02 ޖޫން 2024
ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު، ދުނިޔޭގެ ބޮޑެތި ގައުމުތައް ހިންދެމިލައި، ބަވަނަވަންތަ ދުނިޔެއަކަށް އަމާޒު ހިފައި 1970 ގެ އަހަރުތަކުގައި ބައިނަލްއަގުވާމީ ވިޔަފާރި އަށް ހާއްސަ އަހަމިއްޔަތު ކަމެއް ދޭން ފެށި އެވެ. އެއާއެކު، ޢިލްމާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން، ތައުލީމަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ ބައެއް ގޮތަށް ހަދައި، އޭގެ އިގުތިސާދީ މަންފާ ނެގުމަށް، މަސައްކަތްތަކެއް ފެށި އެވެ. "އެކްސްޕޯޓް އެޑިޔުކޭޝަން" ޕްރޮމޯޓްކޮށް، ބައިނަލްއަގުވާމީ ދަރިވަރުން ހޯދުމުގެ މަސައްކަތްތަކެއް ތަފާތު ގައުމުތަކުން ކުރަން ފެށި އެވެ.
ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު، ދުނިޔޭގެ ބޮޑެތި ގައުމުތައް ހިންދެމިލައި، ބަވަނަވަންތަ ދުނިޔެއަކަށް އަމާޒު ހިފައި 1970 ގެ އަހަރުތަކުގައި ބައިނަލްއަގުވާމީ ވިޔަފާރި އަށް ހާއްސަ އަހަމިއްޔަތު ކަމެއް ދޭން ފެށި އެވެ. އެއާއެކު، ޢިލްމާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން، ތައުލީމަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ ބައެއް ގޮތަށް ހަދައި، އޭގެ އިގުތިސާދީ މަންފާ ނެގުމަށް، މަސައްކަތްތަކެއް ފެށި އެވެ. "އެކްސްޕޯޓް އެޑިޔުކޭޝަން" ޕްރޮމޯޓްކޮށް، ބައިނަލްއަގުވާމީ ދަރިވަރުން ހޯދުމުގެ މަސައްކަތްތަކެއް ތަފާތު ގައުމުތަކުން ކުރަން ފެށި އެވެ.
ނަތީޖާއަކަށް ވީ، މިފަދަ ގައުމުތަކުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) ގެ ބޮޑު ހިއްސާއަކަށް، އެކްސްޕޯޓް އެޑިޔުކޭޝަނުން ލިބޭ އާމަދަނީ ވާން ފެށުމެވެ. ހިސާބުތައް ދައްކާ ގޮތުން 1970 ގެ އަހަރު ތަކުގެ ފަހުކޮޅު ދުނިޔޭގައި އެއް މިލިއަނަކާ ގާތްކުރާ އަދަދަކަށް އިންޓަނޭޝަނަލް ދަރިވަރުން ކިޔެވިއިރު، މިދިޔަ 2023 ވަނަ އަހަރު ނިމުނުއިރު އެކިއެކި ގައުމުތަކުގައި 6.4 މިލިއަން ބައިނަލްއަގުވާމީ ދަރިވަރުން ކިޔަވަމުން ދިޔަ އެވެ. އެ ދަރިވަރުން 2017 ވަނަ އަހަރު އެކަނި ވެސް ދުނިޔޭގެ އިގުތިސާދަށް 250 ބިލިއަން ޑޮލަރު ނުވަތަ 3.8 ޓްރިލިއަން ރުފިޔާ ހަރަދު ކުރި އެވެ.
އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމަންޓްގައި ހިމެނޭ ގައުމުތަކުގެ ތެރެއިން އިނގިރޭސި ބަހުން ތައުލީމު ފޯރުކޮށްދޭ، އިލްމީ ގޮތުން ކުރިއަރާފައިވާ ގައުމުތަށް ކަމަށްވާ އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތާއި ކެނެޑާ އާއި ނިއުޒީލޭންޑާއި އެމެރިކާ ފަދަ ގައުމުތަކުގެ ސަރުކާރުތަކުން ވަނީ ބައިނަލްއަގުވާމީ ތައުލީމުގެ އިގުތިސާދީ ބާރު ބޭނުން ކުރުމަށް އިންވެސްޓްކޮށް، ނަމޫނާ މިންގަނޑުތަކެއް އެކަށަ އަޅައިފަ އެވެ. އެ ގައުމުތަކުގެ ތައުލީމު ތަރައްގީ ކުރުމަށް ޖީޑީޕީގެ ވަކި ނިސްބަތެއް ތައުލީމަށް ހޭދަކުރުމަށް ކަނޑައަޅައި، ތައުލީމުގެ ފެންވަރު މިންކޮށް، ވަކި މިންގަނޑުތަކެއްގައި ހިފަހައްޓައި، ޔުނިވާސިޓީތަކުގެ އިތުބާރު އަށަގަންނުވަން، ބައިނަލްއަގުވާމީ ފެންވަރުގެ ރޭންކިންގެ ނިޒާމުތަކެއް ތައާރަފު ކުރި އެވެ. މި ފަދަ ދަރަޖަ ކުރުމުގެ ނިޒާމުގެތަކުގެ ތެރެއިން ޔުނިވާސިޓީތަކުގެ ހައިބަތު ކަނޑައަޅައި، މޮޅެތި ޔުނިވާސިޓީތަކުގައި ކިޔެވުމުގެ މުހިންމު ކަމާ މެދު މީހުން ހޭލުންތެރިކުރުމުގެ ބޮޑު މަސައްކަތްތަކެއް ތަރައްގީވަމުން އައި ގައުމުތަކުގައި ފެށި އެވެ.
އެ ތަންތަނުގައި ކިޔަވަން ދާ، ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ މޮޅެތި ކުދިން، އެ ގައުމުތަކުގައި ވަޒަންވެރި ކުރުވުމަށް "ބްރެއިން ޑްރެއިން" ސިޔާސަތުތަކެއް އެކަށައަޅައި ތަންފީޒު ކުރަން ފެށި އެވެ. މިފަދަ ފަހި ސިޔާސަތުތަކާއި ޓެކްނޮލޮޖީގެ ގޮތުން އެ ޤައުމުތަށް ހޯދާފައިވާ ކުރިއެރުންތަކާއި ދައްކަމުން ގެންދެވި މިނިވަން ޑިމޮކްރަސީ އާއި އިންސާނީ ހައްގުތަކުގެ ވާހަކަތައް ވީ ވަރަށް ބާރުގަދަ ކެމްޕެއިން ޓޫލްތަކަކަށެވެ. އެއާ އެކު، ކުރިއަރަމުން ތަރައްގީ ވަމުން އައި ވަރަށް ގިނަ ގައުމުތަކުގެ ޒުވާނުން ކިޔެވުމަށް، ކުރިން ދެންނެވި ފަދަ ތަރައްޤީ ވެފައިވާ ގައުމުތަކަށް ދާން ފެށި އެވެ.
މަތީ ތައުލީމުގެ ލޯނު ލިބުނު ދަރިވަރަކަށް، ޑރ. ނަޒީރު ލިޔުން ހަވާލުކޮށް ދެއްވަނީ.---ފައިލް ފޮޓޯ: މިހާރު
އޮސްޓްރޭލިއާގެ ޑިޕާޓްމަންޓް އޮފް އެޑިއުކޭޝަން، ސްކިލްސް އެންޑް އެމްޕްލޯއިމަންޓުން ބުނާގޮތުގައި، ބައިނަލްއަގްވާމީ ތައުލީމުން 2019 ވަނަ އަހަރު އޮސްޓްރޭލިއާގެ އިގްތިސާދަށް 40 ބިލިއަން އޮސްޓްރޭލިއަން ޑޮލަރު ނުވަތަ 616 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އެ ގައުމުގެ ހަތަރު ވަނަ އަށް އެންމެ ބޮޑު އެކްސްޕޯޓް ދާއިރާ އެވެ. ހަމަ އެފަދައިން ކެނެޑާގައި ވެސް 2018 ވަނަ އަހަރު ބައިނަލްއަގުވާމީ ދަރިވަރުންގެ އަތުން 22 ބިލިއަން ކެނޭޑިއަން ޑޮލަރު ނުވަތަ 339 ބިލިއަން ރުފިޔާ ލިބި، މުޅި ގައުމުގައި ގާތްގަނޑަކަށް 170،000 ވަޒީފާއަށް އޭގެ ސަބަބުން އެހީތެރިވެދީފައި ވެ އެވެ.
