Roadha Mihaaru
ޔާމީންގެ މަރުގެ ތަހުގީގުގެ މައުލޫމާތު ދޭން ގޮވާލައިފި

ޔާމީންގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު ދޭން އާއިލާ އިން ގޮވާލައިފި

30 މެއި 2017

އަނިޔާވެރިކޮށް، މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އޭނާގެ އާއިލާ އިން ކަމާ ބެހޭ އިދާރާތަަކަށް މިއަދު ގޮވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަނިޔާވެރިކޮށް، މަރާލާފައި އޮއްވާ ފެނުނު ޔާމީން ރަޝީދުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް އޭނާގެ އާއިލާ އިން ކަމާ ބެހޭ އިދާރާތަަކަށް މިއަދު ގޮވާލައިފި އެވެ.

އާއިލާ އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޔާމީންގެ މަރާ ގުޅިގެން އެންމެ ފަހުން ފުލުހުން މައުލޫމާތު ދިނީ މިދިޔަ މަހުގެ 9 ގައި ކަމަށެވެ. ނޫސް ބަޔާން ނެރެ އާއްމުކުރި މައުލޫމާތުގެ އިތުރުން، އެއްވެސް މައުލޫމާތެއް އާއިލާއާ ވެސް މިހާތަނަށް ހިއްސާކޮށްފައި ނުވާ ކަމަށް ބަޔާނުގައިވެ އެވެ.

އާއިލާ އިން ބުނި ގޮތުގައި ޔާމީންގެ މަރާ ގުޅޭ މައުލޫމާތު ހޯދަން އާއިލާ އިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

"ފޯނުން ގުޅައިގެންނާއި މެސެޖް ކުރުމުން ވެސް ފުލުހުންގެ ފަރާތުން އެއްވެސް ޖަވާބެއް އަޅުގަނޑުމެންނަށް ލިބިފައިނުވާތީ ކަންބޮޑުވެ އެވެ،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނީ ޔާމީންގެ މަރަށް ފަހު ވޭތުވެދިޔަ 37 ދުވަހަކީ އާއިލާ އަށް ވަރަށް ހިތްދަތި، ހިތާމަ އިން ފުރިގެންވާ ދުވަސްތަކެއް ކަމަށެވެ. ކޮންމެ ދުވަހެއް ވެސް ހޭދަކުރަނީ، އެ އަނިޔާވެރި އަމަލު ހިންގި ބަޔަކާއި އެކަން ރާވައި ފައިސާ ހޭދަކުރި ބަޔަކު އެނގޭނެ ކަމުގެ އުއްމީދުގައި ކަމަށް އާއިލާ އިން ބުންޏެވެ.

އާއިލާ އިން ބުނި ގޮތުގައި ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާއަކީ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށް ވާ އިރު، އެކަން ކުރުމަށް ނުކުޅެދި، ޔާމީން މަރައިލީ ބައެއްގެ ރޭވުމުންނެވެ. މިއީ، އާއިލާގެ އިތުރުން މުޅި ގައުމަށް ވެސް ކުރިމަތިވެފައިވާ ބިރުވެރި ކަމެއް ކަމަށް ބަޔާނުގައިވެ އެވެ.

ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ ޔާމީން މަރާލި މައްސަލާގައި ފުލުހުން ވަނީ ހަތް މީހަކު ހައްޔަރުކޮށްފަ އެވެ. އެ މީހުންނާ ގުޅޭ މައުލޫމާތު އާއްމު ނުކުރި ނަމަވެސް ފުލުހުން ބުނެފައި ވަނީ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިިބިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ކާމިޔާބުވާނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.