Roadha Mihaaru
އަސްލު ސޫރަ ދައްކާނީ އިންތިހާބަށް ފަހު: ރައީސް

އަސްލު ސޫރަ ދައްކާނީ އިންތިހާބު ކާމިޔާބުކޮށްފައި: ރައީސް ޔާމީން

13 ސެޕްޓެމްބަރ 2018

އެމަނިކުފާނުގެ އަސްލު ސޫރަ ރައްޔިތުންނަށް ފެންނާނީ މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމަނިކުފާނުގެ އަސްލު ސޫރަ ރައްޔިތުންނަށް ފެންނާނީ މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

"އެކަމަކު އަޅުގަނޑުގެ އަސްލު ސޫރަ އަކީ އަޅުގަނޑަކީ އިންސާނެއް. އަޅުގަނޑަކީ އަންބެއްގެ ފިރިއެއް. އަޅުގަނޑަކީ ދަރިންކޮޅެއްގެ ބައްޕައެއް. އަޅުގަނޑަކީ ރައްޔިތުންނާ އެކީގައި މަސައްކަތް ކުރާ މީހެއް. އަޅުގަނޑަކީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ކަންކަން އަމާނާތްތެރިކަމާ އެކު ކުރިއަށް ގެންދެވޭތޯ ބަލާ މީހެއް،" އައްޑޫގައި ސަރުކާރުން ކުރިއަށް ގެންދިޔަ ތަރައްގީގެ ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކަމަކީ ހަތަރު ލައްކައެއްހާ ރައްޔިތުން ގޮވައިގެން ކުރައްވާ ޒިންމާދާރު މަސައްކަތްޕުޅެކެވެ.

ރައީސް ވިދާޅުވީ، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާ ގައުމުގެ ވެރިކަން ހަވާލުކުރީ ގައުމިއްޔަތާއި މަދަނިއްޔަތާއި ތަހުޒީބާއި ދީން ހިމާޔަތް ކުރުމަށެވެ. ނަމަވެސް، އެކަން ބަޔަކަށް ހަޖަމު ނުވެގެން، އޭގެ ތެރެއިން "މުސްކުޅި ބޭފުޅުންތަކެއް" ނުކުމެވަޑައިގެން، ހެދުނީ ގޯހެއް ކަމަށް ވިދާޅުވުމުން، އެ ބޭފުޅުން އަދިވެސް ތިއްބެވީ ރައްޔިތުންނާ އެކީ ނޫންކަން ސާބިތުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"ރައްޔިތުންގެ ހަމަ އެއްވެސް ކަންފުޅެއް ނެތޭ އެ މީހުންގެ. ރައްޔިތުންނާ ދޭތެރޭ އޯގާތެރިކަމުގެ އެއްވެސް ކަންފުޅެއް ނެތް،" އެ މަނިކުފާން ވިދާޅުވި އެވެ.

ރައީސް ޔާމީން ހުޅުމީދޫގެ ސަޕޯޓަރުންތަކަކާ މިއަދު ސަލާން ކުރައްވަނީ. ފޮޓޯ/ ރައީސް އޮފީސް

ރައީސް ޔާމީން ހުޅުމީދޫގެ ސަޕޯޓަރުންތަކަކާ މިއަދު ސަލާން ކުރައްވަނީ. ފޮޓޯ/ ރައީސް އޮފީސް

"އަޅުގަނޑު ޕޯޑިއަމްތަކުގައި ބައެއް ފަހަރު މާ ގަދަފަދަކޮށް ވާހަކަ ދައްކާތީ ބައެއް މީހުން ބުނޭ ރައީސް ޔާމީންގެ އަސްލު އިންސާނީ ސޫރަ ދައްކަބަލާށޭ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަސްލު އިންސާނީ ސޫރައަކީ މިއަދު މިއީ ހަތަރު ލައްކަ ދިވެހި ރައްޔިތުން ގޮވައިގެން އަމާންކަމާއި ތަރައްގީގެ އައްސޭރި އަށް ދަތުރު ކުރާ ރައީސަކީމުއޭ."

