Roadha Mihaaru
ބާސެލޯނާ އިން މޮޅަށް ކުޅުނު ޗެލްސީ ހިފަހައްޓައިފި

ބާސެލޯނާ އިން މޮޅަށް ކުޅުނު ޗެލްސީ ހިފަހައްޓައިފި

21 ފެބުރުއަރީ 2018

ލަންޑަން (ފެބްރުއަރީ 21) – ޗެލްސީ ކޮޅަށް ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ޖެހި ފުރަތަމަ ގޯލާ އެކު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި އެ ދެ ޓީމު ރޭ ލަންޑަނުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލަންޑަން (ފެބްރުއަރީ 21) – ޗެލްސީ ކޮޅަށް ބާސެލޯނާގެ ފޯވާޑް ލިއޮނަލް މެސީ ޖެހި ފުރަތަމަ ގޯލާ އެކު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި އެ ދެ ޓީމު ރޭ ލަންޑަނުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު، ދެ ޓީމަށް ވެސް ބާސެލޯނާގައި ކުޅޭ މެޗުން ކޮންމެ ނަތީޖާއަކުން މޮޅުވެގެން ވެސް ކުއާޓާ ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. އެ މެޗު 0-0 އިން އެއްވަރުވެއްޖެ ނަމަ އަވޭ ގޯލުން ބާސެލޯނާ ކުއާޓާ އަށް ދާނެ އެވެ. މެޗު 1-1 އިން އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރެން އިތުރު ވަގުތު ކުޅެން ޖެހޭނެއިރު، އެ ނޫން ކޮންމެ ނަތީޖާއަކުން އެއްވަރުވެއްޖެ އަވޭ ގޯލުން ޗެލްސީ އަށް ކުއާޓާ އިން ފުރުސަތު ލިބޭނެ އެވެ.

ރޭގެ މެޗުގައި ޗެލްސީގެ ފަރާތުން ވަރުގަދަ ޓެކްޓިކަލް ކުޅުމެއް ފެނިގެންދިޔައިރު ޖުމްލަކޮށް ގޯލަށް ނުރައްކާ ކުރީ ވެސް އެ ޓީމުންނެވެ. އެގޮތުން ފުރަތަމަ ހާފުގައި ވިލިއަން ފޮނުވާލި ދެ ބޯޅައެއް ގޯލް ދަނޑިއަށް އަމާޒުވި އެވެ. އެކަމަކު 62 ވަނަ މިނެޓުގައި އޭނާ ދުރުން ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައި ޗެލްސީ އަށް ލީޑު ނަގައިދިނެވެ.

މެޗު އެއްވަރުވި ލަނޑު 75 ވަނަ މިނެޓުގައި މެސީ ޖެހީ ޗެލްސީ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގަ އެވެ. އެ ޓީމުގެ އަންދްރެއަސް ކްރިސްޓެންސެން އަށް ނުބައިތަނަކަށް ލެވުނު ޕާހެއް ހޯދައި ބާސެލޯނާގެ އަންދްރޭ އިނިއެސްޓާ ޖައްސާލީ މެސީ އަށެވެ. އޭނާ ފޮނުވާލި ބާރު ބޯޅަ ވަނީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ޗެލްސީއާ ދެކޮޅަށް މެސީ ކުޅުނު ނުވަ މެޗުން ޖެހި ފުރަތަމަ ގޯލެވެ.

ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އޭނާގެ ޓީމަށް ހެދުނީ އެންމެ ގޯހެއް ކަމަށާއި މިފަދަ ޓީމުތަކާއި މެސީ، އިނިއެސްޓާ އަދި ސުއަރޭޒް ފަދަ ކުޅުންތެރިންނާ ދެކޮޅަށް ކުޅޭއިރު ގޯހެއް ހެދިއްޖެ ނަމަ އަގު ދައްކަން ޖެހޭނެކަން ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

"ފައިނަލް ނަތީޖާއާ މެދު ހިތްހަމަނުޖެހިފައި މިތިބީ،" ކޮންޓޭ ބުންޏެވެ. "ތިބައޫ ކޯޓުއާގެ ފަރާތުން ވަރުގަދަ ސޭވެއް އަހަރެން ހަނދާން ނުވޭ. އެ މީހުންނަށް ލިބުނީ މަދު ފުރުސަތުތަކެއް. ފުރަތަމަ ހާފުގައި ޕައުލީނިއޯ ދެ ވަނަ ހާފުގައި ސުއަރޭޒް. އަހަރެން ދެކޭ ގޮތުގައި ޗެލްސީން ކުޅުނީ ވަރަށް ރަނގަޅު ގޭމެއް. އަހަރެން ހިތްހަމަޖެހެން ޖެހޭނެ ސަބަބަކީ ކުޅުންތެރިން ވަރަށް މަސައްކަތްކުރި. އަދި އަހަރެމެން ތައްޔާރުކުރި ޕްލޭނާ އެއްގޮތަށް އަމަލުކުރި."

ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނީ ވިލިއަން އަށް ޝޫޓްކުރަން މާ ހުސް ޖާގަ ދިނީ ކަމަށެވެ. އޭނާ ބުނީ ޗެލްސީން އޭނާގެ ޓީމު ވަރަށް ބޮޑަށް ޕްރެސްކޮށް އުނދަގޫކުރި ކަމަށާއި އެކަމަކު ކޭމްޕް ނޯގައި ކޮންމެ ކަމެއް ވެސް ބަދަލުވެދާނެ ކަމަށެވެ.

ދެ ވަނަ ބުރުގެ އަނެއް މެޗުގައި ރޭ ޖަރުމަނުގެ ގަދަބާރު ބަޔާން މިއުނިކް ވަނީ އަމިއްލަ ދަނޑުގައި ތުރުކީގެ ބެސިކްޓަސް އަތުން 5-0 އިން މޮޅުވެ ކުއާޓާ ފައިނަލުގައި އެއް ފިޔަވަޅު އަޅައިފަ އެވެ. މެޗުގެ 16 ވަނަ މިނެޓުގައި ބެސިކްޓަސްގެ ޑޮމަގޮޖް ވިޑާ އަށް ރަތްކާޑު ދެއްކި އެވެ. ބަޔާނުގެ ފަސް ލަނޑު ވެސް ޖެހީ އޭގެ ފަހުންނެވެ. ތޯމަސް މުލާ އާއި ރޮބަޓް ލެވޮންޑޮސްކީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހިއިރު އަނެއް ގޯލް ޖެހީ ކިންގްސްލީ ކޯމަން އެވެ.