Roadha Mihaaru
ހިގައިން އަށް ރަތެއް، ޔުވެންޓަސް އަށް މޮޅެއް

ހިގައިން އަށް ރަތެއް، ޔުވެންޓަސް އަށް މޮޅެއް

12 ނޮވެމްބަރ 2018

މިލާން (ނޮވެމްބަރު 12) – އޭސީ މިލާނުގެ ގޮންޒާލޯ ހިގައިން އަތުން ޕެނަލްޓީއެއް ބޭކާރުވެ ރަތްކާޑެއް ހޯދި މެޗުން މިލާން 2-0 އިން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މިލާން (ނޮވެމްބަރު 12) – އޭސީ މިލާނުގެ ގޮންޒާލޯ ހިގައިން އަތުން ޕެނަލްޓީއެއް ބޭކާރުވެ ރަތްކާޑެއް ހޯދި މެޗުން މިލާން 2-0 އިން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއް ވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.

މެޗުގެ އަށް ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗުގެ ގޯލުން ޔުވެންޓަސް ލީޑު ނަގާފައިވަނިކޮށް ނަތީޖާ ހަމަހަމަކުރަން މިލާނަށް ރަނުގެ ފުރުސަތެއް ލިބުނީ 41 ވަނަ މިނެޓުގައި މެހްދީ ބެނާޝިއާގެ އަތުގައި ބޯޅަ ޖެހުމުން ޕެނަލްޓީއެއް ލިބުމުންނެވެ. އެކަމަކު ޔުވެންޓަސްގެ ލޯނެއްގެ ދަށުން މިލާނާ ގުޅުނު ފޯވާޑް ހިގައިން ޖެހި ޕެނަލްޓީ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ މަތަކުރި އެވެ.

ދެ ވަނަ ހާފުގައި މިލާނުން ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށް އެޓޭކްތައް ވަރުގަދަކުރި އެވެ. އެކަމަކު މިލާނުގެ ޑިއެގޯ ލަޝާލްޓް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔޮއާއޯ ކެންސެލޯ އުފެއްދި ހަމަލައެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 81 ވަނަ މިނެޓުގައި ގޯލް ޖަހައިފަ އެވެ. މިއީ މިލާން އަދި އިންޓަ އަށް ނިސްބަތްވާ ސެން ސީރޯ ސްޓޭޑިއަމުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

ޔުވެންޓަސްގައި ހިގައިން އަދާކުރި ދައުރު މިހާރު އަދާކުރާ ރޮނާލްޑޯ މި ގޯލް ޖެހިތާ ދެ މިނެޓު ފަހުން ހިގައިން ވަނީ ރަތްކާޑެއް ހޯދައިފަ އެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ޔުވެންޓަސްގެ ބެނާޝިއާ އަށް ކުރި ފައުލަކަށް ރީނދޫ ކާޑު ދެއްކުމުން ހިތްހަމަނުޖެހި އެކަމާ ދެކޮޅު ހެދުމުންނެވެ. އޭނާ ހުއްޓުވީ ކުޅުންތެރިންނެވެ. ފަހުން ދަނޑުން ފޭބީ ރޮމުންނެވެ. ގަދަ ހަތަރަކަށް މިލާނާ އެންމެ ބޮޑަށް ވާދަކުރާ ލާޒިއޯއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާ މިވަނީ ސަސްޕެންޑްވެފަ އެވެ.

މި ނަތީޖާއާ އެކު މިލާނަށް ވަނީ ހަތަރު ވަނަ ގެއްލިފަ އެވެ. ރޭ ސަސުއޮލޯއާ 1-1 އިން އެއްވަރުވި ލާޒިއޯ 22 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް އެރިއިރު މިލާން އޮތީ 21 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

ރޭގެ މޮޅާ އެކު ޔުވެންޓަސް އެއް ވަނައިގައި އޮތީ 34 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 28 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. ރޭ އެޓަލާންޓާ އަތުން 4-1 އިން ބަލިވެ އިންޓަ އަށް ވަނީ ނަޕޯލީއާ ހަމަކުރަން ލިބުނު ފުރުސަތު ގެއްލިފަ އެވެ. އެ ޓީމު މިހާރު އޮތީ 25 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ.