Roadha Mihaaru

ނިންމުން ބަދަލުކޮށް، ދެ ދުވަސް ފަހުން ނިޒާރު އަލުން ޖުޑީޝަރީ ކޮމިޓީއަށް!

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރަމުން ދަނިކޮށް، ކޮމިޓީއަށް ގެނައި ބަދަލު އެއް ދުވަސް ފަހުން ރުޖޫއަކޮށްފި އެވެ.

ޖުޑީޝަރީ ކޮމިޓީ ކުރިން ވެސް އޮތް ގޮތަށް ބަދަލުކޮށްފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

08 މެއި 2025

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ ގުޅޭ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރަމުން ދަނިކޮށް، ކޮމިޓީއަށް ގެނައި ބަދަލު އެއް ދުވަސް ފަހުން ރުޖޫއަކޮށްފި އެވެ.

ޖުޑީޝަރީ ކޮމިޓީއަށް ބަދަލު ގެނައީ މިދިޔަ އަންގާރަ ދުވަހު އެވެ.

އެ ދުވަހު ރިޔާސަތުން އިއުލާނުކުރި ގޮތުގައި ކޮމިޓީގައި ޕީއެންސީއަށް ލިބިފައިވާ ސްލޮޓްތަކުގެ ތެރެއިން އެއް ސްލޮޓްގައި އިންނެވި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއިލް ނިޒާރުގެ ބަދަލުގައި ކޮލަމާފުށީ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވަނީ އަލުން އައްޔަން ކޮށްފަ އެވެ.

ނަމަވެސް ޖުޑީޝަރީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވަނީ ކޮމިޓީން ވަކިކުރި މެންބަރު ނިޒާރު އެވެ.

އެ ބަދަލު ސާފުކޮށްދެއްވަމުން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީމުބާރަކް ވިދާޅުވީ، ނިޒާރުގެ ބަދަލުގައި އިތުރު މެންބަރަކު ކޮމިޓީއަށް ހަމަޖެއްސީ ރަސްމީ މަސައްކަތުގައި މަޖިލިސް ތަމްސީލް ކުރުމަށް ނިޒާރު އެ ވަގުތު ސެމިނާއެއްގައި ހުންނެވުމުން ކަމަށެވެ.

"ނިޒާރު ތަމްސީލް ކުރައްވާ ޕާޓީގެ ފަރާތުން އެ ބަދަލު ގެނައުމަށްފަހު އިސްމާއިލް ނިޒާރު އެނބުރި ކޮމިޓީއަށް ގުޅިފައިވަނީ،" ހުސްނީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ސާފުކޮށްދިނީ މި ބަދަލަކީ ކޮމިޓީން ކުރަމުން އަންނަ ވަކި މަސައްކަތެއް ކުރުމަށް ގެނައި ބަދަލެއް ގޮތަށް ދޭހަވާ ގޮތަށް މީޑިއާގައި މި ވާހަކަތައް ފެތުރުމުން ކަމަށެވެ.

ކޮމިޓީތަކުގައި ތިއްބަވާ މެންބަރުންނަށް ދޭތެރެދޭތެރެއިން ބަދަލު ގެނައި ނަމަވެސް، ރަސްމީ މަސައްކަތުގައި މަޖިލިސް ތަމްސީލް ކުރަން ދާ މުއްދަތުގައި ބަދަލުގައި ކޮމިޓީއަށް އިތުރު މެންބަރަކު އައްޔަން ކުރުމަކީ މީގެ ކުރިން ކޮށްފައިވާ ކަމެއް ނޫނެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތުން ބޭރު ދުވަހެއްގައި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބޭއްވި ނަމަވެސް، ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މިއަދަށް ތާވަލެއް ނުކުރެ އެވެ. މިއަދު ތާވަލްކޮށްފައި އޮތީ ގޭންގު ކުށްތަކުގެ ބިލާއި ބަންޑާރަ ނައިބު އޮފީހުގެ ބިލު ދިރާސާކުރުމެވެ.

ފަނޑިޔާރުން ވަކިކުރުމަށް ނިންމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ ރިޕޯޓް ދިރާސާކުރުމުގެ މައްސަލަ ކޮމިޓީގައި އޮތްނަމަވެސް، އެ މައްސަލަ ދެ ފަހަރަށް އެޖެންޑާ ކުރުމަށް ފަހު ހޯމަ ދުވަހު ވަނީ ބައްދަލުވުން ކެންސަލް ކޮށްފަ އެވެ. އެ ކޮމިޓީން ނިންމާފައިވަނީ އެ ރިޕޯޓް މެންބަރުން ދިރާސާކުރުމަށް ފަހު، ކޮމިޓީއަށް އެއްވެސް ފަރާތެއް ހާޒިރުކުރަން ފެންނަ ނަަމަ، އެކަން ކުރާށެވެ.