ދުނިޔޭގެ ދެ ވަނަ އަށް އެންމެ ގިނަ އިންޓަނޭޝަނަލް ދަރިވަރުން ކިޔަވަމުން އަންނަ، އިނގިރޭސި ވިލާތަށް، ތަޢުލީމު އެކްސްޕޯޓް ކޮށްގެން އަހަރަކު 26 ބިލިއަން ޕައުންޑް ނުވަތަ 513 ބިލިއަން ރުފިޔާ ލިބެ އެވެ. އެމެރިކާގެ ޑިޕާޓްމަންޓް އޮފް ކޮމާސް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ތައުލީމު އެކްސްޕޯޓް ކޮށްގެން 2019 ވަނަ އަހަރު 44 ބިލިއަން ޑޮލަރު ނުވަތަ 680 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އިންސްޓިޓިއުޓް އޮފް އިންޓަނޭޝަނަލް އެޑިޔުކޭޝަންގެ ހިސާބުތަކަށް ބަލާއިރު، ބައިނަލްއަގުވާމީ ދަރިވަރުންގެ ގޮތުގައި 2023 ވަނަ އަހަރު ކިޔަވަން އުޅުނީ 6.4 މިލިއަން ދަރިވަރުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ ދަރިވަރުން ކިޔަވަން ދިޔަ 10 ގައުމާއި އެ ގައުމުތަކުގައި ކިޔެވި ދަރިވަރުންގެ އަދަދާއި އެ ގައުމުތަކަށް ކިޔަވަން ދިޔަ ދަރިވަރުން ނިސްބަތްވާ ގައުމުތަކުގެ ލިސްޓު ތާވަލް 1 ގައި އެ ވަނީ އެވެ.
ދިވެހިރާއްޖެއަކީ މިއަދާ ހަމަޔަށް ވެސް ތައުލީމު އިމްޕޯޓްކުރާ ގައުމުކެވެ. މި ގައުމުގެ ނިސްބަތުން ރާއްޖެ އިން ބޭރުގައި ކިޔަވަންދާ ދަރިވަރުން މަދެއް ނޫނެވެ. މިހާރު ވެސް އަޅުގަނޑުމެންގެ 2،100 ދަރިވަރުން ތަފާތު ގައުމުތަކުގައި ކިޔަވަމުން އެބަދެ އެވެ. މިއީ އަޅުގަނޑުމެންގެ މަތީ ތައުލީމުގައި ކިޔަވާ ދަރިވަރުންގެ ނިސްބަތުން 10.5 ޕަސެންޓެވެ. އަޅުގަނޑުމެންގެ ދަރިވަރުން އެންމެ ގިނައިން ގޮސް އުޅެނީ މެލޭޝިއާ އާއި އޮސްޓްރޭލިއާ އާއި އިނގިރޭސި ވިލާތާއި ނިއުޒީލޭންޑާއި ސްރީ ލަންކާ އާއި އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކަށެވެ.
ސުވާލަކީ ދިވެހިރާއްޖެ ފަދަ ކުޑަ ގައުމަކަށް އިގުތިސާދު ސިންދަފާތު ކުރުމަށް އެކްސްޕޯޓް އެޑިޔުކޭޝަން މާކެޓަށް ވަދެވިދާނެތޯ އެވެ؟ މީގެ ޖަވާބުގައި ދެންނެވޭނީ ތައުލީމު އެކްސްޕޯޓް ކުރުމުގެ ބާޒާރަށް ވަނުމުގެ ފުރުސަތު ރާއްޖެ އަށް އޮތް ކަމަށެވެ. ބައިނަލްއަގުވާމީ ދަރިވަރުން ކިޔެވުމަށް ބޭނުންވާ ވަރަށް ގިނަ އުންސުރުތައް މި ރާއްޖޭގައި ފުރިހަމަ އެބަވެ އެވެ.
ތަރައްގީވަމުން އަންނަ ގިނަ ގައުމުތަކާ ހިލާފަށް، ދިވެހިރާއްޖެ ވަނީ ދުނިޔެއާ ވަރަށް ބޮޑަށް ގުޅިލާމެހިފަ އެވެ. ބައިނަލް އަގުވާމީ ބޮޑެތި އެއާލައިންތަކުން ވަނީ ދުނިޔޭގެ ހުރިހާ ބައްރަކުން ފަސޭހަކަމާ އެކު ރާއްޖެ އަށް ދަތުރުފަތުގެ ކުރެވޭނެ ގޮތަށް ގުޅިފަ އެވެ. ބާރު ސްޕީޑްގެ އިންޓަނެޓާއި ޒަމާނީ މުވާސާލާތު ކުރުމުގެ ފަސޭހަތަކުގެ ސަބަބުން ބޭނުންއިރަކު އެކި ގައުމުތަކާ އެކު ގުޅުން ބޭއްވެ އެވެ. ރީތިކަމާއި ދިވެހީންގެ ލާމަސީލު މެހުމާންދާރީގެ ސަބަބުން "މޯލްޑިވްސް" މި ވަނީ ބައިނަލްއަގުވާމީ ބްރޭންޑަކަށް ވެފަ އެވެ. މި ރާއްޖެ އިން ފަހިކޮށްދޭ "އޮން އެރައިވަލް ވީސާ" ގެ ސަބަބުން ބޭރުގެ މީހުން ރާއްޖެ އައުމަށް ވަނީ ހިތްވަރަކަށް ވެފަ އެވެ. އަދި ކުރިއަރައި ފައްކާ ވެފައިވާ "ހައިއެންޑް" ފަތުރުވެރިކަމުގެ ރިސޯޓުތަކާއި ދާދި ފަހުން ތައާރަފުވި ގެސްޓް ހައުސްތަކާއި ލިވަބޯޑްތަކުގައި އަމަލީ ތަޖުރިބާ ހޯދުމަކީ ހޮސްޕިޓަލިޓީ އިންޑަސްޓްރީގައި މަސައްކަތްކުރާން ޝައުގުވެރިވާ ބޭރުގެ ޒުވާނުންނަށް ނުހަނު ފަސޭހަކޮށް ވިއްކޭނެ ޕްރޮޑަކްޓެއް ކަމާ މެދު ޝައްކެއް ނެތެވެ.
