Roadha Mihaaru
އެއް ދުވަހުން ލައިސަންސް ނަގަން ދިގު ކިޔޫއެއް

އެއް ދުވަހުން ލައިސަންސް ނަގަން ދިގު ކިޔޫއެއް

26 މެއި 2018

އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ޕްރޮގްރާމް ޓްރާންސްޕޯޓް އޮތޯރިޓީން މިރޭ ފެށުމާއެކު އެތައް ސަތޭކަ ބަޔަކު ކިޔޫ ޖެހިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެއް ދުވަހުން ޑްރައިވިން ލައިސަންސް ލިބޭ ޕްރޮގްރާމް ޓްރާންސްޕޯޓް އޮތޯރިޓީން މިރޭ ފެށުމާއެކު އެތައް ސަތޭކަ ބަޔަކު ކިޔޫ ޖެހިއްޖެ އެވެ.

ހުރަވީ ބިލްޑިންގެ ތިރީގައި މިރޭ 9 ޖެހުމާއެކު އެ ހަރަކާތް ފެށިއިރު އޭގެ މާ ކުރިން މީހުން ވަނީ އެއްވެފަ އެވެ. ލައިސަންސް ނެގުމަށް އެއްވެ ތިބި މީހުންގެ ކިޔޫ، އަމީރު އަހުމަދު މަގުން ފެށިގެންގޮސް ބަނޑޭރި ކޮއްޓާއި ހުކުރު މިސްކިތާވީ ވީ ގޯޅިން ގޮސް މެދުޒިޔާރަތް މަގުން ހުކުރު މިސްކިތަށް ވުރެ މާ ދުރަށް ދެމިގެންގޮސްފައިވެ އެވެ. އެކި އުމުރުގެ ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން ކިޔޫގައި ތިބިއިރު ގިނައިން ފެންނަނީ ޒުވާނުންނެވެ.

ލައިސަންސް ނެގުމަށް ހަދާފައި އޮތް ކިޔޫ ހުކުރު މިސްކިތް ކައިރީގައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ލައިސަންސް ނެގުމަށް ހަދާފައި އޮތް ކިޔޫ ހުކުރު މިސްކިތް ކައިރީގައި-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

"އެއްލަކިން މަށަށް ލައިސަންސް"ގެ ނަމުގައި މިރެއާއި މާދަމާ ރޭގެ އިތުރުން ހޯމަ ދުވަހުގެ ރޭ 9:00 އިން 12:00 އަށް ހިންގާ އެ ޕްރޮގްރާމަށް، ފޯމް ހުށަހަޅާ ތަރުތީބުން ތިއަރީ ޓެސްޓާއި ޑްރައިވިން ޓެސްޓް އެއް ދުވަހުގެ ތެރޭގައި ހަދައި ފާސްވުމުން ހަމަ އެރޭ ލައިސަންސް ލިބެ އެވެ.

ޓްރާންސްޕޯޓް އޮތީރިޓީން ބުނިގޮތުގައި މި ޕްރޮގްރާމުގައި ޑްރައިވިން ޓެސްޓް ކުރިއަށް ގެންދާނީ، މިހާރު އޮންނަ ގޮތަށް ވުރެ ފަސޭހަ އުސޫލަކުންނެވެ.

މިހާރު އޮންނަ ގޮތުން ލައިސަންސް ނެގުމަށްޓަކައި ތިއަރީ އަދި ވެހިކަލް ދުއްވުމުގެ ޓެސްޓް ހަދަން ހަފުތާ އަކަށް ވުރެ ގިނަ ދުވަސް ނަގަ އެވެ.

މި ޕްރޮގްރާމުގައި ސައިކަލް ލައިސަންސްގެ އިތުރުން ކާރާއި ޕިކަޕްގެ ލައިސަންސް ވެސް ނެގެ އެވެ.

ކިޔޫގައި ތިބި މީހުންނާ ވާހަކަ ދައްކާލުމުން ބުނީ ކުރިން ލައިސަންސް ނުނެގި އޮތީ ޕްރޮސީޖާ ދިގުކަމުން ކަމަށާއި މި ޕްރޮގްރާމާއެކު އެކަން ފަސޭހަ ވެގެންދާ ކަމަށެވެ.

"ކުރިން ވިއްޔާ ލައިސަންސް ލިބެނީ ޑްރައިވިން ސްކޫލަށް ލާރި ދައްކައިގެން، ކިޔޫގައި ތިބެގެން ތިއަރީ ހަދައިގެން. އޭގެ ފަހުން އެތައް ދުވަހެއް ފަހުން ދުއްވަން ގޮސްގެން ލައިސަންސް ނަގަން މިޖެހެނީ. އެކަމަކު މި ޕްރޮގްރާމުން އެއް ރެއިން އެބަވޭ،" ކިޔޫގައި ހުރި ޒުވާނަކު ބުންޏެވެ.

ލައިސަންސް ނެގުމަށް ޒުވާނުންތަކެއް ފޯމް ފުރަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

ލައިސަންސް ނެގުމަށް ޒުވާނުންތަކެއް ފޯމް ފުރަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު

މި ހަރަކާތުގައި ބައިވެރިވުމަށް ފޯމުގެ އިތުރުން، ދެން ހުށަހަޅަން ޖެހޭނީ ޑްރައިވިން ލައިސަންސަށް އެދޭ ފޯމެވެ. އެ ފޯމުތަކުގައި ޖަހަން ބޭނުންވާ ފޮޓޯ އާއި ސްޓޭމްޕާއި އައިޑީ ކާޑު ކޮޕީ ނެގުމާއި ފައިސާ ބަލައިގަތުމާ ބެހޭ އިންތިޒާމް ވެސް ހަމަޖައްސާފައި ވަނީ ހުުރަވީ ބިލްޑިންގުގެ ތިރީގަ އެވެ. ތިއަރީ ޓެސްޓާއި ލައިސަންސް ކާޑަށް ދައްކަން ޖެހޭ ފީގެ އިތުރުން އެހެން ފީއެއް ނުނަގަ އެވެ.

ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ވެސް އެ ޕްރޮގްރާމް ހިންގާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.