Roadha Mihaaru
ސެލީންގެ ދަރިފުޅު ވެސް މިއުޒިކުގެ ތެރެއަށް

ސެލީން ޑިއޯންގެ ދަރިފުޅު ވެސް މަންމަގެ ފިޔަވަޅު މަތިން މިއުޒިކުގެ ތެރެއަށް

10 މެއި 2018

"ޓައިޓޭނިކް" ގެ މަޝްހޫރު ލަވަ "މައި ހާޓް ވިލް ގޯ އޮން" ކިޔައިގެން އެތައް ބައެއްގެ ހިތުން ޖާގަ ހޯދި އަންހެން ލަވަ ކިޔުންތެރިޔާ ސެލީން ޑިއޯންގެ ތިން ކުދިންގެ ތެރެއިން ރެނީ- ޗާލްސް-އެންޖެލިލް ވެސް މަންމަގެ ފިޔަވަޅު މަތިން ކުރިއަށް ދާން ނިންމައި، އޭނާގެ ހުނަރުތައް ދައްކާލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"ޓައިޓޭނިކް" ގެ މަޝްހޫރު ލަވަ "މައި ހާޓް ވިލް ގޯ އޮން" ކިޔައިގެން އެތައް ބައެއްގެ ހިތުން ޖާގަ ހޯދި އަންހެން ލަވަ ކިޔުންތެރިޔާ ސެލީން ޑިއޯންގެ ތިން ކުދިންގެ ތެރެއިން ރެނީ- ޗާލްސް-އެންޖެލިލް ވެސް މަންމަގެ ފިޔަވަޅު މަތިން ކުރިއަށް ދާން ނިންމައި، އޭނާގެ ހުނަރުތައް ދައްކާލަން ފަށައިފި އެވެ.

ރެޕް ކުރުމަށް ލޯބިކުރާ 17 އަހަރުގެ ރެނީ ދާދި ފަހުން ސައުންޑްކުލައުޑަށް ދޫކޮށްލި ބައެއް ކަވަތަކާ އެކު އެތައް ބައެއްގެ ސަމާލުކަން މިހާރު ވަނީ އޭނާ އަށް ހުއްޓިފަ އެވެ. މިއީ އަދި ކިރިޔާ ފެށުމެކެވެ. ރެނީ ސައުންޑްކުލައުޑްގައި އާންމުކުރި ޓްރެކްތައް މިހާރު ވަނީ ޗާޓްތަކަށް ވެސް އަރައިފަ އެވެ.

އެގޮތުން އާރްއެންޑްބީ އެންޑް ސޯލް ޗާޓް "ހޮޓް އެންޑް ނިއު" ކެޓަގަރީ އަށް ރެނީގެ ދެ ލަވައެއް ވަނީ އަރައިފަ އެވެ. އެއީ "ލޮފްޓް މިއުޒިކް ރިމިކްސް" އާއި "ކެޓްވޯލްކްސް" އެވެ. މި ދެ ޓްރެކަކީ މަޝްހޫރު ރެޕާ ދަ ވީކެންޑްގެ ދެ ލަވައެއްގެ ރިމިކްސް ވާޝަންތަކެވެ. މި ދެ ޓްރެކް އޮތީ ޗާޓްގެ ގަދަ ދޭއްގަ އެވެ.

I woke up like dis.... #ChartTopper

A post shared by René-Charles Angélil (@pavdarawse) on

ރެނީގެ ދެ ލަވައެއް ޗާޓްގެ ކުރިއަށް އެރުމުން އެކަން ފާހަގަކޮށްފައި.

ރެނީ ޗާޓަށް ލަވަތައް އެރުމުން އެކަން އިސްޓަގްރާމްގައި ވެސް ފާހަގަކޮށްފަ އެވެ.

މަންމަގެ ފިޔަވަޅު މަތިން ރެނީ މިއުޒިކް ދާއިރާ އިން ކުރިއަށް ދާން ދަތުރު ފަށާފައިވާ އިރު، އޭނާގެ ލޭ ވަނީ މިއުޒިކާ ވަރަށް ބޮޑަށް ވެސް ގުޅިފަ އެވެ. ރެނީގެ ބައްޕަ އަދި 2016 ގައި މަރުވެފައިވާ ރެނީ އެންޖެލިލްއަކީ މިއުޒިކް ޕްރޮޑިއުސަރެއް ވެސް މެ އެވެ. އަދި ސެލީންގެ ކާމިޔާބު ކެރިއަރުގައި އޭނާގެ ހިއްސާ ވަރަށް ވެސް ބޮޑެވެ.

ޒުވާން ރެނީގެ މިއުޒިކްގެ ޖާދޫގައި ޖެހުނު ބައެއް މީހުން ވަނީ މަންމަ ސެލީ އާއި ރެނީގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް މިހާރު އިންތިޒާރު ކުރެވޭ ކަމަށް ވެސް ބުނެފަ އެވެ. ފަހަރުގައި ލަސްތަކެއް ނުވެ އެ ފުރުސަތު ލިބިދާނެ އެވެ.

އުމުރުން 50 އަހަރުގެ ސެލީން ވަނީ އިނގިރޭސި އާއި ފްރެންޗް ބަހުން މިހާތަނަށް ގިނަ އަދަދެއްގެ އަލްބަމްތަކެއް ނެރެ އެވެ. އޭނާ އެންމެ ފަހުން އިނގިރޭސި ބަހުން ނެރުނު އަލްބަމަކީ 2013 ގެ "ލަވް މީ ބެކް ޓް ލައިފް" އެވެ. ފްރެންޗް ބަހުން އެންމެ ފަހުން ނެރުނީ 2016 ގަ އެވެ. ކުރިއަށް އޮތް ތަނުގައި ދަރިފުޅާއި މަންމަގެ ކޮލަބަރޭޝަނެއް ވެސް އައުން ހަމަ ގާތެވެ. އިންތިޒާރުކޮށްލަމާ ހިނގާށެޗވެ.