Roadha Mihaaru

މާވަށުގައި މީހެއްގެ ކަރަށް ވަޅި ހަރައި މަރާލައިފި

ލ. މާވަށުގައި މިއަދު މީހެއްގެ ކަރަށް ވަޅި ހަރައި މަރާލައިފި އެވެ.

މާވަށުގައި މީހެއްގެ ކަރަށް ވަޅި ހަރައި މަރާލައިފި
އިފްރާޒް އަލީ
އިފްރާޒް އަލީ

28 ޖުލައި 2025

ލ. މާވަށުގައި މިއަދު މީހެއްގެ ކަރަށް ވަޅި ހަރައި މަރާލައިފި އެވެ.

ހަމަލާދީ މަރާލާފައި ވަނީ އެ ރަށު ނަލަހިޔާ، މޫސާ އިބްރާހިމް، 29، އެވެ.

ފުލުހުން ބުނީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 10 ޖެހި ފަހުން ކަމަށެވެ. ޒަހަމްވި މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާކަން ސިއްހީ މަރުކަޒުން ފުލުހުންނަށް ކަށަވަރުކޮށްދިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

މާވަށު ކައުންސިލްގެ ރައީސް އަހްމަދު މޫސާ "މިހާރު"އަށް ވިދާޅުވީ އެ ރަށުގެ ޒުވާނަކަށް ހަމަލާދިނީ ރަށުން ބޭރުން އައިސްގެން އުޅުނު އެހެން ރަށެއްގެ މީހެއް ކަމަށެވެ.

ނަމަވެސް އެއީ ކޮން ރަށެއްގެ މީހެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ކައުންސިލް ރައީސް ވިދާޅުވި ގޮތުގައި، ހަމަލާދިން ކަމަށް މިހާތަނަށް ބެލެވެނީ އެ ދެމީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ. ވަޅި ހެރީ އޭނާގެ ކަރަށެވެ.

"ޑޮކްޓަރުން މިހާރު ވަނީ ޑެތު ޑިކްލެއާ ކޮށްފައި،" ކައުންސިލް ރައީސް ވިދާޅުވި އެވެ.

މާވަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި، މި ހަމަލާދިން މީހާއަކީ މަސްތުގެ މާހައުލުގައި އުޅޭ މީހެކެވެ. އަދި އޭނާއަކީ ދޭތެރެއަކުން އެ ރަށަށް ގޮސް އުޅޭ މީހެކެވެ.