21 ނޮވެމްބަރ 2024
ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ހައްޔަރުކުރި އަހްމަދު މުއާޒު (ގަޓު މުއާ) ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފި އެވެ.
ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން މަރު ކޮމިޝަނުން ކުރި ތަހުގީގުގައި ހައްޔަރުކުރި އަހްމަދު މުއާޒު (ގަޓު މުއާ) ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފި އެވެ.
ރިލްވާން ގެއްލުވާލުމާއި ޔާމީން ރަޝީދު މަރާލުމުގެ މައްސަލަ މަރު ކޮމިޝަނުން ތަހުގީގުކޮށް އެކަމާ ގުޅިގެން މ. ލެގޫންވިއު، އިސްމާއިލް އަބްދުއްރަހީމް (އިސޫ) އަދި މއ. ފާގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު)އާ އެކު މުއާޒު ހައްޔަރުކުރީ ޖޫން 26، 2022 ގަ އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރި މުއާޒު ބަންދުން ދޫކޮށްލީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ މުއާޒުގެ މައްޗަށް ކުރިއިރު އެ ދައުވާ ސާބިތުވާ މިންވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ އެވެ.
އެހެންވެ، އޭނާ ހައްޔަރުކޮށްފައި ބެހެއްޓީ ހައްގުތައް ގެއްލޭ ގޮތަށް ގާނޫނުތަކާ ހިލާފަށް ކަމަށް ބުނެ އެ ކަމުގެ ބަދަލު ހޯދަން މުއާޒު، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކުރީ އެވެ. އަދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނާއި އެ ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ އާއި މެންބަރު މިސްބާހު އައްބާސް އަދި މެންބަރު އަހުމަދު ނާޝިދުގެ މައްޗަށް ވެސް ދައުވާކުރި އެވެ.
އޭނާގެ ދައުވާގައި ބުނީ އޭނާ ހައްޔަރުކުރީ އެއްވެސް އަސާސެއް އަދި އެއްވެސް ހެއްކެއް ނެތި ކޮމިޝަނުން ރަނގަޅު ނިޔަތެއް ނެތި ހިންގާފައިވާ ތަހުގީގެއްގެ ބޭނުމަށް ކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތި އޭނާގެ މައްޗަށް ޕީޖީ އޮފީހުން ދައުވާ އުފުލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. އޭނާ އެދިފައިވަނީ ބަންދުގައި ހުރި މުއްދަތު ލިބުނު ގެއްލުމުގެ ގޮތުގައި 10 މިލިއަންއެއްހާ ރުފިޔާ ހޯދުމަށެވެ.
ދައުވާއާ ގުޅިގެން މި މައްސަލަ ސިވިލް ކޯޓަށް ބެލިދާނެ ކަމާ މެދު ޕީޖީ އޮފީހާއި ކޮމިޝަންގެ މެންބަރުން ސުވާލު އުފައްދައި އިހްތިސާސްއާ ގުޅޭ އިއުތިރާޒު ހުށަހަޅާފައިވެ އެވެ.
މި މައްސަލައަކީ ޖުޑީޝަލް ރިވިއުގެ މައްސަލައެއް ކަމާއި ފުރަތަމަ މަރުހަލާއިން މައްސަލަ ބެލޭނީ ހައި ކޯޓަށް ކަމަށް ބުނެ، ކޮމިޝަންގެ ރައީސްކަން ކުރެއްވި ފަރީޝާ އިއުތިރާޒު ހުށަހަޅުއްވާފައިވެ އެވެ. ނަމަވެސް، ސިވިލް ކޯޓުން ބުނީ މުއާޒުގެ މައްޗަށް ތަހުގީގު ހިންގުމާއި ދައުވާކުރި ކުރުމާ މެދު ކޯޓުން ބަސް ބުނަންވެއްޖެ ނަމަ، ކޯޓުން ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރި ތަހުގީގެއް އަދި ޝަރީއަތެއް ކުރެވިދާނެކަމާ މެދު ޝައްކުގެ ނަޒަރަކުން ބެލުމުގެ ޖާގަ އުފަންވާނެތީ، ޖުޑީޝަލް ރިވިއުގެ ދައުވާއެއްގެ ތެރެއިން މިފަދަ މައްސަލައެއް ނުބެލޭނެ ކަމަށެވެ. އެހެންވެ ޖުޑީޝަލް ރިވިއުގެ ދައުވާއެއް ކަމަށް ހުށަހަޅާފައިވާ ކަންކަން ބަލައިނުގަނެވޭނެ ކަމަށް ހުކުމްގައިވެ އެވެ.
މުއާޒުގެ ދައުވާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ޕީޖީ އޮފީހާއި ކޮމިޝަނާއި މެންބަރުން ހެޔޮ ނިޔަތެއް ނެތި މުއާޒުގެ މައްޗަށް ތަހުގީގެއް ހިންގައި ދައުވާކޮށް ބަންދުކޮށްފައިވާތީ ގެއްލުމުގެ ބަދަލު ހޯދާށެވެ. ސިވިލް ކޯޓުން ބުނީ ހެޔޮ ނިޔަތެއް ނެތި ތަހުގީގެއް ހިންގައި ދައުވާކޮށްފައިވާ ކަމަށް ބަލާނެ ނުވަތަ ކަނޑައަޅާނެ މިންގަނޑެއް ރާއްޖޭގެ ގާނޫނުތަކުގައި ނެތް ކަމަށެވެ. އެކަން އެގޮތަށް މަދަނީ މައްސަލައެއްގެ ތެރެއިން ވެސް ބަލަންޗާނީ ޕީޖީ އާއި ތަހުގީގު ކުރާ ފަރާތްތަކަށް ލިބިދޭ މިނިވަންކަމާއި އިހްތިޔާރުތަކާއި ބާރުތަކަށް ހުރަސްނޭޅޭ ގޮތަކަށް، ހަރުދަނާ އުސޫލުތަކެއްގެ ތެރެއިން ކަމަށް ހުކުމްގައިވެ އެވެ.
