Roadha Mihaaru
އޭޑީކޭ ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި

އޭޑީކޭ ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި

23 މާޗް 2017

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާއަށް ހާއްސަކޮށްގެން އޭޑީކޭ ހޮސްޕިޓަލުން ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖޭގައި މިހާރު ފެތުރެމުންދާ ހުމާއި ރޯގާއަށް ހާއްސަކޮށްގެން އޭޑީކޭ ހޮސްޕިޓަލުން ހުޅުވި ފްލޫ ކްލިނިކްގެ ހިދުމަތް ހުއްޓާލައިފި އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވީ ސޯސަންގޭގައި ހެދި ފްލޫ ކްލިނިކް ހުއްޓާލީ އެތަނުން ހިދުމަތް ހޯދާ މީހުންގެ އަދަދު ދަށްވަމުންދާތީ ކަމަށެވެ.

އޭޑީކޭއިން ރޭ އާއްމުކުރި ތަފާސްހިސާބު ދައްކާގޮތުން، ހުން ޖެހިގެން އެ ކްލިނިކަށް ދެއްކި މީހުންގެ އަދަދު އަންނަނީ ދަށްވަމުންނެވެ. ކްލިނިކްގެ ހިދުމަތް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ފެށިއިރު، ފުރަތަމަ ފަސް ދުވަހު 200 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދި އެވެ. އެކަމަކު އޭގެ ފަހުން އެ އަދަދު ދިޔައީ ދަށަށެވެ.

އޭޑީކޭ ފްލޫ ކްލިނިކަށް އިއްޔެ 108 މީހުން ދެއްކިއިރު އޭގެ ތެރެއިން އެކަކަށް ހޮސްޕިޓަލުން ފަރުވާ ދޭން ޖެހުނު ކަމަށް ހިސާބުތަކުން ދައްކަ އެވެ.

އަފްއާލް ވިދާޅުވީ ފްލޫ ކްލިނިކް ހިންގީ، އެ ހޮސްޕިޓަލްގެ ޖެނެރަލް އޯޕީޑީ ހުއްޓާލާފައި ކަމަށާއި އެހެންކަމުން މިއަދުން ފެށިގެން ޖެނެރަލް އޯޕީޑީގެ އޮޕަރޭޝަންތައް އަލުން ފަށާނެ ކަމަށެވެ. ރޯގާއާ ގުޅޭ މައްސަލަތަކުގައި ވެސް އޭޑީކޭއިން ދެން ފަރުވާ ހޯދަން ޖެހޭނީ ޖެނެރަލް އޯޕީޑީންނެވެ.

"އޯޕީޑީގައި މަސައްކަތް ކުރި ޑޮކްޓަރުން ފްލޫ ކްލިނިކްގައި މަސައްކަތް ކުރަން ވެގެން، އަޅުގަނޑުމެން ޖެނެރަލް އޯޕީޑީ ހުއްޓާލީ. އެކަމަކު މިއަދުން ފެށިގެން ޖެނެރަލް އޯޕީޑީ ފަށާނެ،" އަފްއާލް ވިދާޅުވި އެވެ.

ރާއްޖޭގައި ހުމާއި ރޯގާއާ އެކު ސްވައިން ފްލޫ ވެސް ދަނީ ފެތުރެމުންނެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ އާއްމުކުރި، އަންގާރަ ދުވަހުގެ ތަފާސްހިސާބު ދައްކާގޮތުން ސްވައިން ފްލޫ ޖެހުނު މީހުންގެ އަދަދު ވަނީ 169 އަށް އަރައިފަ އެވެ.