Roadha Mihaaru

މެލޭޝިއާއިން ގެއްލިގެން ހޯދާ މީހާގެ ވޮލެޓް އެމްބަސީގައި، އާއިލާއާ ބައްދަލެއް ނުވޭ

މެލޭޝިއާ އިން އަހްމަދު އުސެއިދު ގެއްލިގެން ހޯދަން ފެށި ފަހުން އޭނާ އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔަ ކަން ސީސީޓީވީ ފުޓޭޖްތަކުންނާއި އެތަނުގައި ވޮލެޓް ބާއްވާފައި އޮތުމުން ޔަގީންވެއްޖެ އެވެ.

މެލޭޝިއާއިން ގެއްލިގެން ހޯދާ މީހާގެ ވޮލެޓް އެމްބަސީގައި
ނާޒިމް ހަސަން
ނާޒިމް ހަސަން

04 މާޗް 2025

މެލޭޝިއާ އިން އަހްމަދު އުސެއިދު ގެއްލިގެން ހޯދަން ފެށި ފަހުން އޭނާ އެ ގައުމުގައި ހުންނަ ދިވެހި އެމްބަސީއަށް ދިޔަ ކަން ސީސީޓީވީ ފުޓޭޖްތަކުންނާއި އެތަނުގައި ވޮލެޓް ބާއްވާފައި އޮތުމުން ޔަގީންވެއްޖެ އެވެ.

އޭނާ ސަލާމަތުން ހުރި ކަން އެނގުނު ނަމަވެސް އާއިލާއާ މިހާތަނަށް ބައްދަލެއް ނުވެ އެވެ.

އަހުމަދު އުސައިދު ނަމަކަށް ކިޔާ މީހަކު މެލޭޝިއާ އިން ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އޭނާގެ ބައްޕަ އިބްރާހިމް އަފީފް ފޭސްބުކްގައި ބުނެފައިވާ ގޮތުގައި ދަރިފުޅު އެންމެ ފަހުން ފެނިފައިވަނީ އާދިއްތަ ދުވަހުގެ ހަވީރު 3:15 ހާއިރު އެވެ.

އޭގެ ފަހުން އެއްވެސް ހަބަރެއް ނުވެގެން ފުލުހަށާއި މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއަށް އާއިލާގެ ފަރާތުން މައްސަލަ ހުށަހެޅި އެވެ. އެ ރިޕޯޓާ އެކު އުސައިދު ހޯދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ.

އޭނާ ހޯދުމަށް ކުރި މަސައްކަތުން ސީސީޓީވީ ފުޓޭޖުތަކުންނާއި ބައެއް މީހުން ދިން މައުލޫމާތުތަކުން އުސައިދު އެ ދުވަހުގެ 4 ޖެހިއިރު އެމްބަސީއަށް ދިޔަ ކަން ވަނީ އެނގިފައި ކަމަށް ބައްޕަ ބުނެފައިވެ އެވެ.

"...ނަމަވެސް އެ ދުވަހަކީ ބަންދު ދުވަހަކަށްވާތީ އެމްބަސީގެ މީހަކާ ބައްދަލުވާ ގޮތެއް ނުވުމުން އެ ތަނުގައި ގަޑިއިރެއްހާއިރު މަޑުކޮށްފައި ނުކުމެގެން ދިޔައިރު އުސައިދުގެ ވޮލެޓާއި ސްޓޫޑެންޓް ކާޑު ވަނީ ބޭއްވިފައި،" އޭނާގެ ބައްޕަ ފޭސްބުކްގައި ކުރި ޕޯސްޓްގައިވެ އެވެ.

"އެހާ ހިސާބުން އުސައިދު ސަލާމަތުން ހުރިކަން ވަނީ އެނގިފައި."

މިއަދުގެ ވަގުތެއްގައި އުސައިދުގެ ވޮލެޓާއި ކާޑް އެމްބަސީން ފުލުހުން މެދުވެރިކޮށް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށާއި ނަަމަވެސް، އުސައިދާ ބައްދަލުވެފައިނުވާ ކަމަށް އަފީފް ބުންޏެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އުސައިދުގެ ހަބަރެއް ވާނެ،" އޭނާ ބުންޏެވެ.

އިބްރާހިމް އަފީފް ވަނީ އުސައިދު ހޯދުމަށް ފުލުހުންނާއި އެމްބަސީން އަދި އާންމުންގެ ގިނަ ބަޔަކު ވެސް ވެދިން އެހީއަށް ޝުކުރުއަދާކޮށްފަ އެވެ.

"ހެޔޮ ހާލުގައި އުސައިދު ހުރިކަން ކެމެރާތަކުން ފެނެ އެވެ. ހުރީ ރަތްކުލައިގެ ޓީޝާޓެއް ލައިގެންނެވެ." އަފީފް ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހު އުސައިދު އެންމެ ފަހުން ފެނިފައިވާއިރު، ކެމެރާއިން ވެސް އޭނާ ފެނިފައިވަނީ ހަމަ އެ ދުވަހު އެވެ. އޭގެ ފަހުން އުސައިދުގެ މިހާތަނަށް އެއްވެސް މީހަކާ ބައްދަލުކޮށްފައެއް ނުވެ އެވެ. އަދި އޭނާގެ ވޮލެޓާއި ސްޓޫޑެންޓް ކާޑް އެމްބަސީގައި ބާއްވާފައި ދިޔަ ސަބަބެއް ވެސް ނޭނގެ އެވެ.