23 އޯގަސްޓް 2016
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މާފުށީ ޖަލުގައި އެކަހެރިކޮށްފައި ބަހައްޓާތީ އާއި ޖަލުން ލިބޭ ބައެއް ހިދުމަތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މަހްލޫފްގެ އާއިލާ އިން އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މާފުށީ ޖަލުގައި އެކަހެރިކޮށްފައި ބަހައްޓާތީ އާއި ޖަލުން ލިބޭ ބައެއް ހިދުމަތްތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް މަހްލޫފްގެ އާއިލާ އިން އެ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅައިފި އެވެ.
މަހްލޫފްގެ އާއިލާއިން އެޗްއާރުސީއެމަށް ހުށަހެޅީ މައިގަނޑު ދެ މައްސަލައެކެވެ. އެއް މައްސަލައަކީ އެހެން ގައިދީންނާ ވަކިން މަހްލޫފް އެކަހެރިކޮށްފައި ވަކި ތަނެއްގައި ބެހެއްޓުމެވެ. ދެވަނަ ކަމަކަށް ހުށަހެޅީ ސިއްހީ ގޮތުން ގެއްލުން ލިބިދާނެ ފަދަ ކާބޯތަކެތި މަހްލޫފަށް ފޯރުކޮށްދޭ ކަމަށް ބުނާ މައްސަލަ އެވެ.
މަހްލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް (ނަޒޫ) މިއަދު ވިދާޅުވީ ސިޔާސީ ހުކުމެއްގައި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ މަހްލޫފް ހުންނަވާ ތަނަށާއި ކެއުން ބުއިމަށް ދަތި ކުރަމުންދާ ކަމަށެވެ. އަދި އޭނާ ބަހައްޓާފައި ހުންނަނީ ވަރަށް ބާވެފައި ހުރި ކޮޓަރިގަނޑެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަހުލޫފަށް ހުކުމް ކުރުމުގެ ޝަރީއަތުގެ މަޖިލީހެއް ކުރިއަށް ދިޔައިރު އޭނާގެ އަނބިކަނބަލުން (މ) ކޯޓު ބޭރުގައި -- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"ޖަލުގައި ހުރުމަށާއި ކެއުން ބުއިމަށް ދަތިކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން،" ނަޒޫ ވިދާޅުވި އެވެ.
އެކަހެރި ބައްދަލުވުންތަކަށް ދިޔައިރު، މަހްލޫފް ހުންނަ ކޮޓަރި ވަރަށް ބޮޑަށް ބާވުމާއި ފާހަނާ ހަޑިކޮށް ހުރުމާއި ބޭރު ފެންނަ ގޮތަށް ހުރުމާއި މަހްލޫފަށް ގެންނަ ކާ އެއްޗިއްސަށް "ހިނި އާއި އިސްތަށި" އަޅާފައި ހުރުން ފާހަގަ ކުރެއްވުނު ކަމަށް ވެސް ނަޒޫ ވިދާޅުވި އެވެ.
"މަހްލޫފް އެލާޖިކްވުމަށް މެދުވެރިވަނީ ޖަލުން ދެމުން އަންނަ ކާއެއްޗެހީގެ ސަބަބުން. ރޫމްތެރެ ވަރަށް ބޮޑަށް ބަންދުކޮށްލާފައި ހުންނަނީ،" އޭނާ ވިދާޅުވި އެވެ.
"ގޮދަނޑިއަކާއި ބެޑްޝީޓެއް ވެސް އޮވޭ ދީފައި. އެކަމަކު އެ ވެސް ވަރަށް ބާވެ، ގިނަ އަހަރުތަކެއް ވެފައި ހުރިކަން ރަނގަޅަށް ބަލާލީމަ އެނގޭ."
ޖަލުގައި ހުރުމަށާއި ކެއުން ބުއިމަށް ދަތިކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން، --ނަޒޫ
ނަޒޫ ވިދާޅުވި ގޮތުގައި މަހްލޫފް ކައިރީގައި ހޭދަކުރައްވަން ކުރިން ދެ ގަޑިއިރު ލިބޭއިރު، މިހާރު އެ ވަގުތު އެއް ގަޑިއިރަށް ވަނީ ކުޑަކޮށްފަ އެވެ. ނަޒޫ ތުހުމަތުކުރެއްވި ގޮތުގައި އެއީ ބަޔަކު ރާވައިގެން މަހްލޫފް "މޮޔަ" ކޮށްލުމަށް ކުރާ ކަންކަމެވެ.
މަހްލޫފްގެ މަންމަ (މ) ކްރިމިނަލް ކޯޓު ކައިރީގައި މަޑުކޮށްލައިގެން: ޖަލުގައި މަހްލޫފާ މެދު ކަންތައް ކުރާ ގޮތާ މެދު އާއިލާ އިން ހިތްހަމައެއް ނުޖެހޭ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
މަހްލޫފް ވަނީ ދެ ފަހަރެއްގެ މަތިން މާލެ ގެނެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންނަށް ދައްކައިފަ އެވެ. އޭނާ އައިޖީއެމްއެޗަށް ގެނައީ ކަށީގެ ޑޮކްޓަރަކަށާއި ހަމުގެ ޑޮކްޓަރަކަށް ދެއްކުމަށެވެ. އަދި އޭނާގެ ބައެއް ޓެސްޓްތައް ވެސް ވަނީ ހަދައިފަ އެވެ.
މަހްލޫފްގެ އަނބިކަނބަލުންގެ ވާހަކަތައް ދޮގުކޮށް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މަހްލޫފް ހުންނަވަނީ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގެ ގޮޅިއެއްގައި ކަމަށެވެ. މަހްލޫފް އެކަހެރިކޮށްފައި ހުންނަ ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ދޮގުކުރެއްވި އެވެ.
