Roadha Mihaaru
ހުދައިދާ އިން ބޯފެނާއި ކާނާ ހުސްވިތާ 3 ދުވަސް

ހުދައިދާ އިން ބޯފެނާއި ކާނާ ހުސްވިތާ 3ދުވަސް

17 ޖޫން 2018

ޔަމަންގެ ބަނދަރު ރަށެއް ކަމަށްވާ ހުދައިދާ އޮތީ އެގައުމަށް އަތް ގަދަކޮށްގެން އުޅޭ ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. އެ ރަށުން ހޫތީ ހަނގުރާމަވެރިން ފައްސައިލުމަށްޓަކައި ނުވަތަ ބަލިކޮށްލުމަށްޓަކައި، ސައޫދީ އަރަބިއްޔާގެ ގުޅިފައިވާ ލަޝްކަރާއި ޔަމަން ސަރުކާރުގެ ސިފައިން އެ ރަށް ހިސޯރު ކޮށްގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ޔަމަންގެ ބަނދަރު ރަށެއް ކަމަށްވާ ހުދައިދާ އޮތީ އެގައުމަށް އަތް ގަދަކޮށްގެން އުޅޭ ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގަ އެވެ. އެ ރަށުން ހޫތީ ހަނގުރާމަވެރިން ފައްސައިލުމަށްޓަކައި ނުވަތަ ބަލިކޮށްލުމަށްޓަކައި، ސައޫދީ އަރަބިއްޔާގެ ގުޅިފައިވާ ލަޝްކަރާއި ޔަމަން ސަރުކާރުގެ ސިފައިން އެ ރަށް ހިސޯރު ކޮށްގެން އުޅޭތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ދެ ފަރާތުގެ ހަނގުރާމައިގެ މެދުގައި ތާށިވެފައި ތިބީ ހުދައިދާގައި ދިރިއުޅޭ އާންމު ރައްޔިތުންގެ 600،000 މީހުންނެވެ. ރަށަށް އަތް ގަދަކޮށްގެން ތިބި ހަނގުރާމަވެރިން ތިބީ، އާންމު ރައްޔިތުންނަށް ބޭނުންވާ ކާނާ އާއި ބޯފެނާއި ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ރަށުގެ ވަށައިގެން، ގުޅިފައިވާ ލަޝްކަރުގެ ހަނގުރާމަވެރިން ހަމަލާ ދޭން ތައްޔާރަށް ތިބުމުން އެ ރަށުން ނުކުމެގެން އެހެން ތަނަކަށް ދެވޭކަށް ވެސް ނެތެވެ.

އޭގެ އިތުރުން އާންމު ރައްޔިތަކު އެ ރަށުން ނުކުންނާކަށް ހޫތީ ހަނގުރާމަވެރިން ހުއްދައެއް ވެސް ނުދެ އެވެ. އަނެއްކޮޅުން، ހޫތީ ހަނގުރާމަވެރިން އަމާން ނުދެނީސް އެ ރަށަށް ކާނާ އާއި ބޯފެނާއި ބޭސްފަރުވާގެ ސާމާނު އެތެރެ ކުރަން، ގުޅިފައިވާ ލަޝްކަރުން ހުއްދައެއް ނުދެ އެވެ.

ހުދައިދާގެ ހިސޯރު ނިމުމަކަށް ގެނެސް، ސުލްހަވެރި ހައްލެއް ހޯދުމަށް ހޫތީ ހަނގުރާމަވެރިންނާއި ގުޅިފައިވާ ލަޝްކަރާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަނީ އދ. މަޖިލީހުގެ މަންދޫބުންނެވެ. ނަމަވެސް އެއްވެސް ބަޔަކު ތިބީ ދޫ ދޭ ގޮތަކަށް ނޫނެވެ.

އެންމެ ފަހުން، ހޫތީންގެ ބާރުގެ ދަށުން ހުދައިދާ މިނިވަންކުރުމަށް، ގުޅިފައިވާ ލަޝްކަރުން ހަނގުރާމަ ފެށީ މިދިޔަ ބުދަ ދުވަހު އެވެ. އެ ލަޝްކަރުން ބުނި ގޮތުގައި، މިއަދު ހުދައިދާ އެއާޕޯޓް ހިފިފައިވާ އިރު، ދެން މާ ގިނަ ދުވަހެއް ނުވެ ހުދައިދާ އެކުގައި މިނިވަން ކުރެވޭނެ އެވެ.

ޔަމަންގެ ހުދައިދާގެ ތެރޭގައި ތާށިވެ ހާލުގައި ޖެހިފައިވާ އާއިލާއެއްގެ އަންހެނަކު ކާތަކެތި ރޯފިލުވަނީ. ފޮޓޯ އަލް ޖަޒީރާ

ޔަމަންގެ ހުދައިދާގެ ތެރޭގައި ތާށިވެ ހާލުގައި ޖެހިފައިވާ އާއިލާއެއްގެ އަންހެނަކު ކާތަކެތި ރޯފިލުވަނީ. ފޮޓޯ އަލް ޖަޒީރާ

ހުދައިދާގައި ތިބި އާންމުންގެ ބައެއް މީހުން ބުނި ގޮތުގައި ގުޅިފައިވާ ލަޝްކަރުން ހަމަލާތައް ދޭން ފަށައި ހުދައިދާ އިން ބޭރަށް ދެވޭނެ އެއްވެސް ގޮތެއް ނެތުމުން، ހުދައިދާގެ ބައެއް ސަރަހައްދުތަކުން މިހާރު ވަނީ ކާނާ އާއި ބޯފެން ހުސްވެފަ އެވެ. އަދި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން އެކަށީގެންވާ ފަރުވާ ވެސް ނުލިބެ އެވެ.

ގުޅިފައިވާ ލަޝްކަރުން ހުދައިދާ އަށް ހަމަލާ ދިން ތިން ދުވަހުގެ ތެރޭގައި، ރެޑް ކްރެސެންޓުގެ މީހުންނަށް ވެސް އެ ރަށަށް ވަނުމުގެ ހުއްދަ ނުލިބޭ ކަމަށް ޚަބަރުތައް ލިބެ އެވެ. އެހެންކަމުން ހަމަލާތަކުގައި ޒަޚަމްވާ މީހުންނާއި އަނިޔާ ލިބޭ މީހުންނަށް ބޭނުންވާ ފުރަތަމަ އެހީ ފޯރުކޮށްދިނުމުގައި ވަރަށް ބޮޑަށް ލަސްވާ ކަމަށްވެ އެވެ.

އދ. އިން ބުނި ގޮތުގައި ހުދައިދާ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރި މަސައްކަތް ނާކާމިޔާބުވެ ހަނގުރާމަ ފެށުމުން، ހުދައިދާގެ އާންމު ރައްޔިތުން މިހާރު ތިބީ ވަރަށް ނިކަމެތި ހާލަތަކަށް ވެއްޓިފަ އެވެ. ޔަމަންގެ 22 މިލިއަން މީހުންނަށް ބޭނުންވާ ކާނާ އާއި ބޭހުގެ ސާމާނު އެ ގައުމަށް އެތެރެ ކުރަނީ ހުދައިދާގެ ބަނދަރުން ކަމަށްވާތީ، ހުދައިދާގެ ބަނދަރު ބަންދުވެފައި އޮތުމުން އެ ގައުމުގެ އާންމުން ބަނޑަށް ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެވެ.

ވަކިން ޚާއްސަކޮށް ހުދައިދާ އާއި ހުދައިދާއާ ގުޅިފައިވާ އެހެން ސަހަރުތަކުގައި ދިރިއުޅޭ ގާތްގަނޑަކަށް 8.4 މިލިއަން މީހުންގެ ހާލަތު ވަކިން ބޮޑުވާނެ ކަމަށް އދ. އިން ލަފާކުރެ އެވެ.

މީގެ އިތުރުން ހުދައިދާ އަށް އަތް ގަދަކޮށްގެން ތިބި ހޫތީ ހަނގުރާމަވެރިން ގިނައިން އުޅެމުން ދަނީ އެ ރަށުގެ އާންމުން ދިރިއުޅޭ އިމާރާތްތަކުގައި ކަމަށްވާތީ، ގުޅިފައިވާ ލަޝްކަރުން ދޭ ހަމަލާތަކުގައި އާންމުންނަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ހިއުމަން ރައިޓްސް ވޮޗް އިން ބުނެ އެވެ. އެ ޖަމާއަތުން ބުނި ގޮތުގައި އާންމުންނަށް ލިބޭ ގެއްލުން ކުޑަކުރުމަށް ހަނގުރާމައިގެ ދެ ފަރާތުން ވެސް އިސްކަން ނުދީފި ނަމަ ގިނަ އަދަދެއްގެ ބަޔަކު މަރުވެދާނެ އެވެ.

ހިއުމަން ރައިޓްސް ވޮޗް އިން، ގުޅިފައިވާ ލަޝްކަރަށާއި ހޫތީ ހަނގުރާމަވެރިންނަށް ވެސް ގޮވާލާފައިވަނީ ހުދައިދާގައި ދިރިއުޅޭ އާންމުން އެ ރަށް ދޫކޮށް އަމާން ސަރަހައްދުތަކަށް ދިއުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށެވެ. ހަމަ އެއާއެކު، އާންމުންނަށް ބޭނުންވާ ކާނާ އާއި ބޯފެނާއި ބޭހުގެ ސާމާނު ފަސޭހަ އިން އާންމުންނަށް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ވެސް އެ ޖަމާއަތުން ގޮވައިލަ އެވެ.