Roadha Mihaaru
މަޖިލިސް ހިނގިޔަ ނުދެނީ ބޭޒާރުވާނެތީ: މޫސަ

މަޖިލިސް ހިނގިޔަ ނުދެނީ އިދިކޮޅު މެންބަރުން ބޭޒާރުވާނެތީ: މޫސަ

22 އޮކްޓޯބަރ 2017

ރައްޔިތުންގެ މަޖިލީހުގައި ތިބި ސަރުކާރާ ދެކޮޅު މެމްބަރުންނާ ހެދި، މަޖިލީހުގައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރެވެން ނެތް ކަމަށާއި ޖަލްސާތަކަށް ހުރަސް އަޅަނީ އިދިކޮޅު މެންބަރުން ބޭޒާރު ވެދާނެތީ ކަމަށް މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ރައްޔިތުންގެ މަޖިލީހުގައި ތިބި ސަރުކާރާ ދެކޮޅު މެމްބަރުންނާ ހެދި، މަޖިލީހުގައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރެވެން ނެތް ކަމަށާއި ޖަލްސާތަކަށް ހުރަސް އަޅަނީ އިދިކޮޅު މެންބަރުން ބޭޒާރު ވެދާނެތީ ކަމަށް މަޖިލީހުގެ ނައިބް ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.

"އަފިރިންނަސް ތައްޔާރަ" ގެ ނަމުގައި ފަސްޓްލޭޑީ ފާތުމަތު އިބްރާހީމް އިސްކޮށް ހުންނަވައިގެން އައްޑޫ ހިތަދޫގައި ބޭއްވި ޖަލްސާގައި މޫސަ ވިދާޅުވީ މަޖިލީހުގެ މަސައްކަތަކީ އޭނާ އާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އަމިއްލަ މަސައްކަތްތަކެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ ޖަލްސާތައް ކުރިއަށް ގެންދަން އިދިކޮޅު މެމްބަރުން ހުރަސް އަޅަނީ އެ މީހުން ބޭޒާރުވާ ވަރަށް ސަރުކާރުގެ މެމްބަރުން މަޖިލިސް ތެރޭގައި ވާހަކަ ދައްކަފާނެތީ ކަމަށެވެ.

"ރައްޔިތުންގެ ހައްގުގައި އެ މަޖިލިސް ތެރޭގައި ވާހަކަ ދެއްކުމުގެ އެންމެ ފުރުސަތެއް ވެސް ނުދޭ މި މީހުންގެ ވާހަކަ ގޮވާފާނެތީ. މިހާރު އެތާނގައި ޗައިނާގެ ބޮޑު ފާރު ވެސް ލާން ޖެހުނީ. މާދަމާ ކަށިނަރު ވެސް ޖަހަން ޖެހޭނެ. އަނެއް ދުވަހަކުން ބިއްލޫރި ވެސް ޖަހަން ޖެހޭނެ،" މޫސަ ވިދާޅުވި އެވެ. "ހަމަ އެއްގޮތަކަށް ރައްޔިތެއްގެ ވާހަކަ ދެއްކޭކަށް ނެތް. ކުރިމަތީގައި މިއޮތީ ދެހާސް އަށާރައިގެ ބަޖެޓް. ރައީސް ޔާމީން ކުރަމުން މިދާ ތަރައްގީއާ ގުޅިގެން ދައުލަތު ވަޒީރަކު އެތާނގައި ވާހަކައެއް ދެއްކިޔަސް މި މީހުންނަށް ގެއްލުން ވާނެކަން އެނގޭތީވެ އެތާނގައި ހަޅޭއް ޖަހަނީ."

އޭނާ ވިދާޅުވީ އިދިކޮޅު މެމްބަރުންގެ ބޭނުމަކީ ސަރުކާރުން ހިންގާ ތަރައްގީގެ ވާހަކަ ދެއްކިޔަ ނުދިނުން ކަމަށެވެ.

"ވަޒީރުން ވެސް ވަޑައިގެން އެ ވާހަކަ ދެއްކީމަ މި މީހުންނަށް ހައްތަހާ ވެސް ލިބޭނީ ގެއްލުން ކަމަށްވާތީވެ އަޅުގަނޑުމެން ލައްވައި ޕޯޑިއަމްތަކުގައި މި ވާހަކަ ދައްކުވަން ޖައްސަނީ،" މޫސަ ވިދާޅުވި އެވެ. "...އެހެންވީމާ އަޅުގަނޑުމެން މި ދަންނަވާ ވާހަކައަކީ ގާނޫނުއަސާސީ ހަލާލުކޮށް ފުނޑުފުނޑުކޮށް ނުލާށޭ، މި ބޭފުޅުންނާ ގަބޫލު ފަނޑިޔާރު ގެއެއް ހުރީއްޔަކީ ނޫން. ގަބޫލު ކުރާ ދައުލަތުގެ އެއްވެސް މުއައްސަސާ ހުރީއްޔަކީ ނޫން."

މޫސަ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އޭނާގެ ދުލުގައި ހިފައިދާ ނަމަ، ދެއްކޭނެ ވަރަށް ގިނަ ވާހަކަތައް އެބަހުރި ކަމަށެވެ. އެހެންވެ ފާޑުފާޑުގެ ވާހަކަ ނުދައްކައި ތިބުމަށް ގޮވާލެއްވި އެވެ.