Roadha Mihaaru
ޖަޔަސޫރިޔާ ދެ އަހަރަށް ކްރިކެޓުން ސަސްޕެންޑްކޮށްފި

ޖަޔަސޫރިޔާ ދެ އަހަރަށް ކްރިކެޓުން ސަސްޕެންޑްކޮށްފި

28 ފެބުރުއަރީ 2019

ދުބާއީ (ފެބްރުއަރީ 28) – ލިމިޓެޑް އޯވާ ކްރިކެޓުގެ ތާރީހު ދުށް އެންމެ މޮޅު އެއް އޯލްރައުންޑާ އަދި ސްރީ ލަންކާ ކުރީގެ ކެޕްޓަން ސަނަތު ޖަޔަސޫރިޔާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ އެންޓި-ކްރަޕްޝަން ކޯޑާ ހިލާފުވެފައިވާ ކަމަށް އެއްބަސްވުމުން އޭނާ ދެ އަހަރަށް ކްރިކެޓުގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދުބާއީ (ފެބްރުއަރީ 28) – ލިމިޓެޑް އޯވާ ކްރިކެޓުގެ ތާރީހު ދުށް އެންމެ މޮޅު އެއް އޯލްރައުންޑާ އަދި ސްރީ ލަންކާ ކުރީގެ ކެޕްޓަން ސަނަތު ޖަޔަސޫރިޔާ، އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) ގެ އެންޓި-ކްރަޕްޝަން ކޯޑާ ހިލާފުވެފައިވާ ކަމަށް އެއްބަސްވުމުން އޭނާ ދެ އަހަރަށް ކްރިކެޓުގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފި އެވެ.

ލަންކާ އަށް 1996 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ޖަޔަސޫރިޔާ އަށް އައިސީސީން އަދަބު ދިނީ ލަންކާގެ ކްރިކެޓާ ގުޅޭ ކޮރަޕްޝަނުގެ ބޮޑު މައްސަލައެއްގެ ތަހުގީގަކަށް ފޯނާއި ސިމްކާޑު ނުދިނުމުންނެވެ.

އައިސީން 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޖަޔަސޫރިޔާ ގާތު ފޯނު ދޭން އެދުމުން އޭނާ ދެ ފޯން ދިނެވެ. އެކަމަކު ޖެހިގެން އައި ދުވަހު ބުނީ އިތުރު ދެ ފޯން އަދި އޮތް އެކަމަކު އެ ދެ ފޯން ޖީބުގައި އޮއްވާ ކޮލަމްބޯގެ ކޮންމެވެސް ހިސާބަކަށް ވެއްޓި ގެއްލިފައިވާ ކަމަށެވެ. ފަހުން އޭނާ ވަނީ އޭގެ ތެރެއިން އެއް ފޯނު ހަލާކުކޮށްލީ ގަސްދުގައި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު ތަހުގީގު އޮފިޝަލުން އެ ފޯނަށް ގުޅިއިރު ރިންގުވެފައިވާތީ، ޖަޔަސޫރިޔާ ހެދި ދޮގެއްކަން އެނގުނެވެ.

އެހިސާބުން އޭނާ ބުނީ ހަލާކުވި އެއް ފޯނުގެ ސިމް ކާޑް ރިކަވާކޮށް އޭނާގެ ޑްރައިވަރު އެ ސިމް އެހެން ފޯނަކަށް ލެއްވީ ކަމަށެވެ. އެ ފޯނުން އޭނާ ފޯނުނުކުރާ ކަމަށާއި އެކަމަކު މެސެޖްތައް ބެލުމަށް ބޭނުންކުރި ކަމަށާއި އަދި ހަފުތާ ބަންދުގައި ޑްރައިވަރު އެ ފޯން ބޭނުންކުރި ކަމަށް ޖަޔަސޫރިޔާ ބުންޏެވެ. އަދި ފޯން ރިންގީ ޑްރައިވަރު އަތުގައި އޮއްވާ ކަމަށް ވެސް ބުންޏެވެ.

އެހެންވެ އޮފިޝަލުން ވަނީ ހެކި ފޮރުވުމާއި ބަދަލުގެނައުމާ އެކު ނުވަތަ ހެކި ނައްތާލުމުގެ މައްސަލައިގައި ޖަޔަސޫރިޔާގެ މައްޗަށް ދައުވާ އުފުލައިފަ އެވެ. ޖަޔަސޫރިޔާ ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމި އައިސީސީގެ އެންޓި ކޮރަޕްޝަން ޔުނިޓުގެ ޖެނެރަލް މެނޭޖަރު އެލެކްސް މާޝެލް ވިދާޅުވީ މިކަމުން އެނގިގެން ދިޔައީ ތަހުގީގަށް އެއްބާރުލުން ދިނުމުގެ މުހިއްމުކަން ކަމަށެވެ.

އެކަމަކު ޖަޔަސޫރިޔާ ބުނީ މިކަމުން އެނގިގެން ދިޔައީ އޭނާގެ މައްޗަށް ކޮރަޕްޝަނާއި ބެޓިން އާއި އެތެރޭގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތެއް ނެތްކަން ކަމަށެވެ. އަދި ތަހުގީގަށް އެއްބާރުލުން ނުދިން ކަމަށް އެއްބަސްވީ ކްރިކެޓަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނާއި ކްރިކެޓުގެ ހިމާޔަތުގައި ކަމަށެވެ.

ލަންކާގެ ގައުމީ ޓީމުގެ ކެޕްޓަންކަން 1999 އިން 2003 އަށް ކުރި ޖަޔަސޫރިޔާ ވަނީ ލިމިޓެޑް އޯވާ ކްރިކެޓުގައި 12،000 އަށް ވުރެ ގިނަ ލަނޑު ހަދައި 232 ވިކެޓް ނަގައިފަ އެވެ. އޭނާ ވަނީ ލަންކާ އަށް ކުޅެދިން 110 ޓެސްޓް މެޗުގައި، މެޗަކަށް އެވްރެޖްކޮށް 40.07 ލަނޑު ހަދައިފަ އެވެ. ކްރިކެޓް ކުޅުން 2012 ވަނަ އަހަރު ހުއްޓާލައި ޖަޔަސޫރިޔާ ވަނީ ލަންކާގެ ސިލެކްޝަން ކޮމިޓީގެ ޗެއާމަންކޮށް 2014 ވަނަ އަހަރުގެ ޓީޓެވެންޓީ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ލަންކާ ހޯދުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އޭނާ ވަނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަންކޮށް ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމް ވެސް ފުރައިފަ އެވެ.