Roadha Mihaaru
ބޭކަން، ސޮސެޖް ފަދަ ތަކެތިން އުރަމަތީ ކެންސަރުގެ ބިރު

ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހުން އުރަމަތީ ކެންސަރަށް މަގު ފަހިވޭ

04 އޮކްޓޯބަރ 2018

ބޭކަން އާއި ސޮސެޖް ފަދަ، ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހުގެ ބާވަތްތައް އާންމުކޮށް ކެއުމުން އުރަމަރީ ކެންސަރަށް މަގުފަހިވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

ބޭކަން އާއި ސޮސެޖް ފަދަ، ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހުގެ ބާވަތްތައް އާންމުކޮށް ކެއުމުން އުރަމަރީ ކެންސަރަށް މަގުފަހިވާ ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.

މީގެ ކުރިން ކޮށްފައިވާ ދިރާސާތަކެއް ރިވިއުކުރުމަށް ފަހު ދިރާސާ ޓީމަކުން ބުނީ ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަސް އާންމުކޮށް، ގިނައިން ކާ އަންހެނުންނަށް އުރަމަތީ ކެންސަރުގެ ނުރައްކާ، ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަސް މަދުން ކާ އަންހެނުންނާ އަޅާބަލާއިރު ނުވަ ޕަސެންޓް އިތުރަށް އޮންނަ ކަމަށެވެ.

މިއީ ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހުން ކެންސަރަށް މަގު ފަހިވާ ކަމަށް މީގެ ކުރިން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ބުނެފައިވާ ބުނުމަށް އިތުރު ބާރެއް ލިބުނު ދިރާސާއެކެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނަނީ މި ދިރާސާގެ ނަތީޖާ ބަލައިގަތުމުގައި ވިސްނަންޖެހޭ މުހިންމު ހަގީގަތެއް އެބަ އޮތް ކަމަށެވެ. އެއީ ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހުން ކެންސަރަށް މަގު ފަހިވާ ކަމަށް ދެއްކި ނަމަވެސް އެއީ ވަރަށް ވެސް ކުޑަ މިންވަރަށް އޮންނަ ރިސްކެއް ކަމެވެ.

ކިހާވަރެއްގެ ހަގީގަތެއް؟

މި ދިރާސާކުރުމަށް މިލިއަނަކަށް ވުރެ ގިނަ އަންހެނުންގެ މައުލޫމާތު ހޯދި އެވެ. އެ މައުލޫމާތުން އެނގުނު ގޮތުގައި އުރަމަތީ ކެންސަރުގެ ނުރައްކާ ބޮޑަށް އޮތީ ޕްރޮސެސްކޮށްފައި ހުންނަ މަސް ގިނައިން ކޭ މީހުންގެ މެދުގަ އެވެ. އެކަމަކު ދިރާސާ ޓީމުން ބުނީ ޕްރޮސްކޮށްފައި ހުންނަ މަސް ކައި އުޅުނު މީހުންނަށް ނުރައްކާ ބޮޑު ކަމަށް ދެއްކި ކަމުގައި ވިޔަސް ހަގީގަތުގައި ކެންސަރަށް މަގު ފަހިވެފައި ވަނީ އެއްގަމު މަހުގެ ސަބަބުން ކަމެއް ނުވަތަ އެ މީހުންގެ އެހެން އާދައެއްގެ ސަބަބުން ކަމެއް ދިރާސާއިން ކަށަވަރު ނުވާ ކަމަށެވެ.

މުހިންމު އަނެއް ކަމަކީ، ރިވިއުކުރި 15 ދިރާސާގައި، ޕްރޮސެސްކުރި މަސް ގިނައިން ކެއުން ކަމުގައި އެކި ދިރާސާތަކުގައި ބަލާފައިވާ މިންގަނޑު ތަފާތުވުމެވެ. އެގޮތުން، އެކި ގައުމުތަކުގައި ކޮށްފައިވާ ދިރާސާތަކުގައި މި މިންގަނޑު ގެންގުޅެފައި ވަނީ އެކި ވަރަށެވެ.

އެކަމަކު ފާހަގަވި ކަމަކީ، މީގެ ތެރެއިން ގިނަ ދިރާސާތަކުގައި، އުރަމަތީ ކެންސަރު ޖެހުނު މީހުން ގިނައީ ޕްރޮސެސްކޮށްފައި ހުންނަ އެެއްގަމު މަސް ގިނައިން ކޭ މީހުންނަށް ކަމަށް ވުމެވެ. ނަމަވެސް މައްސަލައަކީ ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަސް ގިނައިން ކޭ މީހުން ގެންގުޅެފައިވާ އެހެން އާދަތަކަށް މި ދިރާސާތަކުގައި ބަލާފައި ނުވުމެވެ. އެގޮތުން، މި މީހުން ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅޭ މިންވަރު ބަލައިފައެއް ނުވެ އެވެ.

ނުރައްކާ "ޕްރޮސެސްޑް މީޓް" އަކީ ކޮބާ؟

ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ ގޮތުން، ޕްރޮސެސްކުރި އެއްގަމު މަހުގެ ތެރެއިން ކެންސަރަށް އެންމެ ބޮޑަށް މަގު ފަހިކުރުވާ ތަކެތީގެ ތެރޭގައި، ސޮސެޖާއި ހޮޓް ޑޯގް، ބޭކަން އަދި ސަލާމީ ހިމެނެ އެވެ. އަދި ގެރި މަހާއި ބަކަރި މަސް ހިމަނާފައި ވަނީ ކެންސަރުގެ ނުރައްކާ ކުޑަ ގިންތީގަ އެވެ.

މި ބާވަތްތައް ކެއުން ހުއްޓާލަންވީތަ؟

ދިރާސާގައި އިސްކޮށް ހުންނެވި، ހާވަޑް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. މަރްޔަމް ފަވީދު ވިދާޅުވީ ޕްރޮސެސްކުރި އެއްގަމު މަހުގެ ބާވަތްތައް ކެއުން އެއްކޮށް ހުއްޓާލުމުގެ ބަދަލުގައި މަދުކޮށްލަން ޖެހޭ ކަމަށެވެ. މި ދިރާސާގައި ބައިވެރިވެ ވަޑައިގަނުގަންވާ ބައެއް ތަޖުރިބާކާރުން ވިދާޅުވެފައި ވަނީ މުޅި ދިރާސާއަށް ބަލާއިރު، ޕްރޮސެސްކުރި އެއްގަމު މަސް ކެއުން މަދުކުރަންޖެހޭ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެއީ ޕްރޮސެސްކުރި އެއްގަމު މަހުގައި ކެންސަރުގެ ނުރައްކާ އޮތް ނަމަވެސް އެއީ ވަރަށް ކުޑަ މިންވަރެއް ކަމަށް ވާތީ އެވެ.

އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތު ސާވިސް އިން ލަފާދީފައި އޮންނަނީ ޕްރޮސެސްކޮށްފައި ހުންނަ އެއްގަމު މަހުގެ 70 ގްރާމަށް ވުރެ ގިނައިން ދުވާލެއްގެ މައްޗަށް ނުކެއުމަށެވެ.

ޚިޔާލު ތަފާތުވާ ބޭފުޅުން ވެސް ވިދާޅުވީ މިއީ އިތުރަށް ވިސްނައި، ސަމާލުވެ އަދި އިތުރަށް ދިރާސާކޮށް ބަލަންޖެހޭ މުހިންމު މައްސަލައެއް ކަމަށެވެ.