ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ، ސުޕްރީމް ކޯޓުގެ ހުކުމާ ދިމާއަށް މިއަދު މިސްރާބު ޖަހައިފި އެވެ.
01 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލަ، ސުޕްރީމް ކޯޓުގެ ހުކުމާ ދިމާއަށް މިއަދު މިސްރާބު ޖަހައިފި އެވެ.
ޕީޕީއެމް ދޫކޮށް އިދިކޮޅާ ގުޅުމުން 12 މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް، ސުޕްރީމް ކޯޓުގެ އަމުރަކަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ސުޕްރީމް ކޯޓުން މިއަދު ވަނީ ހއ. ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އަދި ގއ. ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ ގޮނޑީގެ މައްސަލަ ބަލަން ފަށައިފަ އެވެ. އެކަމަކު ކޮންމެ މައްސަލައެއްގައި އޮންނާނީ އެންމެ އަޑުއެހުމެއް ކަމަށް ބެލެވެ އެވެ. އެގޮތުން ފުރަތަމަ އޮތް މައްސަލާގައި ފަނޑިޔާރުންގެ ބެންޗުން ބުނީ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.
މި މެމްބަރުންގެ ގޮނޑީގެ މައްސަލައިގެ އަޑުއެހުންތަކެއް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ފަނޑިޔާރު އަލީ ހަމީދު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ އޭރުގެ ފުލް ބެންޗުން މީގެ ކުރިން ބާއްވާފައިވެ އެވެ. އަދި އެ މައްސަލަ ބަލައި ނިންމިކަން ވެސް އޭރު ކޯޓުން އިއުލާންކުރި އެވެ. ނަމަވެސް ހުކުމަކާ ހަމައަށް ގޮސްފައެއް ނުވެ އެވެ.
ނަމަވެސް ފެބްރުއަރީ 1 ގައި، 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމާއި ސިޔާސީ ބައެއް ކުށްވެރިން ދޫކުރަން ނެރުނު އަމުރާ ގުޅިގެން އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދައުލަތުން ކުރި ޖިނާއީ އެއް ދައުވާ ސާބިތުވެ، މަގާމުން ވަކިވުމާ ގުޅިގެން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ ސުޕްރީމް ކޯޓަށް އައްޔަންކޮށްފަ އެވެ.
ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައެޅި ލަތީފް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު
ގޮނޑީގެ މައްސަލަ މިހާރު ބައްލަވަނީ އަބްދުﷲ ދީދީ އާއި އަބްދުލްޣަނީގެ އިތުރުން، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އެވެ. މި މައްސަލައިގެ ރިޔާސަތު ބަލަހައްޓަވަނީ އުއްތަމަ ފަނޑިޔާރެވެ.
މިއަދު ފުރަތަމަ އޮތީ ވަހީދުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލައިގެ އަޑުއެހުމެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މިއީ އެ މެމްބަރުންގެ މައްސަލަތައް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ހުކުމްކޮށްފައިވާތީ އާއި ފަނޑިޔާރުންގެ ބެންޗަށް ބަދަލު އައިސްފައިވާތީ އިޖުރާއަތުތައް ފުރިހަމަކުރުމުގެ ގޮތުން ބޭއްވި އަޑުއެހުމެއް ކަމަށެވެ.
ވަހީދުގެ ވަކީލް އަދި ކުރީގެ ސޮލިސިޓާ ޖެނެރަލް އިބްރާހިމް ރިއްފަތު ވަނީ މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ވަކީލުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް މި މައްސަލައިގައި ފައިސަލާ ހުކުމެއް އިއްވަވައި ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެކަމާ ގުޅިގެން އިތުރު އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ.
މި މައްސަލައިގައި ބަންޑާރަ ނައިބުގެ ވަކީލުންނާއި އިލެކްޝަންސް ކޮމިޝަންގެ ވަކީލުން ވެސް އެދިވަޑައިގެންފައި ވަނީ، އެބޭފުޅުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތްކޮށް، ހުކުމް އިއްވަވައި ދެއްވުމަށެވެ.
އެހެންވެ، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ވަހީދުގެ މައްސަލައިގައި ބޭއްވި އަޑުއެހުންތައް ނިންމާލި ކަން އިއުލާންކޮށް ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ވިދާޅުވެ، މިއަދުގެ އަޑުއެހުން ނިންމާލައިފަ އެވެ. އެކަމަކު ހުކުމް އިއްވާނެ ވަކި ދުވަހެއް އުއްތަމަ ފަނޑިޔާރު ވިދާޅެއް ނުވެ އެވެ.
މިއަދު ދެން އޮންނާނީ ސައުދުގެ ގޮނޑީގެ މައްސަލަ އެވެ. ލަތީފާއި އަމީތުގެ މައްސަލަ ތާވަލްކޮށްފައި ވަނީ މާދަމާއަށެވެ.
ކޮންމެ މެމްބަރެއްގެ މައްސަލަ ވެސް ބާއްވަނީ ވަކިވަކިންނެވެ.
މަޖިލީހަށް އިންތިޚާބުވި ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި މަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން ލަތީފާއި އަމީތާއި ސައުދާއި ވައްޑެގެ އިތުރުން އެހެން އަށް މެމްބަރެއްގެ ގޮނޑި ވެސް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
ފެބްރުއަރީ 1 ގެ އަމުރުގައި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައި އޮތް ބައި، ސުޕްރީމް ކޯޓުގެ އާ ބެންޗުން ބާތިލްކަމުން ބުނެފައި އެ މައްސަލާގައި އެ ކޯޓުގެ ނިހާއީ ހުކުމެއް އަންނަން ޖެހޭ ކަމަށެވެ.
އިންސާފު ނުލިބޭތީ ހިތާމަކުރަން: އަމީތު
ލަތީފްގެ އާދޭސް: ގޮނޑީގެ މައްސަލަ އަވަހަށް ނިންމައިދީ
ސައުދު ކޯޓުގެ ބެންޗަށް: ބޭނުމީ އަދުލުވެރި ހުކުމެއް!
އީސީގެ މެމްބަރުންނަށް ދައުވާކުރާނެ ކަމުގެ އިންޒާރު ދީފި
ޕީޕީއެމުން ވަކިވާން ހުށަހެޅުމާ އެކު ވަކިވާނެ
ވައްޑެގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން ހުކުމްކޮށްފި
ބައި އިލެކްޝަން ހުއްޓުވަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
"ގޮނޑި ގެއްލުނު ކަމަށް ނިންމީ ނުބައި ނިޔަތެއްގައި"
މަޖިލިހުން މިހާތަނަށް އެންގި އެއްޗެއް ނެތް: ލަތީފް
މަޖިލިހުގެ ގޮނޑި ގެއްލުނު މެމްބަރުން ސުޕްރީމް ކޯޓަށް