Roadha Mihaaru
ބެހުނު ކުދިންގެ މަންމަ އާއި ދޮންބައްޕަ އަށް ދައުވާ

75 އަހަރު މީހާ ބެހުނު ހަތަރު ކުދިންގެ މަންމަ އާއި ދޮންބައްޕަގެ މައްޗަށް ދައުވާކޮށްފި

25 ޖުލައި 2018

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި އެ ކުދިންގެ މަންމަ އާއި ދޮންބައްޕަގެ މައްޗަށް ވެސް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ފޮނުވައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ގދ. އަތޮޅުގެ ރަށެއްގައި އެއްބަނޑު އެއްބަފާ ހަތަރު އަންހެން ކުދިންނާ، 75 އަހަރުގެ ފިރިހެނަކު ގަދަކަމުން ބަދު އަޚުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލައިގައި އެ ކުދިންގެ މަންމަ އާއި ދޮންބައްޕަގެ މައްޗަށް ވެސް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ފޮނުވައިފި އެވެ.

އެ މައްސަލައިގެ ޝަރީއަތް ކުރިއަށްދާ އެ އަތޮޅު ތިނަދޫ ކޯޓަށް، ކުދިންގެ މަންމަ އާއި ދޮން ބައްޕަގެ މައްޗަށް ދައުވާ ކުރަން ފޮނުވީ 75 އަހަރުގެ މީހާ، 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކާ ބެހުނު ކަމަށް ތުހުމަތުކުރާއިރު ދަރިން ބެލެހެއްޓުމުގެ ވާޖިބާއި ދަރިންނަށް އަޅާނުލައި ދޫކޮށްލުމާއި ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގާކަން އެނގިހުރެ އެކަން ރިޕޯޓު ނުކުރުމުގެ ކުށުގަ އެވެ.

އޭގެ އިތުރުން ކުޑަކުއްޖަކު ލައްވާ ޖިންސީ އަމަލެއް ހިންގުމަށް އެހީތެރިވެދިނުމާއި ޒިނޭ ކުރުމުގެ ކުށުގައި ވެސް އެ ކުދިންގެ މަންމަގެ މައްޗަށް ދައުވާ ކުރެ އެވެ.

އެއްބަނޑު އެއްބަފާ ހަތަރު ކުދިންނާ ބެހުމުގެ އިތުރުން، މީހަކާ އިނދެގެން އުޅޭ އަންހެނަކާ އެކި ފަހަރުމަތިން ޒިނޭ ކުރި ތުހުމަތު ވެސް 75 އަހަރުގެ މީހާގެ މައްޗަށް ކުރެ އެވެ.

"މިހާރު"އާ ކުރިން ވާހަކަ ދައްކަމުން އެ ހަތަރު ކުދިންގެ ތެރެއިން ދޮށީ ކުއްޖާ ބުނިގޮތުގައި 75 އަހަރުގެ މީހާގެ އަމަލުތަކުގެ ވާހަކަ އޭނާގެ މަންމަގެ ކައިރީގައި ބުނި ނަމަވެސް މަންމަ އެދުނީ އެ ވާހަކަ ނުދެއްކުމަށެވެ. އަދި އެ މީހާ އެކަން ކުރާކަން ފަހުން އޭނާގެ މަންމަ އަށް ވެސް އެނގޭ ކަމަށް އެ ކުއްޖާ ބުނެފައި ވެ އެވެ.

"އެ މީހާ (75 އަހަރުގެ މީހާ) އޮންނަނީ އަޅުގަނޑުމެން ގެއިން ވެސް ނިކުތުން މަނާކޮށްފައި. ފޮތްތައް ގަނެދީފައި ހުރީ އެ މީހާކަމުން، އެ ފޮތްތައް ވެސް ފޮރުވައި ސްކޫލަށާއި ޓިއުޝަނަށް ވެސް ބައެއް ދުވަސް ދުވަހު ނުފޮނުވޭ. އެ މީހާގެ އެންގުމަށް މި ހުރިހާ ކަމެއް ކުރަނީ މަންމަ،" "މިހާރު"އާ ވާހަކަ ދައްކަމުން، 26 އަހަރުގެ އަންހެންކުއްޖާ މިދިޔަ އަހަރު ކިޔައިދީފައި ވެ އެވެ.

އުމުރުން ދުވަސްވީ މީހާ ވަނީ އޭރު އުމުރުން 14 އަހަރުގެ އެ އަންހެން ކުއްޖާ އާއި އޭނާގެ ތިން ކޮއްކޮއާ، މިދިޔަ 12 އަހަރުގެ ތެރޭގައި އެކި ދުވަސްތައް މަތިން ގުޅުން ހިންގައިފަ އެވެ. އެކަން ފުލުހުންނަށް ހުށަހަޅައި، މީޑިއާގެ ސަމާލު ކަމަށް ގެނައީ ދޮށީ ކުއްޖާ، މަންމަ އަށް ފިލައިގެން މާލެ އައުމަށް ފަހު އެވެ.

މި މައްސަލައިގައި "މިހާރު"ން ވަނީ އެ ކުދިންގެ މަންމައާ ވެސް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ތިބި ހަމައެކަނި ހަތަރު އަންހެން ދަރިންނަށް ދުވަސްވީ މީހާ ޖިންސީ ގޯނާ ކުރާކަން އެނގޭ ކަމަށާއި އެކަމަކު އޭނާ ހަނުހުރީ ލިބެމުން ދިޔަ އިންޒާރުތަކުގެ ސަބަބުން ކަމަށެވެ. އަދި އެކަމުގައި އޭނާގެ އިހުމާލް އޮތް ކަމަށް ގަބޫލުކުރާ ކަމަށް ވެސް ބުންޏެވެ.

ފިރިއެއް ހުރި ނަމަވެސް، އުމުރުން ދުވަސްވުމުގެ ސަބަބުން އާމްދަނީ ނުހޯދޭތީ، އެ އާއިލާ ދިރިއުޅުނީ 75 އަހަރުގެ މީހާ އަޅައިދީފައި ހުރި ގެއެއްގައި އޭނާގެ އެހީތެރިކަމުގަ އެވެ.

"ވަރަށް ބޮޑަށް އިންޒާރުދީ ބިރުދެއްކި. އެއީ އަހަރެން (އެ ވާހަކަ) ބުނެފާނެތީ. އޭނަ ބުނެފައި އޮންނަނީ އެ ކަހަލަ ވާހަކައެއް ދައްކައިފިއްޔާ އަނިޔާކުރާނަމޭ. ދުވަހަކު ވެސް އެ ވާހަކަ ނުދައްކައްޗޭ، ކިޔާފައި ބިރު ދައްކާފައި އޮންނަނީ،" މަންމަ ބުންޏެވެ.

"[އިހުމާލު އޮތް ކަމަށް] ގަބޫލުކުރަން. ގަބޫލުކުރަން ޖެހޭނެ އެއްނު!. [އެކަމަކު] އެއީ އަހަންނަށް އިންޒާރު ދީގެން ކުރުވި ކަމެއް ވިއްޔަ."

ހަތަރު ކުދިންނާ ބެހުނު ކަމުގެ ތުހުމަތުގައި 75 އަހަރުގެ މީހާ ހައްޔަރު ކުރި ނަމަވެސް، ފަހުން އޭނާ ވަނީ ގޭ ބަންދަށް ދޫކޮށްލާފަ އެވެ. އަދި އެކަން ހިނގި ރަށުގެ ކޯޓުގައި އެ މައްސަލަ ކުރިއަށް ގެންދެވިގެން އެ މައްސަލަ މިހާރު ކުރިއަށް ދަނީ ތިނަދޫ ކޯޓުގަ އެވެ. އެ މައްސަލައިގައި އުމުރުން ދުވަސްވީ މީހާގެ މައްޗަށް ދައުވާ ކުރުމަށް، މިދިޔަ ޖޫން މަހު ފޮނުވި ނަމަވެސް، އަދިވެސް މައްސަލައިގެ ޝަރީއަތެއް ނުފަށަ އެވެ.

މި ހަތަރު ކުދިންނާ ބެހުމުގެ ތުހުމަތުގައި، އޭނާގެ އިތުރުން އޭނާ ގެންގުޅޭ ބިދޭސީއަކު ވެސް ހައްޔަރުކުުރި އެވެ. އެކަމަކު އެނގިފައިވާ ގޮތުގައި އުމުރުން ދުވަސްވީ މީހާ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލުމުން މިހާރު އަނެއްކާ ވެސް އޭނާ އުޅެނީ އެ ރަށުގައި ހުންނަ އޭނާގެ ފިހާރަ ހިންގުމުގަ އެވެ.

އެނގިފައިވާ ގޮތުގައި 75 އަހަރުގެ އެ މީހާއަކީ އެ ރަށުގައި ނުފޫޒު ގަދަ ވިޔަފާރިވެރި އެކެވެ.