Roadha Mihaaru

ކޮލަމާފުށީ 18 މީހުންނަށް ޓެރަރިޒަމްގެ ތުހުމަތުކޮށް، 15 ދުވަހަށް ބަންދު

ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަ އަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށް ބުނެ އެ ރަށުން އިއްޔެ ހައްޔަރު ކުރި 18 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ތަހުގީގު ކުރަމުންދާ އިރު، އެ މީހުން ބަންދުގައި ބައިތިއްބާ މުއްދަތު 15 ދުވަހަށް، ގއ. ވިލިނގިލީ ކޯޓުން ރޭ އިތުރުކޮށްދީފި އެވެ.

ކޮލަމާފުށީ 18 މީހުންނަށް ޓެރަރިޒަމްގެ ތުހުމަތު
އަހުމަދު ސާއިލް އަލީ
އަހުމަދު ސާއިލް އަލީ

31 އޯގަސްޓް 2018

ގއ. ކޮލަމާފުށީގެ ޕީޕީއެމް ޖަގަހަ އަށް ބޮޑެތި ގެއްލުންތަކެއް ދިން ކަމަށް ބުނެ އެ ރަށުން އިއްޔެ ހައްޔަރު ކުރި 18 މީހުންގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ތަހުގީގު ކުރަމުންދާ އިރު، އެ މީހުން ބަންދުގައި ބައިތިއްބާ މުއްދަތު 15 ދުވަހަށް، ގއ. ވިލިނގިލީ ކޯޓުން ރޭ އިތުރުކޮށްދީފި އެވެ.

އެމްޑީޕީ އަށް ނިސްބަތްވާ އެ މީހުންގެ ފަރާތުން ވަކާލާތު ކުރުމަށް ވިލިނގިލީގައި މިހާރު ހުންނެވި، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ވަކިވަކި މީހުންނާ ބައްދަލު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.

އެ އެންމެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކުރާ އިރު ޝަމީމް ވިދާޅުވީ އެއީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. ޝަމީމް ވިދާޅުވީ ކޮންމެ މާރާމާރީއެއް ނުވަތަ ކޮންމެ ހަމަނުޖެހުމަކީ ޓެރަރިޒަމްގެ އަމަލެއް ނޫން ކަމަށެވެ.

"ޓެރަރިޒަމްގެ އަމަލެއް ނަމަ ރަށު ތެރޭ ބިރުވެރިކަން އުފެދި ސިފައިން ގޮސް އެކަން ހުއްޓުވާނީ ދެއްތޯ؟ އެކަމަކު އަޅުގަނޑުމެނަށް މި ފެނިގެން ދިޔައީ ހައްޔަރު ކުރި މީހުން ވެސް ފުލުހުންގެ ސައިކަލު ފަހަތަށް އަރުވައިގެން ގެންދެވި ތަން. އެހެންވީމަ ހަމަނުޖެހުމެއް އަދި ހިނގާފައި ވިޔަސް އެއީ ޓެރަރިޒަމްގެ ގޮތުގައެއް ނުބެލެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

އެ މައްސަލައިގައި ޝަމީމްގެ އިތުރުން ގާނޫނީ ވަކީލު މަހްފޫޒް ސައީދު ވެސް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. ޝަމީމް ވިދާޅުވީ ހިލޭ ސާބަހަށް އެ މަސައްކަތް ކުރައްވަނީ ގާނޫނުތަކާ ހިލާފަށް ވަކި ގޮތަކަށް ކަންކަން ކުރުމަށް ކުރާ މަސައްކަތް ހުއްޓުވަން ކަމަށެވެ.

ޕީޕީއެމްގެ ޖަގަހައަށް ހަމަލާދީގެން ކޮލަމާފުށިން ހައްޔަރު ކުރި މީހުން--- ފޮޓޯ: އެމްޑީޕީ

ޕީޕީއެމްގެ ޖަގަހައަށް ހަމަލާދީގެން ކޮލަމާފުށިން ހައްޔަރު ކުރި މީހުން--- ފޮޓޯ: އެމްޑީޕީ

ކޮލަމާފުށީގައި ޕީޕީއެމާއި އެމްޑީޕީގެ ސަޕޯޓަރުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ހަމައެކަނި އެމްޑީޕީ މީހުން ހައްޔަރުކޮށް އަދަބު ދެމުން ގެންދާތީ އެ ޕާޓީން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެއީ ފުލުހުންގެ ތެރެ އަށް ސިޔާސީ ނުފޫޒު ފޯރާފައިވާ މިންވަރު ކަމަށް އެ ޕާޓީން ބުނެ އެވެ.

އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ގއ. އާއި ގދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކޮލަމާފުއްޓަށް ވަޑައިގަތުމަށް ވަނީ ނިންމައިފަ އެވެ. އެ ރަށުގެ މަސްލަހަތު އަމާން ނޫން ކަމަށް ބުނެ ފުލުހުން ވަނީ އިބޫ އެ ރަށަށް ވަޑައިގަތުން ފަސް ކުރައްވަން އެދިފަ އެވެ. ނަމަވެސް ކޯލިޝަނުން ނިންމާފައިވަނީ އިބޫ އެ ރަށަށް ވަޑައިގަތުމަށެވެ.