Roadha Mihaaru
ޒަހަމްވި ދިވެހި ޑޮކްޓަރުގެ މައިބަދައިގައި ރެނދުލާފައި

ބޯޓު ވެއްޓިގެން ޒަހަމްވި ދިވެހި ޑޮކްޓަރުގެ މައިބަދައިގައި ރެނދުލާފައި

13 މާޗް 2018

ނޭޕާލުގެ ކަތުމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އިއްޔެ ވެއްޓުނު މަތިންދާބޯޓުގައި އިން ދިވެހި ޑޮކްޓަރުގެ މައިބަދައިގައި ރެނދުލާފައިވާތީ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނޭޕާލުގެ ކަތުމަންޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައި އިއްޔެ ވެއްޓުނު މަތިންދާބޯޓުގައި އިން ދިވެހި ޑޮކްޓަރުގެ މައިބަދައިގައި ރެނދުލާފައިވާތީ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާ ދޭން ފަށައިފި އެވެ.

މި ހާދިސާގައި ޒަޚަމްވެ ފަރުވާ ދެމުން އަންނަނީ އެ ގައުމުގައި މެޑިސިންގެ ދާއިރާ އިން އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއްގެ ގޮތުގައި ކިޔަވަމުން އަންނަ ޑރ. ރިޒާނާ އަބްދުﷲ 38، އަށެވެ. މާލެ އަށް އުފަން ރިޒާނާ އަށް މި ވަގުތު ފަރުވާދެނީ ކަތަމަންޑޫގެ ނޯވިކް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

ރިޒާނާގެ ގާތް މީހަކު "މިހާރު" އަށް މިއަދު ބުނި ގޮތުގައި ރިޒާނާގެ ސީޓީ ސްކޭން ހެދި އިރު، މައިބަދައިގައި ވަނީ ރެނދުލައިފަ އެވެ. އެކަމަކު، އޮޕަރޭޝަން ކުރަން ޑޮކްޓަރުން ލަފާ ދީފައިނުވާ ކަމަށާއި ރިޒާނާގެ ހާލު ކުރިއަށް ވުރެ ރަނގަޅު ކަމަށް ވެސް އޭނާ ބުންޏެވެ.

ނޭޕާލްގައި މެޑިސިންގެ ދާއިރާ އިން ތައުލީމް ހާސިލް ކުރަމުން އެހެން ދިވެހި ދަރިވަރަކު އެ ގައުމުގައި ހުރެ ފޯނުން ކިޔައިދިން ގޮތުގައި ޑޮކްޓަރުން މިހާރު ރިޒާނާ އަށް ލަފާ ދީފައިވަނީ ދެ ތިން މަސް ވަންދެން، ރިޒާނާ ބެޑް ރެސްޓް ކުރުމަށެވެ.

މިއީ ކަތުމަންޑޫ ބީރު ހޮސްޕިޓަލްގައި ތައުލީމް ހާސިލް ކުރާ ރިޒާނާގެ ފަހު އަހަރެވެ. މަތިންދާބޯޓު ވެއްޓުމުގެ ހާދިސާގައި ރިޒާނާގެ ހަށިގަނޑުގެ ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދިކުދި ޒަޚަމްތައް ލިބުނެވެ.

ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓް ކައިރި އަށް އިއްޔެ ވެއްޓުނު ބަނގްލަދޭޝް އެއާލައިންސްގެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭން 49 މީހުން ވަނީ މަރުވެފަ އެވެ. މި ހާދިސާގައި ސަލާމަތްވީ ރިޒާނާއާ އެކު 22 މީހެކެވެ. މި ބޯޓުން ދަތުރު ކުރީ 71 މީހެކެވެ.

ބަނގްލަދޭޝް އިން ފުރައިގެން ނޭޕާލަށް ދަތުރު ކުރި ފްލައިޓް ބީއެސް 211 ވެއްޓުނީ އިއްޔެ މެންދުރު ފަހު ރަންވޭ އަށް ޖައްސަން އުޅުމުގެ ތެރޭގަ އެވެ.