Roadha Mihaaru
"ޕީޖީން ހަރުދަނާ ގޮތެއްގައި ބަންދު މުރާޖައާ ނުކުރޭ"

ޕީޖީ އޮފީހުން ހަރުދަނާ ގޮތެއްގައި ބަންދު މުރާޖައާ ނުކުރޭ: އޮޑިޓް

21 ނޮވެމްބަރ 2024

ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރަން އޮންނަ އުސޫލާ އެއްގޮތަށް، އެ ކަން ހަރުދަނާ ގޮތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޮށްފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ބަންދުގައި ތިބޭ މީހުންގެ ބަންދު މުރާޖައާ ކުރަން އޮންނަ އުސޫލާ އެއްގޮތަށް، އެ ކަން ހަރުދަނާ ގޮތެއްގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކޮށްފައިނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ޕީޖީ އޮފީހުގެ ޕާފޯމަންސް އޮޑިޓުގައި ބުނީ، 2019 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ ޖިނާއީ މައްސަލަތަކުގައި އަމަލުކުރާ ސިޔާސަތުގެ ދަށުން، ބަންދު މުރާޖައާ ކުރުން ހަރުދަނާ ގޮތެއްގައި ކޮށްފައިނުވާ ކަމަށެވެ.

އެ ކަން އިސްލާހުކޮށް، އެ ސިޔާސަތުގެ ދަށުން ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދު ކޮންމެ 30 ދުވަހަކު މުރާޖައާކުރުމަށް އޮޑިޓް ރިޕޯޓުގައި ލަފާ ދީފައިވެ އެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ އިސްތިއުނާފު ކުރާ މައްސަލަތަކާ ބެހޭ ފުރިހަމަ މައުލޫމާތު ޕީޖީ އޮފީހުން ލިބެން ނެތް ކަން ފާހަގަކޮށް، ލިޔެކިޔުންތައް ރަނގަޅަށް ބަލަހައްޓައި މި މައުލޫމާތު ފަސޭހައިން އެނގޭނެ ގޮތަކަށް ބެހެއްޓުމަށް ވެސް ލަފާ ދީފަ އެވެ.

މީގެ އިތުރުން ޕްރޮސެކިއުޝަނާއި ޑިއުޓީ ޕްރޮސެކިއުޝަނާއި ގުޅޭ ގިނަ ކަންކަން ހަރުދަނާ ކުރަން ޖެހޭ ކަން ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބައެއް މައްސަލަތަކުގެ ފުރަތަމަ ޑިއުޓީ ޝެޑިއުލް ބޭއްވުމަށްފަހު މައްސަލަ ތަހުގީގު ކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވާ ކަން ފާހަގަކޮށްފައިވެ އެވެ.

އަދި، ބައެއް ބާވަތްތަކުގެ މައްސަލާގައި ގިނަ އަދަދެއްގެ ޑިއުޓީ ޝެޑިއުލް ބާއްވަން ޖެހުނަސް، ގިނަ ދުވަސްވުމުން އެ މައްސަލަތައް ޑިއުޓީ ޕްރޮސެކިއުޝަނުން ބޭރުކޮށްލާފައިވާ ކަމަށާއި މިފަދަ މައްސަލަތައް އަވަސްކޮށް ޑިކްލައިން ކުރާ މައްސަލަތައް މަދުކުރަން މަސައްކަތް ކުރަން ޖެހޭ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.

އޮޑިޓު ރިޕޯޓުގައި ވަނީ ޕީޖީ އޮފީހަށް ބަލައިގަންނަ ގިނަ މައްސަލަތަކުގައި ދައުވާ ކުރާ ކަން ފާހަގަކޮށްފަ އެވެ. އެގޮތުން 2018 ވަނަ އަހަރަށް ފަހު 90 ޕަސެންޓު މައްސަލާގައި ދައުވާ ކުރި މައްސަލަތަކުގެ އަދަދު ބަހައްޓާފައިވިޔަސް، ބައެއް މައްސަލަތަކުގައި ދައުވާ އުފުލުމަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވާ ކަމަށް ރިޕޯޓުގައި ބުންޏެވެ.

ޖިނާއީ މައްސަލަތަކަށް ދައުވާކުރުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ދިޔަ ނަމަވެސް، އެ މަރުހަލާ ހަރުދަނާކޮށް އިތުރަށް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ. މި އޮޑިޓުގައި މައިގަނޑުު ގޮތެއްގައި ބަލައިފައިވަނީ 2018 އިން 2021 ވަނަ އަހަރުގެ ނިޔަލަށް ޕީޖީ އޮފީހުން ދައުވާ ކުރުމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކަށެވެ. ނަމަވެސް ބައެއް ބައިތަކުގެ ޒާތުން 2022 ވަނަ އަހަރުގެ މަސައްކަތްތަކަށް ވެސް ބަލާފައިވާނެ ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.