"އެކަހެރި މިކުރަނީ ޖަލުގައި މައްސަލައެއް ދިމާވެގެން. އެކަހަލަ ހާލަތެއް ނޫން މިއީކީ. ހާއްސަ ހިމާޔަތެއްގެ ދަށުން ގޮޅިއެއްގައި މަހްލޫފް އިންނަވަނީ، އެއީ އެކަހެރި ކުރުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
އެންމެ ފަހުން ހެދި ގޮޅިތަކުން ގޮޅިއެއްގައި މަހްލޫފް ހުންނަވަނީ، މަހްލޫފަށް ޖަލުން ދޭ ހިދުމަތާ މެދު ހިތްހަމަނުޖެހިގެން ބަޔަކު ޝަކުވާއެއް ވެސް ނުކުރޭ، -ކަރެކްޝަންސް
މީޑިއާ އޮފިޝަލް ވިދާޅުވީ އެހެން ގައިދީންނާ ވަކިން މަހްލޫފް ގޮޅިއެއްގައި ބެހެއްޓި ނަމަވެސް، އޭނާގެ ކަންކަން ބަރާބަރަށް ބެލެހެއްޓުމަށް ކެމެރާއެއް ވެސް ހުންނާނެ ކަމަށެވެ. އަދި މަހްލޫފް ހުންނަވަނީ އެންމެ ފަހުން ޖަލުގައި ހެދި ގޮޅިއެއްގައި ކަމަށާއި އެތަނުގެ ފެންވަރު ރަނގަޅުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެންމެ ފަހުން ހެދި ގޮޅިތަކުން ގޮޅިއެއްގައި މަހްލޫފް ހުންނަވަނީ، މަހްލޫފަށް ޖަލުން ދޭ ހިދުމަތާ މެދު ހިތްހަމަނުޖެހިގެން ބަޔަކު ޝަކުވާއެއް ވެސް ނުކުރޭ،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ޖަލުން މަހްލޫފަށް ކާބޯތަކެތި ފޯރުކޮށްދޭ ގޮތާ އާއިލާއިން ކުރާ ޝަކުވާތަކާ ގުޅިގެން މީޑިއާ އޮފިޝަލް ވިދާޅުވީ ގައިދީން ބަލަހައްޓަމުން ދަނީ އިންސާނީ ކަރާމަތާއި އިހްތިރާމާއެކު ކަމަށެވެ. އަދި ސިއްހީ ގޮތުން ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް ހުންނަ ކާބޯތަކެތި މަހްލޫފަށް ފޯރުނުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްލޫފް އެލާޖިކްވުމަށް މެދުވެރިވަނީ ޖަލުން ދެމުން އަންނަ ކާއެއްޗެހީގެ ސަބަބުން. ރޫމް ތެރެ ވަރަށް ބޮޑަށް ބަންދުކޮށްލާފައި ހުންނަނީ،" -- ނަޒޫ
މަހްލޫފް ޖަލަށް ލި މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ވަނީ ހުށަހަޅައިފަ އެވެ. ދިވެހި ސަރުކާރަށް ރައްދުވާ ގޮތަށް އެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހެޅީ މަހްލޫފްގެ އަނބިކަނބަލުންނާއި ވަކީލާއި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކްގެ ނަމުގަ އެވެ.
އިދިކޮޅު ފަރާތްތައް ހިމެނޭ ކޯލިޝަންގެ ތަރުޖަމާނު ކަން ވެސް ކުރައްވާ މަހްލޫފް 10 މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ ފުލުހުންނަށް ހުރަސް އެޅި ކަމަށް ބުނެ އޭނާގެ މައްޗަށް ކުރި ދެ ދައުވާއެއް ސާބިތުވުމުންނެވެ. ފުރަތަމަ މައްސަލާގައި ހަތަރު މަހާއި 24 ދުވަހު ހުކުމެއް އިއްވިއިރު ދެވަނަ މައްސަލާގައި އިއްވީ ހަ މަހުގެ ޖަލު ހުކުމެކެވެ.
އެ މައްސަލަ ވޯކިން ގްރޫޕަށް ހުށަހެޅިއިރު މަހްލޫފަށް ވަކިވަކިން އިއްވި ދެ ހުކުމްގެ މައްސަލަ އޮތީ ހައި ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އެކަމަކު އެ ދެ މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓަކުން އަދި ނުފަށަ އެވެ.
އަޅުވެތި ނުވެ، މައުމޫން ގެއަށް ބަދަލުކޮށްދީ: މަހްލޫފް
ގައިދީންގެ ބޯ ބޭލުން މަޖުބޫރު ނުކުރަން ހުށަހަޅައިފި
ކަރެކްޝަންސްގެ އަމަލުތަކާ މެދު އެޗްއާރުސީއެމް ނުރުހިއްޖެ
މައުމޫންގެ ބޭސްފަރުވާ އަށް އިހުމާލުވުމުން ދައުވަކުރަނީ
އަބްދުﷲގެ މަރާ ގުޅިގެން ދައުވާ ކުރާކަށް ނުފޮނުވާ
މަހުލޫފްގެ ޖަލު ތަޖުރިބާ: ކެތްތެރިކަމުން އާ ހިތްވަރެއް
މަހުލޫފު މިނިވަން ވީމަ މާދަމާރޭ އުފާ ފާޅުކުރާނެ
މަހްލޫފަށް ޖަލުން ދޭ އިނާޔާތްތައް ކަނޑާލައިފި
މަހްލޫފަށް ނުހައްގުން ދޭ އަނިޔާ ހުއްޓާލަން ގޮވާލައިފި
މަހުލޫފް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފި