08 ފެބުރުއަރީ 2018
ދިވެހި ގައުމުގެ ތަޚުތަށް ދަހިވެތިވާ ބަޔަކު ދިން ޑޮލަރު ބޮނޑީގައި ހިފައިގެން ކުރިމަތި ކުރުވި އުދުވާނީ ހަމަލާއިން އެމަނިކުފާނު ކުޑަކަކޫ މައްޗަށް ތިރިވާން ޖެހިވަޑައިގެންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. އެކަމަކު އެ ޖަޒުބާތުތައް ފިލައި، ދެން ކުރިމަތި ކުރާނެ ހަމަލައަކަށް ވެސް މިހާރު ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހި ގައުމުގެ ތަޚުތަށް ދަހިވެތިވާ ބަޔަކު ދިން ޑޮލަރު ބޮނޑީގައި ހިފައިގެން ކުރިމަތި ކުރުވި އުދުވާނީ ހަމަލާއިން އެމަނިކުފާނު ކުޑަކަކޫ މައްޗަށް ތިރިވާން ޖެހިވަޑައިގެންނެވި ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ. އެކަމަކު އެ ޖަޒުބާތުތައް ފިލައި، ދެން ކުރިމަތި ކުރާނެ ހަމަލައަކަށް ވެސް މިހާރު ތައްޔާރަށް ހުންނެވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރައީސް ޔާމީން 2018 ކެމްޕޭން ޖަގަހަ"އި ގައި ބޭއްވި "ގައުމަށްޓަކައި އަންހެނުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ކޮންމެ ފަދަ ހާލެއް ޖައްސާފައި ވެސް ވެރިކަން ބޭނުންވާ ބަޔަކު މި ގައުމުގައި އެބަތިބި ކަމަށެވެ. އެ ދަހިވެތި ކަމުގައި "ތިން ހަތަރު މީހަކު" ވެގެން ދިވެހި ގައުމު ކުޑަކަކޫ މައްޗަށް ޖައްސާލި ހިތްދަތި ކަމަކީ ތާރީޚުން ނުފިލާނެ ދުވަހެއް ކަމަށް ވިދާޅުވި އެވެ.
"ދިމާވި ކަންކަމަށް އަޅުގަނޑު ސާބިތުކަމާ އެކީގައި ހުރީ ފިސާރި ދިވެހި ދަރިއެއްގެ ގޮތުގައި،" ރައީސް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ފަނޑިޔާރުން ތަކަކަށް ރިޝްވަތު ދީގެން ބަޔަކު ބޭނުންވީ، މި ގައުމަށް އަނެއްކާވެސް "ފެބުރުއަރީ 7" ގެނައުމަށެވެ. އެކަމަކު އެކަން ނާކާމިޔާބުވީ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނާ ޚިލާފު އަމުރެއް ކަމަށް ފުލުހުންނާއި ސިފައިން ގަބޫލުކޮށް، ގައުމަށް ޣައްދާރުވާން ފުރުސަތު ނުދިނުމުން ކަމަށް ވިދާޅުވެ ސަލާމަތީ ޚިދުމަތްތަކަށް ރައީސް ޔާމީން ތައުރީފް ކުރެއްވި އެވެ.
"އެ އުދުވާނުން ސަލާމަތްވީ އަޅުގަނޑުގެ މޮޅު ކަމަކުން ނޫން. އެކަމުން ސަލާމަތްކޮށްދިން ބަޔަކީ ހަމަ ހަގީގަތުގައި ދިވެހި ފުލުހުންނާއި ސިފައިން، ﷲ ގެ މިންވަރުފުޅާ އެކީގައި،" ރިޝްވަތު ހިފުމުގެ ތުހުމަތުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްފައިވާ މައްސަލަ އަށް އިޝާރާތް ކުރައްވަމުން ރައީސް ވިދާޅުވި އެވެ.
ރާއްޖެ އަށް އިންޑިއާގެ ސިފައިން ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ރައީސް ޔާމީން މިރޭ ފާޑުވިދާޅުވި އެވެ. އެކި ކަރަކަރައިގެ އަސްކަރިއްޔާ ރާއްޖެ އަށް ގެނައުމުގެ މަސައްކަތް ކުރައްވާ ބޭފުޅަކަށް ރާއްޖޭގެ ވެރިކަން ހަވާލުކުރަން ހެޔޮވާނެތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.
މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ފަރަންޖީންގެ ނަޖިސް ލެއިން ދިވެހި ބިން ސާފުކުރަން އެތައް ޒަމާނެއް ހޭދަވި ކަމަށާއި އެ މީހުންގެ އަތްދަށަށް ގައުމު ދޫކޮށްލަން ބޭނުން ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"ބޭރުގެ ކަރަކަރައިން ދިވެހި ގައުމާ ތޮޅެން މީހުން ގެންނަން ގޮވާލާއިރު ކޮބައިތޯ ދީނުގެ، ކޮބައިތޯ ގައުމިއްޔަތުގެ ކަންފުޅެއް ވެސް،" ރައީސް ސުވާލު ކުރެއްވި އެވެ.
