށް އެ އޮތީ އިއްތިފާގުވެވަޑައިގެންފައި ސުޕްރީމް ކޯޓުގެ މައްޗަށް ވެސް އަދި ޖުޑިޝަރީގެ މައްޗަށް ވެސް އެކި ސިފަސިފައިގެ ނުފޫޒު ހިމެނިފައި އޮތް ކަން،" ރިފްއަތު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ކްރީގްލާގެ ބައްދަލުވުމުގައި ފަނޑިޔާރުންނަށް އިންޒާރު ދެއްވި ކަމަށް ސުޕްރީމް ކޯޓުން ބުނޭ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން: ކްރީގްލާގެ ބައްދަލުވުމުގައި ފަނޑިޔާރުންނަށް އިންޒާރު ދެއްވި ކަމަށް ސުޕްރީމް ކޯޓުން ބުނޭ.

ރިފްއަތު ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމާ މެދު އުފެދިފައިވާ ކިލަބުކަން ނައްތާލައި ރައްޔިތުންގެ އިތުބާރު ގާއިމްކުރުމަށް ފަނޑިޔާރުގެ އިސްލާހު ކުރުމަކީ މި ސަރުކާރުގެ މެނިފެސްޓޯ އާއި އެޖެންޑާ 19 ގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދު ކަމަށެވެ.

"ރާއްޖޭގެ ރައްޔިތުންނަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް ޖުޑިޝަރީ އަށް އިތުބާރު ގެއްލިފައި އޮތް ދަނޑިވަޅެއްގައި ސުޕްރީމް ކޯޓުން އެ ބީދައިން ވާހަކަ ދެއްކުމަކީ ފަނޑިޔާރުގެއާ މެދު އޮންނަ އިތުބާރު އިޔާދަކުރެވޭނެ ގޮތެއް ނޫން،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހެޔޮނިޔަތުގައި ފަނޑިޔާރުގެ އިސްލާހުކުރުމަށް އެކަށީގެންވާ ވަގުތު ސުޕްރީމް ކޯޓާއި ޖުޑިޝަރީ އަށް ވެސް ލިބުނު ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ކޮންމެ މަޝްވަރާއެއް ނުވަތަ އެ މަގަށް ކުރާ ކޮން މަސައްކަތަކަށް ސަރުކާރުގެ އެއްބާރުލުން ދޭނެ ކަމަށް ވިދާޅުވި އެވެ.

"ސަރުކާރުން ރައްޔިތުންނަށް ވީ އެންމެ ބޮޑު ވައުދަކީ ފަނޑިޔާރުގެ އިސްލާހު ކުރުން. އެކަން އަޅުގަނޑުމެން ކުރަން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ރައްޔިތުން ބޭނުންވާ ގޮތަކީ އެއީ ކަމަށް ވާތީ. އެ ވައުދު ފުއްދުމަކީ އަޅުގަނޑުމެންގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަމެއް،" އޭޖީ ވިދާޅުވި އެވެ.

ޝަރުއީ ނިޒާމް އިސްލާހު ކުރާ އިރު، ބަންޑާރަ ނައިބު ދެކެވަޑައިގަންނަވާ ގޮތުގައި، ގިނަ ބަދަލުތަކެއް ގެންނަން ޖެހެ އެވެ. އެ ކަންކަން އެޖެންޑާ 19 ގައި ހިމަނާފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރަން ފިޔަވަޅު އެޅުމާއި ރާއްޖޭގައި ކަނޑައެޅޭ ވަކި ސަރަހައްދުތަކެއްގައި ޑިސްޓްރިކްޓް ކޯޓުތައް އުފެއްދުމާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކު އައްޔަންކުރުން ހިމެނޭ ކަމަށެވެ.

މީގެއިތުރުން ރައްޔިތުން އެދޭ ފަދައިން ފަނޑިޔާރުންގެ މަސައްކަތުގެ އަޚުލާގާއި ސުލޫކީ މައްސަލަތައް ވެސް ބެލެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

އޭޖީ ވިދާޅުވީ ކަމެއް އިސްލާހު ކުރާ އިރު ބަދަލުތައް އަންނާނެ ކަމަށާއި އެކަން ކަން ކުރިއަށް ގެންދަން ވާނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށެވެ.

"އަޅުގަނޑު ދޭން އޮތް ޔަގީން ކަމަކީ އެފަދަ ކަމެއް ކުރާއިރުގައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމުގައި ވިޔަސް އަދި ސަރުކާރުގެ ތެރެއިން އެފަދަ ބަދަލުތަކެއް ގެންނެވި ކަމުގައި ވިޔަސް ގާނޫނީ އިމުގެ ތެރެއިން މެނުވީ އެކަމެއް ނުކުރާނަން. އަދި އެކަންކަން ކުރާނީ ޑިއު ޕްރޮސެސް އާއި ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން ކަން. އެއާއެކު ގާނޫނީ އިމުގެ ތެރެއިން ދޭން ޖެހޭ ރައްކާތެރިކަމާއި ހިމާޔަތް އޮންނާނެ ހަމަ ހުރިހާ ފަރާތްތަކަކަށް ވެސް،" އޭޖީ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ބުނިގޮތުގައި، ބައިނަލްއަގުވާމީ ކޮންސަލްޓަންޓެއްގެ ދައުރަކަށް ވާން ޖެހޭނީ ޕްރޮފެޝަނަލް ކަމާއި މިނިވަންކަމާ އެކު، ފަންނީ ލަފާދިނުމެވެ. ނަމަވެސް ކްރީގްލާގެ އަމަލުތައް ހުރީ އެގޮތަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ. އެގޮތުން، އޭނާގެ ވާހަކަތައް ހުރީ ޝަރުއީ ދާއިރާއާ މެދު ނަފްރަތާއި ތައައްސުބުން ފުރިގެން ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެ އެވެ.

"އޭނާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނާ ބައްދަލު ކުރެއްވީ، ޝަރުއީ ދާއިރާއާ އެއްވެސް މިންވަރަކަށް މަޝްވަރާ ކުރެއްވުމެއް ނެތި އަދި ކަންތައްތައް ހިނގަމުންދާ ގޮތާ މެދު ޝަރުއީ ދާއިރާގެ ބަހެއް ހޯއްދަވައި، ކަމުގެ ހަގީގަތްތައް ވެސް އޮޅުންފިލުއްވުމެއް ނެތި، ވަކި ގޮތަކަށް ވިސްނުންފުޅު ބައްޓަން ކުރައްވައިގެން އަދި ވަކި ގޮތަކަށް އަމަލު ކުރެއްވުމަށް ކުރިއްސުރެ ރާއްވަވައިގެންކަން އޭނާގެ ވާހަކަފުޅުން ސާފުކޮށް އެނގޭ،" ސުޕްރީމް ކޯޓުން ބުންޏެވެ.