Roadha Mihaaru
"ޔާމީނަށް މާފެއް ނުކުރާނަން، ތާއީދެއް ނުކުރާނަން"

ޔާމީނަށް މާފެއް ނުކުރާނަން، ހުންނާނީ އެގޮތުގައި: އައިޝާ

14 މާޗް 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މާފުނުކުރައްވާނެ ކަމަށާއި އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ނުކުންނަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ވެސް ނުކުރައްވާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މާފުނުކުރައްވާނެ ކަމަށާއި އަދި އެމަނިކުފާނުގެ ފަރާތްޕުޅުން ނުކުންނަ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ވެސް ނުކުރައްވާނެ ކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ ރޭ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއާ ވާހަކަދައްކަވަމުން އައިޝާ ވިދާޅުވީ ސަރުކާރު ގެނައީ އެތައް ރައްޔިތުންނަކަށް ސަލާން ޖަހައިގެން ކަމަށެވެ.

"ކެމްޕޭނުގެ ތެރޭގައި ވަރަށް ރަނގަޅަށް، ވަރަށް ސާފު ބަހުން އަޅުގަނޑު ދެންނެވިން އަޅުގަނޑު ދުވަހަކު ވެސް ޔާމީނަށް މާފް ނުކުރާނެ ވާހަކަ،" އައިޝާ ވިދާޅުވި އެވެ.

"އެތައް ބައެއް، އެތައް ރައްޔިތުންނެއްގެ ކިބައިން ސަލާން ޖަހައި އާދޭސްކޮށްގެން މިއަދު އަޅުގަނޑުމެންގެ މި ސަރުކާރު ގެނައުމުގެ އެންމެ ބޮޑު މަގުސަދަކީ ރައްޔިތުންނަށް އަމާންކަމާއި އޮމާންކަމާއި އުފަލާ އެކު އުޅެވޭނެ، މިނިވަންކަމާ އެކު ނޭވާލެވޭނެ މާހައުލެއް ބިނާކުރުން،" އޭނާ ވިދާޅުވި އެވެ

އައިޝާގެ ފިރިކަލުން ގާސިމްގެ ޖުމްހޫރީ ޕާޓީން ވަނީ ރައީސް ޔާމީނުގެ ތާއީދާ އެކު ޕީޕީއެމާއި ޕީއެންސީން ނުކުންނަ ކެންޑިޑޭޓުންނަށް ކުރިއަށް އޮތް އިންތިހާބުގައި ތާއީދުކުރަން ނިންމައިފަ އެވެ.

އެކަމަކު އައިޝާ ވިދާޅުވީ ޔާމީންގެ ފަރާތްޕުޅުން ނުކުމެ ހުންނެވި ކެންޑިޑޭޓަކަށް އޭނާ ތާއީދު ނުކުރައްވާނެ ކަމަށެވެ.

"އަބްދުﷲ ޔާމީންގެ ފަރާތުން ނުކުމެ ހުރި އެއްވެސް ކެންޑިޑޭޓަކަށް ހަމަ ގައިމު ވެސް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ ވާހަކަ [މިދެންނެވީ]. އަޅުގަނޑު ހުންނާނީ ސަރުކާރާ އެކުގައި. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެންގެ މި ކޯލިޝަން، ޖޭޕީ ވެސް އޮންނާނީ ހަމަ ސަރުކާރާ އެކީ،" އައިޝާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ނިންމުމާ ދެކޮޅަށް އައިޝާ ވާހަކަ ދެއްކެވުމުން އޭނާއާ މެދު ޖޭޕީން ފިޔަވަޅެއް އަޅާނެތޯ ނުވަތަ ނޫންތޯ އަދިއެއް ނޭނގެ އެވެ. އައިޝާގެ އިތުރުން ވެސް ޖޭޕީގެ ސްލޮޓްގައި ކެބިނެޓްގައި ތިއްބެވި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެން ރަޝީދު ހަސަން ވަނީ ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓުންނަަށް ތާއީދު ނުކުރައްްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެއިން ބޭފުޅަކާ މެދު ވެސް ޖޭޕީން ފިޔަވަޅު އަޅާނެކަމެއް ނުވަތަ ނޫންކަމެއް، އެ ޕާޓީން ބުނެފައެއް ނުވެ އެވެ.