Roadha Mihaaru

ނަޝީދު މިނިވަން ކުރުމުގެ ގަރާރު ފާސްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށާއި ޕްރޮސެކިއުޓާ ޖެނެރަލަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރު އެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނަޝީދު މިނިވަން ކުރުމުގެ ގަރާރު ފާސްކޮށްފި
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

12 ނޮވެމްބަރ 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި 13 އަހަރުގެ ޖަލު ހުކުމް ބާތިލު ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށާއި ޕްރޮސެކިއުޓާ ޖެނެރަލަށް އިލްތިމާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ގަރާރު އެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ހުށަހެޅުއްވި ގަރާރު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ ތެރެއިން 57 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި ގަރާރު ފާސް ކުރަން ނުފެންނަ ކަމަށް ނުވަ މެމްބަރަކު ވޯޓު ދެއްވި އެވެ.

ސާޅީސް ނުވަ މެމްބަރުން ސޮއިކުރައްވައި، ނަޝީދު މިނިވަން ކުރުމުގެ ގަރާރު މަޖިލީހަށް ހުށަހެޅި ފަހުން، ނަޝީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އަލުން މުރާޖައާ ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ސުޕްރީމް ކޯޓުގައި ވަނީ އެދިވަޑައިގެންފަ އެވެ. އަދި ޕީޖީން އެ ގޮތަށް އެދިވަޑައިގަތުމާ ގުޅިގެން، ސުޕްރީމް ކޯޓުން ވަނީ ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުން ފާސްކޮށްފަ އެވެ.

އެއާއެކު، އެ މަނިކުފާނު މިހާރު އުޅުއްވަނީ މިނިވަންކަމާއެކު ސިޔާސީ މަސައްކަތް ކުރެއްވުމުގަ އެވެ.

ނަޝީދުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައި ވަނީ އެ މަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައި ވަނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ރާއްޖެ ސޮއިކޮށްފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މި ގަރާރު ދިރާސާ ކުރިއިރު، ނަޝީދެކޭ އެއްގޮތަށް ހުކުމްކޮށްފައި ތިބި އެހެން މީހުންގެ މައްސަލަތައް މުރާޖައާކޮށް، އެމީހުން މިނިވަންކޮށް، އިންސާފު ގާއިމުކޮށް ދިނުމަށް ޕީޖީއަށާއި ސުޕްރީމް ކޯޓަށް ގޮވާލާފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އޭރުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ޖަލު ހުކުމް އިއްވީ ފެބްރުއަރީ، 2015ގަ، އެވެ. އެ މައްސަލައިގައި ހުކުމް ކޮށްފައި ވަނީ ގާނޫނުއަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފަށް ކަމަށް އދ. ގެ ވޯކިން ގްރޫޕުން ވެސް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި، އަބުރު ރައްކާތެރި ކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ ނަމުގައި މިނިވަން ނޫސްވެރިކަން ހަނި ކުރެވޭ ގޮތަށް މަޖިލީހުން ފާސް ކުރި އަބުރުގެ ގާނޫނު އުވައިލުމަށް ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި ބިލް ބަލައިގަނެ ކޮމިޓީ އަށް ވަނީ ފޮނުވައިފަ އެވެ.

އަބުރުގެ ގާނޫނު އުވައިލުމުގެ ބިލް ބަލައިގަތުމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެމްބަރުންގެ ތެރެއިން 48 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި އެ ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު ތިއްބެވި އެވެ. މި ބިލް ބަލައިގަތުމާ ގުޅިގެން ރިޔާސަތުން ވަނީ ބިލު ދިރާސާ ކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އަށް ފޮނުވައިފަ އެވެ.