Roadha Mihaaru
ހިޔާ މަޝްރޫއުގެ 12 ކެޓަގަރީއަށް ފޯމު ދޫކުރަން ފަށަނީ

ހިޔާ މަޝްރޫއުގެ 12 ކެޓަގަރީ އަށް ފޯމު ދޫކުރަން ފަށަނީ

01 މެއި 2018

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން 12 ކެޓަގަރީ އަކަށް ފްލެޓުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު، އަންނަ އާދިއްތަ ދުވަހު ދޫކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން 12 ކެޓަގަރީ އަކަށް ފްލެޓުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު، އަންނަ އާދިއްތަ ދުވަހު ދޫކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފްލެޓުތަކަށް ފޯމު ދޫކުރުން އޮންނާނީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ. އަދި ފޯމު ދޫކުރުމަށް އެ މާލަން ޚާއްސަކޮށް، ތައްޔާރު ކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ކުރެއްވި ޓުވީޓު.

މިކަމާ ގުޅޭ މައުލޫމާތު، އެ ދުވަހުގެ ޕްރެސް ކޮންފަރެންސްގައި ހިއްސާ ކުރަން ވަނީ ނިންމައިފަ އެވެ.

ހުޅުމާލޭގެ "ހިޔާ މަޝްރޫއު"ގެ ދަށުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ވެސް ފްލެޓް އަޅަން ނިންމައި އެކަން ކޮށްދޭނެ ބަޔަކު ހޯދަން މިހާރު ވަނީ އިއުލާން ކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކުން މިހާރު ވަނީ ފްލެޓްތައް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފަށައި ވެސް މެ އެވެ.

ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ހިންގާ އެންމެ ބޮޑު މަޝްރޫއު ނޮވެމްބަރު 18، 2017 ގައި ހުޅުމާލޭގައި ފައްޓަވައި ދެއްވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި ވަނީ، އެ މަޝްރޫއު އަންނަ އަހަރު ނިންމާލެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ތެރެއިން ފުރަތަމަ ބިންގާ އެޅި ބައެއް ތަންތަނުގައި މި އަހަރު ވެސް މީހުން ދިރިއުޅެން ފެށޭވަރުވާނެ ކަމަށެވެ.

ހިޔާ މަޝްރޫއުގައި ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް، ހައުސިން މިނިސްޓްރީން ވަނީ 11 ކެޓަގަރީއަކަށް ބަހާލައިފަ އެވެ. އެއީ ސިވިލް ސާވަންޓުންނާއި ކައިވެނި ކޮށްގެން އުޅޭ އުމުރުން 18-40 ދެމެދުގެ މީހުންނާއި މާލޭގެ ރަށްވެހިންނާއި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޓީޗަރުންނާއި ފުލުހުންނާއި ސިފައިންނާއި އެކަނިވެރި މައިންނާއި ބަފައިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކާއި ގުޅިފަޅާއި ޓާޓާ އިން ފްލެޓް ނުލިބުނު މީހުންގެ އިތުރުން މާފަންނުު ހުޅަނގު ދާއިރާގައި ދަތި ހާލުގައި ދިރިއުޅޭ އާއިލާތަކެވެ.