ބައިނަލްއަގުވާމީ ދަރިވަރުންގެ ޝައުގުވެރިކަމާއި އިތުބާރު ކުރެވޭ ފަދަ ރަގަނޅު ތައުލީމީ ވަސީލަތްތަކާއި ކުދިންނަށް ފަސޭހަކަމާ އެކު ތިބެވޭނެ ގޮތްތަކާއި ކުދިންނަށް ސަޕޯޓް ދެވޭނެ ރަގަނޅު ނިޒާމެއް ރާއްޖޭގައި ގާއިމު ކުރަން އެބަޖެހެ އެވެ. އޭގެ ތެރޭގައި ރަގަނޅު ލައިބްރަރީ އާއި ކުދިންނަށް ތިބެވޭނެ ހޮސްޓެލްތަކާއި ހޯމް ސްޓޭ އާއި ގާނޫނީ ބާރު ލިބިފައިވާ، އިތުބާރު ކުރެވޭ ޕެސްޓޯރަލް ސަޕޯޓާއި އަޅާލުމުގެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ. އަދި ފަސޭހަކަމާ އެކު، ސްޓޫޑެންޓް ވިސާ އާއި ހެލްތު އިންޝުރަންސް ލިބޭނެ ގޮތްތަކެއް ވެސް އަންނަން އެބަޖެހެ އެވެ.
ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފެންވަރުގެ ދެ ޔުނިވާސިޓީ އާއި އެތައް ކޮލެޖެއް މި ރާއްޖޭގެ ހަޔާ އެޑިޔުކޭޝަން ސެކްޓަރުގައި އެބަހުއްޓެވެ. އެހެންކަމުން، މި ފަދަ ފަހިގޮތަކަށް ދުނިޔެ އަށް ހުޅުވާލެވިފައިވާ، ގައުމެއްގެ ތައުލީމު ވެސް އެކްސްޕޯޓް ކުރުމުގެ މުހިއްމު ކަމުގެ ވާހަކަ ދައްކަން އެބަޖެހެ އެވެ. ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ޓޫރިޒަމަށް އެކަނި ބަރޯސާވުން ކުޑަކުރުމަށް ސަރުކާރުގެ އިގުތިސާދީ އެޖެންޑާގައި "ވިސިޓާ އިކޮނޮމީ" ގެ ވާހަކަ ހިމެނިފައި އޮތުން އެއީ ރާއްޖޭގެ ހަޔާ އެޑިޔުކޭޝަން ސެކްޓަރަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކަށް މެނުވީ ނުވާނެ އެވެ.
