Roadha Mihaaru
އިންޓަގެ ކޯޗަކަށް ކޮންޓޭ ހަމަޖައްސައިފި

އިންޓަގެ ކޯޗަކަށް ކޮންޓޭ ހަމަޖައްސައިފި

31 މެއި 2019

މިލާން (މެއި 31) - އިންޓަ މިލާނުގެ ކޯޗުކަމުން ލޫޗިއާނޯ ސްޕަލެއްޓީ ވަކިކޮށް އެ މަގާމަށް ޗެލްސީ އަދި ޔުވެންޓަސްގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މިލާން (މެއި 31) - އިންޓަ މިލާނުގެ ކޯޗުކަމުން ލޫޗިއާނޯ ސްޕަލެއްޓީ ވަކިކޮށް އެ މަގާމަށް ޗެލްސީ އަދި ޔުވެންޓަސްގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ހަމަޖައްސައިފި އެވެ.

އުމުރުން 49 އަހަރުގެ ކޮންޓޭ އިންޓައާ އެކު ސޮއިކުރީ ތިން އަހަރުގެ އެއްބަސްވުމެއްގަ އެވެ. މި އެއްބަސްވުމުގެ އަގު 10 މިލިއަން ޑޮލަރަށް އަަރާއިރު، ހޯދާ ކާމިޔާބީތަކަށް ބެލުމަށް ފަހު އިތުރު ބޯނަސްތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.

ސްޕަލެއްޓީ ވަނީ އިންޓަ އަށް ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިދީފަ އެވެ. އެކަމަކު އިންޓަ އިން އޭނާ ވަކިކުރަން ނިންމީ 2011 ވަނަ އަހަރަށް ފަހު ތަށްޓެއް ހޯދަން އެ ޓީމުން ކުރަމުން އަންނަ މަސައްކަތް ކާމިޔާބުނުވުމުގެ އިތުރުން މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން އެ ޓީމު ކެޓުމުންނެވެ.

ކޮންޓޭ ވަނީ އޭނާ އެންމެ ފަހުން ކޯޗުކޮށްދިން ޓީމުތަކުގައި ތަފާތު ދައްކައިފަ އެވެ. ޔުވެންޓަސްއާ އެކު އިޓާލިއަން ލީގު ތިން ފަހަރު ކާމިޔާބުކުރިއިރު، ޗެލްސީއާ އެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރިއެވެ. ޗެލްސީގެ ކޯޗުކަމުން މިދިޔަ އަހަރު ވަކިކުރި ނަމަވެސް އޭނާ އެ ސީޒަނުގައި ވަނީ އެ ޓީމަށް އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

އިންޓައާ ހަވާލުވުމަށް ފަހު ކޮންޓޭ ބުނީ އިޓަލީގެ ފުޓްބޯޅަ އަށް އެނބުރި އައުމަކީ އޭނާ އަށް ލިބޭ ހާއްސަ އުފަލެއް ކަަމަށެވެ.

"މިއީ އަނެއްކާ ވެސް އަހަރެންގެ ހަޔާތުގެ އާ ޗެޕްޓަރެއް. އަހަރެން މިހުރީ ކެތްމަދުވެފައި. އަހަރެން އިންޓަ އަށް އަންނަން ނިންމީ މި ކްލަބްގެ އުއްމީދުތަކާއި ޕްލޭންތައް ކަމުދިޔައީމަ. އިންޓަ ބޭނުންވާ މިސްރާބަށް ކްލަބް ގެންގޮސްދޭން އަހަރެން ތައްޔާރު،" ކޮންޓޭ ބުންޏެވެ.

އިންޓަގެ ޗެއާމަން ސްޓީވް ވޭންގް ވިދާޅުވީ ކޮންޓޭ އަކީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް ފާހަގަކޮށްލެވޭ މޮޅު ކޯޗެއް ކަމަށާއި އިންޓަގައި ވެސް އޭނާ ތަފާތު ދައްކާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.