ނަޝީދުގެ ނަން ވިދާޅު ނުވެ، ރައީސް ޔާމީން ވިދާޅުވީ އެފަދަ ބޭފުޅުންނަށް ރާއްޖޭގެ ވެރިކަމާ 10 ފޫޓަށް ވެސް ކައިރިވެވަޑައިނުގެންނެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ގާނޫނު ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފާޑުވިދާޅުވެ "އަމިއްލަ އަންބޮނޑި ބޮޑުކޮށްގެން" އަދިވެސް ހިތްހަމަނުޖެހެނީތޯ ރައީސް ސުވާލު އުފެއްދެވި އެވެ.
އިދިކޮޅު ސިޔާސީ ލީޑަރުންނާއި އެމަނިކުފާނުގެ ތަފާތު ވިދާޅުވެ ދެއްވަން ރައީސް ވިދާޅުވީ "އަޅުގަނޑުގެ އެއްވެސް އަމިއްލަ އެދުމެއް ނެތް" ކަމަށެވެ. އެމަނިކުފާނާ އެއްވެސް ބަޔަކު ޒާތީވާން ޖެހޭ ސަބަބެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
މިރޭގެ ޖަލްސާ ނިންމާލަމުން ރައީސް ޔާމީނާއި ވަޒީރުން ގައުމީ ސަލާން ވިދާޅުވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
ވެރިކަމަށް ވަޑައިގެންނެވިއިރު، ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ނަންގަވާނީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށެވެ. އެ ނިންމެވުން ބަދަލުކޮށް މުސާރަ އެއްކޮށް ނަގަން ފެށީ ދިރިއުޅުއްވުން ހިލާލީގެ އަށް ބަދަލުކުރައްވަން ޖެހިވަޑައިގަތުމުން ކަަމަށް ރައީސް ވިދާޅުވި އެވެ.
ސަލާމަތީ ސަބަބުތަކަކަށްޓަކައި އަމިއްލަ ގެކޮޅު، ދޫވެހިން ހިލާލީގެ އަށް ބަދަލުވެވަޑައިގަންނަވަން ޖެހުމުން، އަމިއްލަ ގެކޮޅު ކުއްޔަށް ދޫކޮށްގެން ލިބުނު އާމްދަނީ ހުއްޓުމަކަށް އައި ކަމަށް ވިދާޅުވި އެވެ.
ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި ރައީސަކަށް ހުންނަވާ ބޭފުޅެއްގެ އުމުރުން 18 އަހަރުން މަތީގެ ބޭފުޅުންނަށް ދައުލަތުން ޚަރަދު ކުރުމަށް ގާނޫނުއަސާސީން ޖާގައެއް ނުދެ އެވެ. އެހެންވެ، މުސާރަ އެއްކޮށް ނަންގަވަން ޖެހިވަޑައިގަތީ އެމަނިކުފާނުގެ އާއިލާގައި ތިއްބެވި އުމުރުން 18 އަހަރުން މަތީގެ ދެ ބޭފުޅުން ދިރިއުޅުއްވާ ތަަނަށް ކުލި ދައްކަވަން ޖެހިވަޑައިގަންނަވާތީ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު މުސާރައިގެ އަނެއް ބައި ނަގަން ޖެހުނީ ބޮޑުވެފައި ތިބި ދެ ކުދިން، އަންހެން ކުއްޖަކާއި ފިރިހެން ކުއްޖާ ވެސް އާއިލާއެކު ދިރިއުޅޭތީ ކުލި ދައްކަން. މިކަހަލަ ކަންކަމުގައި އަޅުގަނޑަކީ ދިވެހި ދައުލަތުގެ ފައިސާގައި ޖެހޭނެ މީހެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ "އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ގޮތް ހުސް ނުވާނެ" ކަމަށެވެ. ދިރިއުޅުއްވާ ހާލަތު އެނގިވަޑައިގަންނަވާތީ ފައިސާ ދޭ ރައްޓެހިން ތިބޭ ކަމަށް ވިދާޅުވި އެވެ.
"އެ މީހުންނަށް އެނގޭ އަޅުގަނޑު ދިވެހި ދައުލަތުގެ ފައިސާއެއްގައި ނުޖެހޭނެ ކަން. އަޅުގަނޑަށް އެހީދެއްވާ މީހުން އެބައުޅޭ،" ރައީސް ވިދާޅުވި އެވެ.
ސައީދު، އިބޫއަށް: ރޯކުރި ތަންތަނުގެ ވާހަކަ ދައްކާ!
ރައްޔިތުންގެ އަޑު ރައީސަށް މިރޭ އިއްވާނެ: އިދިކޮޅު
ބަޑި ޖަހާކަށް މި ސަރުކާރުން ނާންގާނެ: ޕީޕީއެމް
ވެރިކަން ބަދަލުކުރުމުގެ ހައްގެއް ނެތް: ރައީސް ޔާމީން
އަޅުގަނޑަކީ ގޮތް ދޫކުރާ މީހެއް ނޫން: ރައީސް ޔާމީން
ރާއްޖެއިން އިންޓެލް ހޯދަނީ އިންޑިއާއިން އެކަނި: ޔާމީން
އެމްޑީޕީން މާފަށް އެދެންޖެހޭ: ޑރ. ޖަމީލް
ބޮޑު އަމުރުން ވެރިކަމުގެ މައިބަދަ ބިނދުނު
ސަރުކާރު އައީ ހަސަދަ ފިލުވައި، ބަދަލުހިފަން: ޕީޕީއެމް
ރައީސް ޔާމީން ނުފިއްލަވާނެ: ތަރުޖަމާނު