މި މައްސަލާގައި ކޮމިޝަނުން މަސްއޫލިއްޔަތާއި ބާރުގެ ބޭރުން ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ނުވަތަ ނުނިޔަތެއްގައި މަސައްކަތް ކޮށްފައިވާ ކަމަށް ބެލި ނަމަވެސް، އެކަމުގައި އެއްވެސް ހެއްކެއް ހުށަހަޅާފައި ނެތުމުން މިއީ ކޯޓުން ބެލިދާނެ މައްސަލައެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށް ބުނެފައިވެ އެވެ. އެހެންވެ، މި މައްސަލަ ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާ ކަންތައްތަކެއް ހުރިތޯ ބަލައި އެކަމުގައި ގޮތެއް ނިންމިދާނެ ކަމަށް ހުކުމްގައިވެ އެވެ.
- މުއާޒުގެ މައްޗަށް ތަހުގީގުކޮށް ދައުވާކޮށްފައިވަނީ ތުހުމަތުކޮށްފައިވާ ކުށާ ގުޅިގެން، ކުށްވެރިވެދާނެކަން އަދި ޝަރީއަތަކާ ކުރިމަތިލާންޖެހޭކަން ކޮމިޝަނާއި ކޮމިޝަންގެ މެންބަރުންނާއި ޕީޖީއަށް ގަބޫލު ކުރެވިގެން.
- މުއާޒުގެ މައްޗަށް ތަހުގީގުކޮށް ދައުވާކޮށްފައިވަނީ އެފަދައިން އެއިން ފަރާތަކަށް ގަބޫލުކުރެވިގެން ނޫން ކަން ސާބިތުކޮށް ދޭން ޖެހޭނީ މުއާޒު ކަން. މުއާޒުގެ ފަރާތުން މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނެތް.
- މުއާޒުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް އަމަލެއް ހިންގާފައި އޮތް ކަމަށް ބެލެވޭ ހެކި ހުށަހަޅާފައި އޮތްކަން އެނގޭ ކަމަށާއި ރިލްވާނަށް ވީގޮތް ހޯދަން އުޅުނު މީހުންނަށް ހުރަސްއަޅަން މުއާޒު އުޅުނު ކަމަށް ބެލެވޭ ހެކި ދައުލަތުން ހުށަހަޅާފައިވާކަން.
- ކޮމިޝަނާއި މެންބަރުން އަދި ޕީޖީ ފެށުމުގައި ވެސް ނުބައި ނިޔަތެއްގައި މަސައްކަތްކޮށްފައި ނުވާކަން އެނގެން އޮތުން.
- މުއާޒު ބަންދުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ކަމާއި އަދި އެ އަމުރު މުއާޒުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ނުވާކަން.
- ދައުވާއަށް ބަދަލު ގެެނެސް އަލުން މުއާޒުގެ މައްޗަށް އަދިވެސް ދައުވާ ކުރެވިދާނެކަން ގާނޫނަށް ބެލެމުން އެނގެން އޮންނާތީ މި ދައުވާއަކީ އަދި މި ދައުވާއާ ގުޅިގެން ހިނގާފައިވާ ތަހުގީގުތަކަކީ ހެޔޮ ނިޔަތެއް ނެތި ކޮށްފައިވާ ކަންކަން ކަމުގައި މިހާލަތުގައި ބުނެވެން ނެތްކަން.
އެ ސަބަބުތައް އެހެން ހުރުމުން ސިވިލް ކޯޓުން ހުކުމް ކުރީ މި މައްސަލަ ކުރިއަށް ނުގެންގޮސް، މައްސަލަ ކޯޓުން ބޭރުކުރާށެވެ.
މަޒީދާއި ސާމިތުގެ މައްސަލަ ޕީޖީން އަނބުރާ ފޮނުވައިފި
އިސޫ އާއި މުއާގެ މައްސަލަ ވެސް ބޭރު، ޓެގް ނައްޓައިފި
ރިލްވާންގެ މަރުގެ ތުހުމަތުވާ އިސޫ ވެސް ދޫކޮށްލައިފި
އަހަނދު ދޫކޮށްލި އަމުރު އިސްތިއުނާފު ނުކުރަން: ޕީޖީ
ޔާމީން/ރިލްވާންގެ މަރު: ދައުވާލިބޭ މީހަކު ދޫކޮށްލައިފި
ރިލްވާނާއި ޔާމީންގެ މަރު: މިއަދުގެ އަޑުއެހުން ކެންސަލް
ހައްޔަރުކުރި ތިން މީހުން ޝަރީއަތް ނިމެންދެން ބަންދަށް
އާއިލާގެ އަދިވެސް ސުވާލަކީ "ރިލްވާން ކޮބައިހޭ؟"
ރިލްވާން މައްސަލައިގައި ކުރީގެ ސީޕީ ހުސައިން ކޮމިޝަނަށް
ޔާމީން ތުހުމަތުތަކަށް އިންކާރު ކުރެއްވި: ވަކީލުން