Roadha Mihaaru
ކާޑު ލިމިޓް މައްސަލާގައި ފިޔަވަޅު އަޅަންޖެހޭތޯ ބަލަނީ

ކާޑު ލިމިޓް ބަދަލުކުރި މައްސަލާގައި ފިޔަވަޅު އަޅަންޖެހޭ ފަރާތެއް އޮތްތޯ ބަލަނީ

28 އޯގަސްޓް 2024

ބީއެމްއެލް އިން ކާޑުތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ ލިމިޓް ބަދަލު ކުރުމާ ގުޅުވައި، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބެލެވޭ މައްސަލާގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތެއް ހުރިތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ބީއެމްއެލް އިން ކާޑުތަކުން ޑޮލަރުން މުއާމަލާތް ކުރެވޭ ލިމިޓް ބަދަލު ކުރުމާ ގުޅުވައި، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބެލެވޭ މައްސަލާގައި ފިޔަވަޅު އަޅަން ޖެހޭ ފަރާތެއް ހުރިތޯ ބަލަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ނިންމުމުން ޖެހިގެން އައި ހޯމަ ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނުގައި ވަނީ އެ ބޭންކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ގޮތަށް އެ ނިންމުން ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ބައެއް ފަރާތްތަކުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ބޮޓް އެކައުންޓް ބޭނުންކޮށްގެން ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނުކުތުމަށް ގޮވާލާފައިވާތީ އެއީ ސަރުކާރު ވައްޓާލަން އުޅުން ކަމަށް ބުނެ އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ.

އެ ބަޔާން ނެރުމަށް ފަހު، ފުލުހުން ފުރަތަމަ ފަހަރަށް މީޑިއާ އަށް ފޮނުވި މެސެއްގައި މިއަދު ބުނީ، އެ ތަހުގީގާ ގުޅިގެން ހޯދަން ޖެހޭ ހުރިހާ މައުލޫމާތެއް އެއްކުރުމާއި ބަލަންޖެހޭ ހުރިހާ ކަމެއްގެ ތަފްސީލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާ ނަމަ އެކަން ދެނެގަތުމާއެކު، ތަހުގީގު މަރުހަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ،" ފުލުހުން ބުންޏެވެ.

ރުފިޔާ ކާޑުތަކުން ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލް އިން ނިންމީ ސަރުކާރުގެ ލަފައާ ހިލާފަށް ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ސަރުކާރާ އެކު ފަހުން ކުރި މަޝްވަރާތަކާއި އާންމުންގެ ފިއްތުންތަކާ ހެދި ބޭންކުން ވަނީ އެ ނިންމުން ބަދަލުކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ޑޮލަރުން މުއާމަލާތް ކުރެވޭ ގޮތަށް ބަދަލުކޮށްފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއީ ސީދާ ބަޣާވާތެއް ކަމަށާއި އޭގެ އަޑީގައި ތިބި ބަޔަކު ހޯދައި އަދަބު ދޭނެ އެވެ.