Roadha Mihaaru
ޑްރަގާ އެކު ދިވެއްސަކު އިންޑިއާ އިން ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު އިންޑިއާ އިން ހައްޔަރުކޮށްފި

06 މާޗް 2019

ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދިވެއްސަކު އިންޑިއާގެ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިގޯގެ 1787 ފްލައިޓުން ރާއްޖެ އަންނަން އުޅެނިކޮށް ހައްޔަރުކުރީ ގއ. ވިލިނގިލީ، މުހައްމަދު ސޮބާހު، 32، އެވެ.

ސޮބާހް ހައްޔަރުކުރީ އޭނާ އަތުން ގެންދަން އުޅުނު ދަބަހުގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން ބަލައި ފާސްކުރުމަށް ފަހު އެވެ. އޭނާގެ އަތުގައި 3.12 ކިލޯގެ ހަޝިޝް އޮއިލް ހުރި ކަމަށާއި އެއީ 21.9 މިލިއަން ރުފިޔާއަށް ވިއްކޭނެ މަސްތުވާތަކެތި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

މީގެ ތިން ދުވަސް ކުރިން އިންޑިއާ އަށް އެތެރެވި ސޮބާހަކީ ޑްރަގް ނެޓްވޯކަކަށް ނިސްބަތްވާ މީހެއް ކަމަށް އިންޑިއާގެ ފުލުހުން ޝައްކުކުރެ އެވެ. އޭނާގެ އަތުގައި ހުރީ ބަހްރެއިން އިން ހޯދާފައިވާ ހަޝިޝް އޮއިލް ކަމަށް ވެސް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެ އެވެ.

އިންޑިއާގެ ކަސްޓަމްސްގެ ކޮމިޝަނަރު ސަމިޓް ކުމާރު ވިދާޅުވެފައި ވަނީ ސޮބާހުގެ އަތުގައި ހުރީ ކޮންތަނަކުން ލިބުނު މަސްތުވާތަކެއްޗެއް ކަން ހޯދަން ޖެހޭ ކަމަށެވެ. އޭނާ އަތުގައި ހުރި މަސްތުވާތަކެތި އިތުރަށް ބަލަން މިިހާރު ވަނީ ކަސްޓަމްސް ލެބޯޓްރީއާ ހަވާލުކޮށްފަ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރާނީ އިންޑިއާގެ ނާކޯޓިކް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިންނެވެ.