15 ޑިސެމްބަރ 2024
ވައިވެގެން ރަށުތެރޭގައި އެނބުރެން ޖެހުނަސް އަހަރެން ވަންނަ ހިތް ނުވާ ތަނެއް ހުރެއެވެ. އެއީ ހޮސްޕިޓަލެވެ. އެ ތަނަށް ވަނުމާ އެކު އަހަންނަށް ހީވަނީ އަހަރެން ބަލިވާހެންނެވެ. ހަތަރު ފަރާތުން ފެންނާނީ ބަލިމީހުންނާއި، ފިކުރު ބޮޑުވެފައި ތިބޭ މީހުންނާއި، ލައިނުގަނެގެން އުޅޭ މީހުންނެވެ. ދުވާނީ ބޭސްވަހެވެ. ވަންނަން މަޖުބޫރުވެގެން ނޫނީ އަހަރެން ހޮސްޕިޓަލަކަށް ނުވަންނަމެވެ.
ވައިވެގެން ރަށުތެރޭގައި އެނބުރެން ޖެހުނަސް އަހަރެން ވަންނަ ހިތް ނުވާ ތަނެއް ހުރެއެވެ. އެއީ ހޮސްޕިޓަލެވެ. އެ ތަނަށް ވަނުމާ އެކު އަހަންނަށް ހީވަނީ އަހަރެން ބަލިވާހެންނެވެ. ހަތަރު ފަރާތުން ފެންނާނީ ބަލިމީހުންނާއި، ފިކުރު ބޮޑުވެފައި ތިބޭ މީހުންނާއި، ލައިނުގަނެގެން އުޅޭ މީހުންނެވެ. ދުވާނީ ބޭސްވަހެވެ. ވަންނަން މަޖުބޫރުވެގެން ނޫނީ އަހަރެން ހޮސްޕިޓަލަކަށް ނުވަންނަމެވެ.
އަންހެނުން ދަތެއްގައި ރިއްސާތީ، ދަރިފުޅާ އެކުގައި ކުލިނިކަކަށް ދިޔަ ދުވަހެކެވެ. ގެއަށް އައީ ބޭސްސިޓީއެއް ހިފައިގެންނެވެ. ކުލިނިކުގައި އެ ބޭސް ނެތީއެވެ. އަހަރެން ބޭސް ގަންނަން އެތަން މިތަނުގައި އެނބުރެނިކޮށް ވަދެވުނު ބޭސްފިހާރައަކުން ލަފާދިނީ ހޮސްޕިޓަލުގައި ހުންނަ ބޭސްފިހާރައަކަށް ދާށެވެ. އެ ތަނުގައި އެ ބޭސް ހުންނާނެ ކަމުގެ ޔަގީންކަން އޭނަ ދިނެވެ. އެހެން ނޫން ނަމަ، އަހަރެން ގެއަށް އައީހީ ބޭސް ނުނަގައެވެ. ރޮކެޓެއްހެން ހޮސްޕިޓަލަށް ވަދެފައި، ބޭސް ނަގައިގެން އެނބުރިލި ވަގުތު މުހުސިނާއާ ދިމާވިއެވެ. މުހުސިނާއަކީ ކުރިން އަހަރެންގެ އޮފީހުގައި އުޅުނު ރައްޓެއްސެއް ކަމުގައިވާ ފާއިދުގެ އަނބިމީހާއެވެ. ފެނުނު އިރު ވެސް މުހުސިނާ ހުރީ މިލައިމޯޅި ވެފައެވެ.
"އަހަނ! ކޮން ވަޑާމެއް؟" އަހަރެން ބުނީމެވެ. "ކޮބާ ފާއިދު؟"
"ނޭނގޭތަ؟" މުހުސިނާ އެހިއެވެ.
"ކޮން ކަމެއް؟" އަހަރެން އެހީމެވެ.
ޖަވާބު ދޭން މުހުސިނާއަށް ކުޑަކޮށް އުނދަގޫވިކަން އަހަންނަށް ފާހަގަކުރެވުނެވެ.
"އޭނައަށް... ކެންސަރު ޖެހިގެނެއްނު މި އުޅެނީ،" މުހުސިނާ ބުންޏެވެ. "މިހާރު ކޮން ދުވަހެއް."
"އެހެންތަ؟" އަހަރެން ބުނީމެވެ. "ނުވެސް ދެނަހުރިން. އޮފީހުން ކެނޑުނު ފަހުން ވަރަށް ދިމާނުވޭ! ވާނެ ގޮވައިލަން ދާން. ކޮން ގަޑިއެއް ފަސޭހަވާނީ؟"
"މި ގަޑި ވެސް އޯކޭވާނެ،" މުހުސިނާ ބުންޏެވެ. "އެކަނިވެގެން ވަރަށް ޝަކުވާ ވެސް ކުރޭ! އާއިލާ މީހަކު ނާންނަތާ ރައްޓެއްސަކު ވެސް ގޮވާލާކަށް ނާދޭ! މި ތާނގައޭ އޮތީ."
މުހުސިނާ ކޮޓަރި ނަންބަރު ވެސް ބުންޏެވެ. ދެން ހިތަށްއެރިއެވެ. ގެއަށް ބަދަލުކުރީމަ ވެސް ބައްދަލު ކުރެވިދާނެއެވެ.
"ކޮން އިރަކުން ގެއަށް ގެންނަނީ؟" އަހަރެން އެހީމެވެ.
"ދެން ހިޔެއްނުވޭ ގެއަށް ފޮނުވާނެހެނެއް،" ހިތާމަޔާ އެކުގައި މުހުސިނާ ބުންޏެވެ. "އެހާ ޓައިމެއް ނެތްކަން ނޭނގެ."
ފާއިދަށް ޓަކައި އަހަރެންގެ ހިތް ރުއެވެ. އޭނައަކީ، އެކުގައި އުޅުނު އިރު، އަހަންނަށް ވަރަށް ރަނގަޅު އެކުވެރިއެކެވެ. އެ ގެއަށް ގޮސް އަހަރުމެން ލަވަކިޔައި، ގޭމު ކުޅެ ވެސް ހެދީމެވެ. ގިނަ މީހުންގެ ނަޒަރުގައި ފާއިދަކީ މުށްބާރު، ދަހި މީހެކެވެ. ގޮތްދޫނުކުރާ، ފޮނި މީހެކެވެ. އެ ވަގުތު ބަލި ހަނދާނެއް ވެސް ވިއެވެ.
ފާއިދު އޮފީހުން ކެނޑުނު ފަހުން، އެއްފަހަރަކު މަގުމަތިން ދިމާވިއެވެ. ހާލު އަހައިލުމުން، މި އުޅެނީ ކުޑަކޮށް ބަލިކޮށޭ ބުންޏެވެ. އޭގެ ތަފުސީލަށް އޭނަ ނުދިޔުމުން އަހަންނަށް ވެސް އަހަން ނުކެރުނީއެވެ. ފާއިދު އޮތް ކޮޓަރީގެ ނަންބަރު އެހިއެއް ކަމަކު، ބޭސް ގަނެގެން އަހަރެން ހޮސްޕިޓަލުން ނުކުތީމެވެ. ނުކުމެފައި ހިތަށް އެރިއެވެ. ފާއިދު ދުވަހަކު ވެސް އަހަންނަށް ގޯސްކޮށް ކަމެއް ނުކުރެއެވެ. އަހަރެން ހާލުގަ ޖެހުނު ފަހަރަކު އެހީ ވެސް ވިއެވެ. ހޮސްޕިޓަލުން އަހަރެންނާ ދިމާވި ވާހަކަ މުހުސިނާ ބުނާނެއެވެ. ބައްދަލުކޮށް ނުލައި ދިޔުމަކީ ހުތުރުކަމެކެވެ.
އަލުން އަހަރެން ހޮސްޕިޓަލަށް ވަނީ، ކޮންމެހެން ފާއިދުއާ ބައްދަލުކުރާ ހިތަކުން ނޫނެވެ. އެއީ ދުނިޔޭގެ ލަދަށް އަހަރެން ކުރި ކަމެކެވެ. ފާއިދު ގޭގައި އޮތް ނަމަ، ބައްދަލުކުރާ ހިތުން ގޮސް ބައްދަލުކުރީމުހެވެ. އަހަރެންގެ މޫނު ދައްކައިލާފައި ނުކުތުމުގެ ނިޔަތުގައި ގޮސް ފާއިދު އޮތް ކޮޓަރިއަށް ވަނީމެވެ.
"އައްސަލާމް އަލައިކުމް!" ދޮރު ހުޅުވައިލަމުން އަހަރެން ބުނީމެވެ.
"ވައަލައިކުމް.. ސަލާމް!" ބަލި އަޑަކުން ސަލާން ބަލައިގަތެވެ.
އަހަރެން ކޮޓަރިއަށް ވަނީމެވެ. ވަރަށް ފަޅު، ހަމަހިމޭން ކޮޓަރިއެކެވެ. ކޮންމެވެސް މެޝިނަކުން ގޮވާ އަޑުތަކެއް ފިޔަވައި އެހެން އަޑެއް ނެތެވެ. ވަރަށް ރޫފަ ދެރަ މީހަކު އެނދުގައި އޮތެވެ. އެއީ ފާއިދުކަން އަހަންނަށް އެނގުނީ، އެ ތަނުގައި އޮންނާނީ ފާއިދުކަން ކުރިން އެނގިފައި އޮތީމައެވެ. ފާއިދުގެ މޫނަށް ބަލާފައި އެއީ ފާއިދުކަން އެނގޭނީ ވަރަށް ގާތް މީހަކަށް އެކަންޏެވެ. އެހައި ވެސް ފާއިދު ތަފާތެވެ. ދެން ކުރިމަތިވީ މާ ބޮޑު ހައިރާންކަމެކެވެ.
"ހައިޝަމް؟" މޮޅި ހިނިތުންވުމަކާ އެކުގައި ފާއިދު ބުންޏެވެ.
އަހަރެން ހިތަށް އެރިއެވެ. އެހައި ދުވަސް ކޮށްފައި ފެނުމުން ވެސް ފާއިދަށް އަހަރެން އެނގުނީ ކިހިނެއް ހެއްޔެވެ؟
"ކޮބާ ހިނގާ ކޮފީއެއް ބޯލަން ދަމާ!" ސަމާސާ ރާގެއްގައި އަހަރެން ބުނީމެވެ. "ތިހެން އޮންނާކަށް ނުވާނެ."
"އާނއެކޭ!" ބަލި ގޮތަކަށް ފާއިދު ބުންޏެވެ. "އިށީނދެބަލަ! ބައްދަލުކޮށްލަން ހާދަ.. ބޭނުންވެފަ ހުއްޓާއޭ މި ދިމާވީ.. އަންހެނުން ބުނި ފެނުނު ވާހަކަ.."
"ކޮބާ އަންހެނުން؟" އިށީންނަމުން އަހަރެން ބުނީމެވެ.
"ކާން އެ ދިޔައީ،" ފާއިދު ބުންޏެވެ. "އިރުކޮޅަކުން އަންނާނެ. ދެން ކޮން އިރަކުން ކަރޯކޭ ޖައްސާނީ؟" "ތި އެނދުން ތެދުވެގެނެއްނު ކަމެއް ކުރެވޭނީ،" ހީނގެންފައި އަހަރެން ބުނީމެވެ. "ދެން ހިނގާ ސީރިޔަސްވަމާ! ކިހިނެއްތަ ހާލު؟"
އެ ހިސާބުން ފާއިދުގެ މޫނަށް ހިތާމައިގެ އަސަރު ވެރިވިއެވެ.
"އަހަންނަށް ލަވައެއް ލިޔެދީބަލަ!" ފާއިދު އެދުނެވެ. "ހީކޮށްލާ މީ އަހަންނަށް ކޮށްދޭ އެންމެ ފަހު ކަންތަކޭ!"
ބުނާނެ އެއްޗެއް އަހަންނަކަށް ނޭނގުނެވެ. ބަލަހައްޓައިގެން އިނދެވުނީއެވެ.
"އަހަރެން ބޭނުންވަނީ ތި އަޑުން އަހަރެންގެ ލައިފް މީހުންނަށް ކިޔައިދޭން،" ފާއިދު އެދުނެވެ.
"ހާދަ ބޮޑު އިބުރަތަކަށް ވާނޭ. ނިކަން މޮޅަށް ޅެން ހަދާ މީހެއް ގާތަށް ގޮސް، މި ވާހަކަ ކިޔައިދީފަ ބުނޭ ލަވައެއް ލިޔެދޭށޭ! އަހަރެން އަގު ދޭނަން. އެކަމަކު ފާއިދުގެ އަޑުން އެ ލަވަ ކިޔައިދޭން ވާނީ. އަހަރެން މަރުވިޔަސް އެ ލަވަ އޮންނާނެއްނު! އަހަރެން މަތިން މީހުން ހަނދާން ނެތުނަ ދީގެން ނުވާނެ."
"ތި އުޅެނީ ބޮޑު ފިރިހެނެއް ރޮއްވާލަންތަ؟" އަހަރެން ބުނީމެވެ. "އިރާދަކުރެއްވިއްޔާ ފާއިދު ރަނގަޅުވާނެ. އަދި ނުވޭ އުންމީދު ކަނޑާލާކަށް."
"ނެތޭ ވަގުތެއް،" އެނދު ފަޑީގައި އަހަރެން ހިފާއްޓައިގެން ހުރި އަތްތިލަ މަތީގައި އަތް ބާއްވައިލަމުން ފާއިދު ބުންޏެވެ. "އަޑުއަހާ! މި ދުނިޔެއަކީ.. ކެހިވެރި ތަނެއް. އަތުގަ ލާރި ހުރިއްޔާ ރައްޓެހިން ލިބޭނެ. އަތްމަތި ހުސްވާ.. ދުވަހު އެންމެން.. ބަޗާނެ. އާއިލާއެއް، ގާތްތިމާގެ މީހުންނެއް، ރައްޓެހިންނެއް ކިޔާނެ ކަމެއް... ނެތް. ތި ކަހަލަ ވަރަށް މަދު ރައްޓެއްސެއް ހުރެދާނެ. މިއަދު އަހަރެން މި އޮތީ.. ފަހު ނޭވާގެ އިންތިޒާރުގަ. އެކަނިވެފަ. ހިތަށްއަރާ... ސަހަރޯއޭ! ހާދަހާ ދެރައޭ! އިސްލާމަކަށް ވިޔަސް ކޮން... ކަމެއް އަހަންނަށް ކުރެވުނީ؟ ފަސް ނަމާދު ވަގުތުގަ ކުރާނަމޭ... ހިތުގަ އޮވޭ.. ނުވި.. ޒަކާތް ދެވުނު. މުދަލުގެ ޒަކާތެއް ނުދެވުނު. ރޯދަމަހު... ރޯދަހިފިން. ސުންނަތް އެންމެ ރޯދައެއް ވެސް ނުހިފުނު. ކަމެއް ޖެހުނީމަ.. ދުއާ ކުރެވޭ! ޝުކުރެއް... ނުކުރެވުނު. އުމުރާއަކަށް ދެވުނު. ލާރި ހުއްޓަސް.... ހައްޖަކަށް ނުދެވުނު. ފަހަށް ލަސްކޮށްލެވުނީ.. ހާދަހާ ދުވަހަކޭ ބޭކާރު މި ކުރެވުނީ."
އަހަރެން ވަރަށް ފަރުވާތެރިކަމާ އެކުގައި އަޑުއެހީމެވެ. ހީވާ ކަހަލައެވެ. ފާއިދު އެ ދައްކަނީ އަހަރެންގެ ވާހަކައެވެ.
"އަހަންނަށް ދަރީން ލިބުނު. އެ ކުދީން... ތަރުބިއްޔަތުކުރާނެ ވަގުތެއް ނުވި. މީހަކާ އިނދެވުނު. އޭނައަކަށް ވެސް ވަގުތެއް.. ނުދެވުނު. ދަރީން ބޮޑެތިވީ އިސްލާންދީނަކީ... ކޯޗެއްކަން ނޭނގި. ކެންސަރު ބަލީގަ... ފަހު ނޭވައިގެ އިންތިޒާރުގަ... މިހެން އޮންނަ އިރު، މަރުވާނީ.. މާދަމާ ނޫން ކަމެއް ވެސް ނޭނގެ. އެހާ ވެސް... ވަގުތު ކުޑަތަން ވެއްޖެ! ކުރަން އޮތީ އެންމެ ކަމެއް.. ހިތާމަ... ކުރަން ބޭނުންވި އެތައް ކަމެއް ނުކުރެވުނު ކަމުގެ ހިތާމަ. ޤުރުއާން ހިތުދަސްކުރަން ބޭނުންވި. ނުކުރެވުނު... ހައްޖަށް ދާން ބޭނުންވި. ނުދެވުނު... ލާރި ނެތީކީ ނޫނޭ.. ހިތަށް އެރީ.. ކުރާނެ ހުރިހާ ކަމެއް ހުސްވެ، މުސްކުޅިވާ ދުވަހުއޭ ދާނީ.. ކިހާ މޮޔަ؟ އާއިލާ އަށް ވަގުތު ދޭން ބޭނުންވި. ނުދެވުނު. ލާރި އެއްކުރަން ހޭބޯނާރާ އުޅެވުނީ... ދަރިންނާ އެކުގަ ވަގުތު ހޭދަކުރަން ބޭނުންވި.. އެ ކަމެއް ވެސް ނުވި.. ފަހަށް ލަސްކޮށްލެވުނީ. ދަރީންނަށް އިސްލާންދީނާ، ޤުރުއާން ދަސްކޮށްދޭން ބޭނުންވި. ރީތި އަދަބުތައް ދަސްކޮށްދޭން ވެސް.. ވަރަށް ބޭނުންވި. ނުވި... ދެން އަންނަ ރޯދަމަހުގައި ހަތިމުކޮށް... ރޭއަޅުކަންކުރަން ނިންމައިގެން ހުރީ.. ރޯދަމަސް ދެނެއް އަތެއްނުވާނެ."
އެއީ ހަމަ އަހަރެންގެ ވެސް ހިތުގައި ހުރި ކަންކަމެވެ. ހަމަ އެކަނި ތަފާތީ ތަރުތީބެވެ. އެ ހިސާބުން މުހުސިނާ ވަނެވެ. ފާއިދަށް އެ ތަން ފެންނާނެއެވެ. އެހެނަސް، ހީވާ ކަހަލައެވެ. ވާހަކަ މެދުކަނޑައިލައިފިއްޔާ ފާއިދަށް ފުރުސަތު ގެއްލިދާނެއެވެ.
"މިހެން އޮންނަ އިރު... ހިތަށް އަރާ.. ހިތުން ކުރުސި ކިޔާލެވޭނެ ނަމައޭ... ކުރު ސޫރަތްތައް ކިޔައިލެވޭނެ ނަމައޭ.. އަލްހަމްދު އެނގޭ.. ފަލަޤިނާސި އެނގޭ... ދެނެއް އެއްވެސް ސޫރަތެއް ހިތަކުން ނޭނގޭ.. ދަމުނަމާދު ކުރާކަށް ވެސް ނޭނގޭ.. މިހާރު ކުރެވޭ ހަމަ އެކަނި ކަމަކީ ހިތާމަ.. އެއްވެސް މީހަކު އަހަރެން މަތިން.. ހަނދާނެއް ވެސް ނުކުރާނެ. އަހަރެންގެ.. ރަނގަޅު ވާހަކަ ދައްކާނެ މީހަކު ވެސް... ނުހުންނާނެ.. އަހަރެންގެ ހާލުބަލައިލަން އަންނާކަށް... އެކަކަށް ވެސް ވަގުތެއް ނެތް.. އަހަންނަކީ ބަލިމީހުންނަށް ގޮވާލަންދިޔަ މީހެއް.. ނޫން. ޖަނާޒާއެއްގަ ބައިވެރިވި މީހެއް... ނޫން. އަހަރެންގެ ދިރިއުޅުން ކިހާ ބޭކާރު؟ އަހަންނަށް ހެޔޮދުއާއެއް ކޮށްލާނެ މީހަކު ވެސް.. ނެތް. ފަންސާސް ހަތަރު އަހަރު ކޮށްފަ... މަރުވާ އިރު.. އެ މީހަކަށްޓަކާ ރޯލާނެ މީހަކު... ނެތް މީހަކީ ހާދަހާ ބަދުނަސީބު، ބޭކާރު މީހެކޭ.."
އަހަރެން ގެއަށް އައި މަގުމަތީގައި ވެސް ވިސްނުނީ ފާއިދު ދެއްކި ވާހަކަތަކަށެވެ. ހިތަށް އެރިއެވެ. މި ދުނިޔެއަށް ފޮނުއްވަން ކަނޑައެޅުއްވި އިންސާނުންގެ ލިސްޓުގައި އަހަރެން ހިމެނުނު ކަމީ ކިހައި ބޮޑު ޝަރަފެއްކަން އަހަރެން ހަނދާން ނެތުނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކާއި، އަދާކުރަންޖެހޭ ވާޖިބުތައް މަތިން ހަނދާން ނެތުނީ ކީއްވެގެން ހެއްޔެވެ؟ މި ދަތުރު ކުރެވުނީ ކޮން ފަދަ ނުބައި މިސްރާބަކަށް ހެއްޔެވެ؟ ސަހަރޯއެވެ. ހަމަ ހިލައި މިހެން ވިޔަކަ ނުދޭނަމެވެ. ފާއިދު އެ ދެއްކީ އަހަރެންގެ ވާހަކައެވެ. އަހަރެން ކަހަލަ އެތައް ބައެއްގެ ވާހަކައެވެ. އަހަރެން އުފަންވި ދުވަހު އަހަރެން ރުއީމެވެ. އަހަރެން ވަކިވާ ދުވަހު ރޯނީ އެހެން މީހުންނެވެ. އަހަރެން ލޯ މަރައިލާނީ، ސަހަރޯވެރިވާނެ ކަމެއް ނެތްކަމުގެ އުފަލާ އެކުގައެވެ. (ނިމުނީ)
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.
އަހަރެން ގެއްލުވައިލީ އަހަންނެވެ.