Roadha Mihaaru
ގެސްޓްހައުސްތަކުގެ ގްރީން ޓެކްސް ތިން ޑޮލަރަށް ހަދައިފި

ގެސްޓްހައުސްތަކުގެ ގްރީން ޓެކްސް ތިން ޑޮލަރަށް ކުޑަކޮށްފި

28 ޖޫން 2016

ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ތިން ޑޮލަރު ނެގުމަށް މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން އަންނަ އޮކްޓޯބަރު މަހުން ފެށިގެން ގްރީން ޓެކްސްގެ ގޮތުގައި ތިން ޑޮލަރު ނެގުމަށް މުޅި މަޖިލީހުގެ ކޮމެޓީން މިއަދު ނިންމައިފި އެވެ.

މަޖިލީހުގެ މެމްބަރަކު މިއަދު ވިދާޅުވި ގޮތުގައި ގްރީން ޓެކްސްގެ ގޮތުގައި މީހެއްގެ އަތުން ދުވާލަކަށް ތިން ޑޮލަރު ނަގަން ނިންމީ މިއަދު ހެނދުނު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީއިންނެވެ. ނަމަވެސް އެގޮތަށް ފާސް ކުރަން ވޯޓު ދެއްވި މެމްބަރުންގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މީގެ ކުރިން އިގްތިސާދީ ކޮމިޓީން ވަނީ ގެސްޓްހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަތުން ހަތަރު ޑޮލަރު ނެގުމަށް ފާސްކޮށްފަ އެވެ. އެކަމަކު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މަޖިލީހަށް ހުށަހެޅުއްވީ ޓޫރިސްޓުންގެ އަތުން ހަ ޑޮލަރު ނެގުމަށެވެ.

މި ޓެކްސް ދައުލަތަށް ދެއްކުމަކީ، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުށަހެޅުއްވި ބިލުގައިވާ ގޮތުން، އެ މީހަކު ހުންނަ ތަނެއްގެ ޒިންމާއެކެވެ.

ގެސްޓްހައުސްތަކުން ޓެކްސް ނަގާތީ އިދިކޮޅު ފަރާތްތަކާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ގެސްޓްހައުސްގެ ވިޔަފާރި ފުނޑާލުމަށް ސަރުކާރުން ނިންމި ނިންމުމެކެވެ.

މިދިޔަ ނޮވެމްބަރު މަހު ތައާރަފްކުރި ގްރީން ޓެކްސް މިހާރު ނަގަނީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރަށް ސަފާރީތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުންނެވެ.

މި އަހަރުގެ މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 17.9 މިލިއަން ޑޮލަރު (272 މިލިއަން ރުފިޔާ) ވަނީ ލިބިފަ އެވެ. މީރާގެ ހިސާބުތައް ދައްކާ ގޮތުން ދެ ވަނަ އަށް އެންމެ ގިނަ އަދަދަކަށް ދައުލަތަށް ޑޮލަރު ވަންނަނީ ގްރީން ޓެކްސް އިންނެވެ.