Roadha Mihaaru

ފައިސާ އަށް ވުރެ ކެރޯލް އަށް މުހިއްމީ ފުޓްބޯޅަ އަށް އޮންނަ ލޯބި

ކުރިން ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލަށް ކުޅުނު އެންޑީ ކެރޯލް އަންނަ ސީޒަނުގައި އިނގިރޭސި ހަވަނަ ޑިވިޝަނުގެ ކްލަބަކަށް ކުޅެން ނިންމައިފި އެވެ.

ފައިސާއަށް ވުރެ ކެރޯލް އަށް މުހިއްމީ ފުޓްބޯޅަ ލޯބި

ކުރިން ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލަށް ކުޅުނު އެންޑީ ކެރޯލް އަންނަ ސީޒަނުގައި އިނގިރޭސި ހަވަނަ ޑިވިޝަނުގެ ކްލަބަކަށް ކުޅެން ނިންމައިފި އެވެ.

މިދިޔަ ސީޒަންގައި ނޭޝަނަލް ލީގު ސައުތަށް ރެލިގޭޓްވި ޑަގަނަމް އެންޑް ރެޑްބްރިޖްއާ އެކު، ތިން އަހަރު ދުވަހުގެ އެއްބަސވުމެއްގައި ކެރޯލް ސޮއި ކޮށްފައި ވާއިރު، އޭނާ ވަނީ ކުލަބްގެ މައިނޯރިޓީ ހިއްސާ ވެސް ގަނެފަ އެވެ.

ކެރޯލް ޑަގަނަމް އެންޑް ރެޑް ބްރިޖާ ގުޅިފައި ވަނީ، ގަތަރުގެ ޕްރައިވެޓް އިންވެސްޓަރުންގެ ކޮންސޯޓިއަމަކުން އެ ކްލަބް ގަތްތާ މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ. އާ އޯނާޝިޕުން އެ ކްލަބްގެ ޗެއާމަނަކަށް ޔޫސުފް އަލް ޝާރިފް ހަމަޖައްސާފައި ވާއިރު، ކްލަބްގެ ކުރީގެ ކެޕްޓަން ބަންގްލަދޭޝް ނަސްލުގެ އަންވަރުއްދީން ވަނީ ނޮން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސައިފަ އެވެ.

"އަހަރެން ފުޓްބޯޅަ ކުޅުން ހުއްޓާލަން ބޭނުމެއް ނުވޭ. ކުލަބްގެ ލީޑާޝިޕާއި ކުޅުންތެރިއެއްގެ ގޮތުގައި ވެސް ހުރެވޭތީ ވަރަށް އުފާވޭ. އަހަރެން ވަރަށް ގާތުން ފެނިފައި ހުންނާނީ ކުލަބްތައް ހިންގާ ގޮތް، ހުރިހާ ލެވަލެއްގެ ކްލަބްތައް ވެސް،" އިނގިރޭސި ގައުމީ ޓީމަށް ނުވަ މެޗު ކުޅެދީ ދެ ގޯލު ޖަހައިދީފައިވާ ކެރޯލް ބުނެފައިވެ އެވެ.

"އަހަރެން އުންމީދުކުރަނީ އަހަރެންގެ ފަރާތުން ކުލަބަށް ފައިދާވުން."

ކެރޯލް ބުނިގޮތުގައި، އޭނާގެ އެންމެ ފުރަތަމަ ޒިންމާއަކަށް ވާނީ ކުޅުންތެރިއެއްގެ ގޮތުގައި ކާމިޔާބު ހޯދައިދިނުމެވެ.

"ކުލަބް ޕްރޮމޯޓް ކޮށްދޭން ބޭނުމީ. މާ ބޮޑެތި މުސާރައިގެ އޮފާތައް އަހަރެންނަށް ލިބުނު. އެކަމަކު އަހަރެން ބޭނުންވީ ޑެގެންހަމްގެ ޕްރޮޖެކްޓަށް މަސައްކަތް ކުރަން،" އޭނާ ބުންޏެވެ.

ކެރޯލް ވަނީ ނިއުކާސަލް އާއި ލިވަޕޫލްގެ އިތުރުން، ވެސްޓް ހޭމް ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ. އެ އަށް ފަހު، އަލުން ނިއުކާސަލް އަށް ބަދަލުވެ، އޭނާ ޕްރިމިއާ ލީގުން ގެއްލުނީ 2021 ގައި ރެޑިން އަށް ބަދަލުވި ހިސާބުންނެވެ. ދެން ފެނުނީ ފްރާންސްގެ ދެވަނަ ޑިވިޝަންގެ އަމިއެންސް އަށް ކުޅުނު ތަނެވެ. މިދިޔަ ސީޒަންގައި ކުޅުނީ، ފްރާންސްގެ ހަތަރުވަނަ ޑިވިޝަންގައި ބޯޑޯއަށެވެ. އެ ކްލަބް ތާވަލްގެ ހަތަރުވަނައިގައި ނިންމާލި އިރު، ކެރޯލް ވަނީ 21 މެޗުން 11 ގޯލު ޖަހައިދީފަ އެވެ. ހަތަރު ވަނަ ޑިވިޝަނުގައި އޭނާ ބޯޑޯ އަށް ކުޅެނީ މަހަކު 3،500 ޔޫރޯގެ މުސާރައަކަށެވެ.

"އަހަރެންނަށް ހުށަހެޅުންތައް ލިބުނު ފްރާންސާއި ސްޕެއިން އަދި އިޓަލީން ވެސް. އެކަމަކު އަހަރެން ބޭނުންވީ އެނބުރި ގައުމަށް އަންނަން. ޓޮޕް ކްލަބަކަށް ވެސް ސޮއި ކުރެވުނީސް. އެކަމަކު އަހަރެންނާ ކޯޗާ ހަތަރު ކަޅި ހަމަނުކުރެވޭ ފަހަރު އައިސްދާނެ،" ކެރޯލް ބުންޏެވެ.

"އެހެންވެ އަހަރެން ނިންމީ އުފަލުގައި ހުރެވޭނެ ކްލަބަކަށް ކުޅެން."