Roadha Mihaaru
70 ޕަސެންޓް ރޯދަ ނުހިފާ ކަމަށް ބުނި މައްސަލަ ބަލަނީ

ގިނަ ބަޔަކު ރޯދަ ނުހިފާ ރަށެއް އޮންނަ ކަމަށް ބުނި މައްސަލަ ބަލަނީ

28 މެއި 2017

ރަށެއްގެ 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ރަށެއް ރާއްޖޭގައި އެބައޮތް ކަމަށް ޝޭހް އަލީ ޒައިދު ވިދާޅުވުމުން، އެކަން ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރަށެއްގެ 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ރަށެއް ރާއްޖޭގައި އެބައޮތް ކަމަށް ޝޭހް އަލީ ޒައިދު ވިދާޅުވުމުން، އެކަން ބަލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ދެކުނުގެ ރަށެއްގެ އާބާދީގެ ބޮޑު ބައެއް ރޯދަ ނުހިފާ ކަމަށް އަލީ ޒައިދު ވިދާޅުވީ ވިޔަފާރިވެރިންގެ މިސްކިތުގައި އިއްޔެ އަސްރު ނަމާދަށް ފަހު ދެއްވި ދީނީ ނަސޭހަތުގަ އެވެ. އެކަމަކު އެއީ ކޮން ރަށެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ވަކި ރަށެއް ހާމަނުކޮށް މިފަދަ ބޮޑު ތުހުމަތެއް ކުރެއްވި މައްސަލަ ހޫނުވެ، ސޯޝަލް މީޑިއާގައި އޭނާ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހްސަން މިއަދު ވިދާޅުވީ ރަށެއްގެ ގިނަ ބަޔަކު ރޯދަ ނުހިފާ ކަމަށް ޝޭހަކު ވިދާޅުވި ކަމަށް މައުލޫމާތު ލިބުނީ މީޑިއާ އިން ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ މައުލޫމާތު އެ މިނިސްޓްރީން އޮޅުންފިލުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"މައްސަލައެއްގެ ގޮތުގައެއް ނޫން ބަލަނީ، އެކަމަކު މައުލޫމާތު އޮޅުންފިލުވަމުން އަންނަނީ،" އަހްސަން ވިދާޅުވި އެވެ.

އަލީ ޒައިދު ވިދާޅުވީ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވަނީ އޭނާ ދެއްކެވި ވާހަކައިގެ އެއްބައި އުނިކޮށްފައި ކަމަށެވެ. އެގޮތަށް ގެނެސްދިނުމުން، މައުލޫމާތު އޮޅިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވީ އަޅުގަނޑު ރަށަކަށް ދިޔައީމަ، މީހެއްގެ ފަރާތުން މައުލޫމާތު ލިބުނޭ އެ ރަށުގެ ގާތްގަނޑަކަށް 70 ޕަސެންޓް މީހުން ރޯދަ ނުހިފާ ކަމަށް. އަޅުގަނޑު ދެތިން ފަހަރަކު އެހީމޭ، އެ ޔަގީންކޮށްލަން ވެގެން. އަޅުގަނޑަށް ލިބުނު މައުލޫމާތެކޭ އެއީ،" އަލީ ޒައިދު ވިދާޅުވި އެވެ.

މައުލޫމާތުގެ ސައްހަކަން ބެލުމެއް ނެތި ދަރުސްގައި އެ ވާހަކަ ވިދާޅުވީ ކީއްވެތޯ އެހުމުން އަލީ ޒައިދު ވިދާޅުވީީ "އަޅުގަނޑަށް އެ މައުލޫމާތު ދިނީ ދޮގު ނުހަދާނެ ވަރުގެ ބޭފުޅެއް" ކަމަށެވެ.

އާއްމު މަސްތަކެކޭ އެއްގޮތަށް، ރޯދަ މަހުގައި ވެސް އެ ރަށެއްގައި ކައްކައި ކައިބޮއެ ހަދާ ކަމަށް އަލީ ޒައިދު ވިދާޅުވީ، ރޯދަ ނުހިފުމުގެ ނުބައި ކަމާއި އެއީ ނަރަކައިގެ އަޒާބު ލިބޭ ކަމެއް ކަމުގެ މިސާލު ޖައްސަވަމުންނެވެ.