Roadha Mihaaru
ތިނަދޫ އަތުން ޓީސީ އަށް އުނދަގޫ މޮޅެއް

ތިނަދޫ އަތުން ޓީސީ އަށް އުނދަގޫ މޮޅެއް

19 އޯގަސްޓް 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގދ. ތިނަދޫ އަތުން ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ގދ. ތިނަދޫ އަތުން ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

މި މޮޅާ އެކު ޓީސީ ވަނީ ހަ ޕޮއިންޓާ އެކު ދެ ވަނަ އަށް އަރައިފަ އެވެ. ނިއު އާއި ގްރީން ސްޓްރީޓްސް އަށް ވެސް ހަ ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ނިއު ވަނައިގައި އޮތްއިރު ގްރީން އޮތީ ހަތަރު ވަނައިގަ އެވެ. އެއް ވަނައިގައި ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ މާޒިޔާ އެވެ. އެ ޓީމަށް މިރޭ ށ. މިލަންދޫ އަތުން މޮޅުވެގެން ލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.

ތިން މެޗުން ތިން ޕޮއިންޓާ އެކު ތިނަދޫ އޮތީ ފަސް ވަނައިގަ އެވެ.

މިއަދުގެ މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ތިނަދޫ އަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ އަހުމަދު ރިޒްވާން (ރިޒޭ) އޭރިއާ ތެރެއަށް ވަދެ ޓީސީގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ގޯލަށް ފޮނުވާލި ބޯޅަ ޓީސީގެ ގޯލްކީޕަރު ކިރަން ޝެމްޔޮން މަތަކުރި އެވެ. އޭގެ ފަހުން 27 ވަނަ މިނެޓުގައި ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އޭރިއާ ތެރެއިން ޖެހި ބޯޅަ ތިނަދޫގެ ގޯލްކީޕަރު ރުސްލާން މަތަކުރި އެވެ.

ޓީސީގެ ހަމައެކަނި ގޯލް މި މެޗުގައި ޖަހައިދިނީ 38 ވަނަ މިނެޓުގައި ކޮނޭލިއަސް ސްޓެވާޓެވެ. މިއީ މަހުދީ ދިން ޕާހަކުން ކޯނޭ އޭރިއާ ތެރެއަށް ވަދެ ގޯލަށް ވައްދާލި ބޯޅައެކެވެ.

ފުރަތަމަ ހާފުގެ ފަހުކޮޅު، 42 ވަނަ މިނެޓުގައި ތިނަދޫގެ ކޮލަމްބިއާ ފޯވާޑް އަވީލާ އޭރިއާ ތެރެއިން ބޮލުން ޖެހި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު އޭގެ މިނެޓެއް ފަހުން ޓީސީގެ މަހުދީ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ތިނަދޫ ކީޕަރު މަތަކުރި އެވެ.

ދެ ވަނަ ހާފުގައި ވެސް ތިނަދޫ ޓީމުގެ ރިޒޭ އަށް ގޯލް ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. މި ފަހަރު އޭނާ ހުސްކޮށް އަރާ ޖެހި ބޯޅައިގެ ހުރަހަކަށްވީ ގޯލުގެ ދަނޑި އެވެ. މެޗުގެ ފަހު ބައިގައި ތިނަދޫ ޓީމުން ވަރަށް ބޮޑަށް ކުރިއަށް ޖެހި ހަމަލާތައް ވަރުގަދަކުރި އެވެ. އެކަމަކު ގޯލެއް ޖެހުމާ އެންމެ ގާތަށް ދިޔައީ ޓީސީ އެވެ. އެ ޓީމުގެ މުހައްމަދު އައްޒާމް ކީޕަރު ކައިރިން ވެސް ނައްޓާލުމަށް ފަހު ހުސްކޮށް އޮތް ގޯލަށް ޖެހި ބޯޅަ ޖެހުނީ ދަނޑީގަ އެވެ. މެޗުގެ އެންމެ ފަހު ސިކުންތުގައި ތިނަދޫ ޓީމުގެ ޕެޓްރޮމަން ބޮލުން ފޮނުވާލި ބޯޅައެއް، މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ޓީސީގެ ކީޕަރު ކިރަން ސަލާމަތްކުރި އެވެ.

މުޅި މެޗުގައި ވެސް ހާއްސަކޮށް ފަހު ބައިގައި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ރެފްރީ އަހުމަދު ގިޔާސްގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ ރެފްރީގެ ގޯސް ނިންމުންތަކުގެ ސަބަބުންނާއި ވާރޭ ވެހި ދަނޑުގެ ވިނަގަނޑު އޮތް ހާލަތުގެ ގޮތުން ދެ ޓީމަށް ވެސް ރަނގަޅު ފުޓްބޯޅައެއް ނުކުޅެވުނު ކަމަށާއި މިއީ ޕްރިމިއާ ލީގެއް ކުޅޭއިރު ވިސްނަން ޖެހޭ ކަންކަން ކަމަށެވެ.

"މިފަދަ ކަންކަމަށް އެބަޖެހޭ ސަމާލުވާން. ޖުމްލަކޮށް ބަލާއިރު ކުޅުން ގޯހެއް ނޫން. މެޗުގެ ކުރިން ވެސް ފާހަގަކުރިހެން ވަރަށް އުނދަގޫ މެޗަކަށް މި މެޗު ވެގެން ދިޔައީ. މިފަދަ މެޗުތަކުގައި ބޭނުންވާނީ ކޮންމެ ގޮތަކުން ވެސް ތިން ޕޮއިންޓް. އެކަން މިއަދު ހާސިލްވެއްޖެ،" ނިޒާމްބެ ބުންޏެވެ.

ތިނަދޫގެ ކޯޗު މާޓިނޭޒް ހުއާން މެނުއަލް ބުނީ މިއަދު ވެސް މި ބަލިވީ ބަލިވާން ހައްގު މެޗަކުން ނޫން ކަމަށާއި ތިނަދޫން ރަނގަޅަށް ކުޅުނު ކަމަށެވެ. މާޓިނޭޒް ވެސް ވަނީ ރެފްރީއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އަހަރެންގެ ވަރަށް ގާތް ރެފްރީން ވެސް ތިބޭ. އެ އެންމެންނަކީ ވެސް ފުޓްބޯޅަ ދެކެ ލޯބިވާ ބައެއް. މިއަދު އަރާ ހުރި ރެފްރީގެ ފަރާތުން ފެނުނީ އެހެން މަންޒަރެއް. ކުޅުން ހުއްޓުވަން އުޅުނުތަން ފެންނަނީ. ކީއްވެ އެޑްވާންޓޭޖަށް ދޫނުކުރަންވީ ބޯޅަތައް؟ ކީއްކުރަން ގޭމް ހުއްޓުވަންވީ؟،" މާޓިނޭޒް ބުންޏެވެ.

މެޗު ހިނގަމުން ދިޔައިރު ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރީގައި ކުޅިބަލަން ހުރި މީހަކު ވަނީ ކަށިގަނޑު ފުމެފަ އެވެ. އޭގެ ސަބަބުން ބައެއް ފަހަރު ކުޅުންތެރިންނަށް ވެސް އުނދަގޫވި މަންޒަރު ފެނުނެވެ. ފަހުން އެ ތަނަށް ފުލުހުން ދިޔަ މަންޒަރު ފެނުނެވެ.