މުސްކުޅި ބޭފުޅުން ކަމަށް ރައީސް ޔާމީން އިޝާރާތް ކުރެއްވީ އިދިކޮޅު ކޯލިޝަންގެ ޖަލްސާއެއްގައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލނުން ނަސްރީނާ އިބްރާހީމްގެ ބޭބޭފުޅު އައްބާސް އިބްރާހިމް ވާހަކަ ދެއްކެވުމުން ކަމަށް ބެލެވެ އެވެ. ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އައްބާސް ވިދާޅުވި ގޮތުގައި، ރައީސް ޔާމީން މިހާރު މަސައްކަތްކުރައްވަނީ ހެއްދެވުނު ގޯސްތައް ރަނގަޅު ކުރުމަށެވެ.

ރައީސް ޔާމީން މިއަދު ވިދާޅުވި ގޮތުގައި އިންސާނީ ޝުއޫރާއި ކުލުނާއި އަމިއްލަ ނަފުސުގެ ބަލިކަށިކަން އަންނަނީ ރައްޔިތުން ބޭނުންވާ ކަންތައްތައް ވަލިއްޔުލްއަމްރުގެ ހައިސިއްޔަތުން ކުރައްވައި ނިންމެވުމަށް ފަހު އެވެ.

"އޭގެ ފަހުން އަޅުގަނޑު ނިދަން ވެސް ޖެހޭނީ. ފެބްރުއަރީ އެކެއްގައި ކަންތައްތައް ހިނގައި ދިޔައީ އެގޮތަށް،" ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރުއްވުމުގައި އިސްކޮށް ތިއްބެވީ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ހުޅުދު އާއި މީދު އަށް ނިސްބަތްވެވަޑައިގަންނަވާ ދެ ބޭފުޅުންނަށް ވާތީ އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ. "...އެހެންވީމާ ތޭވީސް ވަނަ ދުވަހު މި ނަގާ ވޯޓް ކާމިޔާބުކޮށްފައި ނޫނީ އަޅުގަނޑުގެ އަސްލު ސޫރަ ރައްޔިތުންނަށް ނުފެންނާނެ."

ރައީސް ޔާމީން ހުޅުދު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ.

ރައީސް ވިދާޅުވި ގޮތުގައި ފެބްރުއަރީ 1 ގެ އަމުރާ ގުޅިގެން އެ މަނިކުފާނު މިހާތަނަށް ހުންނެވީ ރަށު ބަންދުގަ އެވެ. އަދި އެ އަމުރު ތަންފީޒުކުރި ނަމަ، މުޅި ގައުމުގައި ހަމަނުޖެހުން ހިންގައި ލޭ އޮހުރުވުމަކަށް ދާނެ ކަމަށް ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރުންތަކެއް ގެންނަން އުޅުއްވީ ވަރަށް ނުރައްކާތެރި ބަޣާވާތެއް ކަމަށް ވިދާޅުވި އެވެ.

"އެކަން އެ ބޭފުޅުން އެދިވަޑައިގަތް ގޮތަށް ނޫނީ އެ ބޭފުޅުން އުންމީދުކުރެއްވި ގޮތަށް އަދި އެ ބޭފުޅުންނާ ބައިވެރިވެގެން އެކީގައި މަސައްކަތް ކުރި މީހުން ސިޔާސީ އިސް މީހުން ބޭނުންވި ގޮތަށް އެކަން ދި ޔަ ނަމަ ރާއްޖެ ސުންނާފަތިވީސް." ރައީސް ވިދާޅުވި އެވެ. "...ފިޔާތޮށި ކުދިންނާއި އެ ނޫން ކުލަކުލައިގެ ކުދިންނާ ދެމެދު ތަޅާފޮޅުމަކަށް ދިޔައިސް. ލޭ އޮހުރުވުމަށް ދިޔައިސް. އަދި އެކަން ހުއްޓުވަން ދެން އަންނާނީ ކޮން ބައެއް ކޮން ދިމަދިމާލަކުން ކަމެއް އެއީ އަޅުގަނޑުމެންނަށް އެނގޭ ކަމެއް ނޫން."

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނާ އެކު މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް ވަކިވެގެން ދުރަށް ދިޔައީ އަމިއްލަ ބޭނުންތަކެއް ނުފުދިގެންނެވެ.

"އަޅުގަނޑާ އެކީ މަސައްކަތްކޮށްފައި އެ ބޭފުޅުންގެ އަމިއްލަ މުހުތާދުތަކެއް ނުފުއްދުނީމަ އެ މީހުން އަމިއްލަ އަށް ނުކުމެގެން އެ ދިޔައީ. އެއީ އަޅުގަނޑުގެ މައްސަލައެއް ނޫން،" ރައީސް ވިދާޅުވި އެވެ.