މިދިޔަ މޭ މަހުގެެ 27 ވަނަ ދުވަހު، މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އޭންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބޭއްވި ނިއުސް ކޮންފަރެއްސެއްގައި، އެކްސްޕޯޓް އެޑިޔުކޭޝަންގެ ވާހަކަ ފުރަތަމަ ފަހަރަށް ރާއްޖޭގެ ވަޒީރަކު ވަނީ ދައްކަވައިފަ އެވެ. ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި މި ރާއްޖޭގެ ހަޔާ އެޑިޔުކޭޝަންގެ އާބާދީގެ ދެ ޕަސެންޓު އިންޓަނޭޝަނަލް ދަރިވަރުންނަށް ހައްދަވަން ބޭނުންފުޅުވާ ވާހަކަ ވެސް ވަޒީރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވި އެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ "އަހާ" ފޯރަމްގައި ބައިވެރިވެވަޑައިގަންނަވަނީ: ރާއްޖޭގެ މަތީ ތައުލީމުގެ ހަރުފަތްތަކުގައި އެހެން ގައުމުތަކުގެ ދަރިވަރުންނަށް ފުރުސަތު ދެއްވަން ބޭނުންވޭ.--- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
އެހެނީ ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ބަރޯސާވެފައިވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. ރާއްޖޭގެ ޖީޑީޕީގެ 30 ޕަސެންޓަށް ވުރެ މަތިން ހިއްސާ ކުރަނީ ފަތުރުވެރިކަމުންނެވެ. ފަތުރުވެރިކަމަކީ އިގުތިސާދުގެ މައި ނާރު ކަމަށް ވެފައި އޮތްއިރު، މީގެ ދުވަސްކޮޅެއް ކުރިން އަޅުގަނޑުމެން ތަޖުރިބާ ކުރި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން އެއް ސިނާއަތަކަށް މިހާ ބޮޑަށް ބަރޯސާވުމުގެ ނާޒުކުކަން ފާހަގަކޮށްލެވުނެވެ. އެކްސްޕޯޓް ތައުލީމުގެ ދާއިރާ އަށް ގައުމު އަމާޒު ހިފުމަކީ، އިގުތިސާދަށް އިތުރު ކުރިއެރުމެއްް ލިބިގެންދާނެ ކަމެކެވެ. އަޅުގަނޑުމެންގެ ހަޔާ އެޑިޔުކޭޝަން ސެކްޓާ އެހާ ބޮޑު ނުވިޔަސް އަޅުގަނޑުމެންގެ ޔުނިވާސިޓީތަކާއި ކޮލެޖްތަކުން ދެވޭ ސަނަދުތައް ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފަ އެވެ. މި ތަންތަނުގައި ކިޔެވުމަށް ބޭރުގެ ދަރިވަރުން ޝައުގު ވެރިވާކަން ވެސް އަޅުގަނޑުމެންނަށް އެބަ އެނގެ އެވެ.
އެހެންކަމުން ބައިނަލްއަގުވާމީ ދަރިވަރުންގެ ޝައުގުވެރިކަމާއި އިތުބާރު ކުރެވޭ ފަދަ ރަގަނޅު ތައުލީމީ ވަސީލަތްތަކާއި ކުދިންނަށް ފަސޭހަކަމާ އެކު ތިބެވޭނެ ގޮތްތަކާއި ކުދިންނަށް ސަޕޯޓް ދެވޭނެ ރަގަނޅު ނިޒާމެއް ރާއްޖޭގައި ގާއިމު ކުރަން އެބަޖެހެ އެވެ. އޭގެ ތެރޭގައި ރަގަނޅު ލައިބްރަރީ އާއި ކުދިންނަށް ތިބެވޭނެ ހޮސްޓެލްތަކާއި ހޯމް ސްޓޭ އާއި ގާނޫނީ ބާރު ލިބިފައިވާ، އިތުބާރު ކުރެވޭ ޕެސްޓޯރަލް ސަޕޯޓާއި އަޅާލުމުގެ ނިޒާމެއް ގާއިމުކުރުން ހިމެނެ އެވެ. އަދި ފަސޭހަކަމާ އެކު، ސްޓޫޑެންޓް ވިސާ އާއި ހެލްތު އިންޝުރަންސް ލިބޭނެ ގޮތްތަކެއް ވެސް އަންނަން އެބަޖެހެ އެވެ. ދަރިވަރުންނަށް ފަސޭހަކަމާއި އިތުބާރާ އެކު، ދަތުރުފަތުރު ކުރެވޭނެ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް އޮތުމަކީ ވެސް މުހިއްމު ކަމެކެވެ.
ރާއްޖެއަކީ ބައިނަލްއަގުވާމީ ދަރިވަރުންގެ މަންޒިލަކަށް ވެއްޖެ ނަމަ އޭގެ ސަބަބުން ލިބޭނެ ބައެއް ފައިދާތަށް ދަންނަވާލާނަމެވެ. އެއް ކަމަކީ އިގުތިސާދު ސިންދަފާތުވެ، ފަތުރުވެރިކަމަށް އެކަނި ބަރޯސާވުމުން ކުރިމަތިވާ އިގުތިސާދީ ނުރައްކާތައް ކުޑަވުމެވެ. ތައުލީމު އެކްސްޕޯޓް ކޮށްގެން ލިބޭނެ ކުޑަ ކާމިޔާބީއަކުން ވެސް ގައުމުގެ އިގުތިސާދަށް އެތައް މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ އެވެ. ދެ ވަނަ ކަމަކީ، ރާއްޖޭގެ ތައުލީމީ މުއައްސަސާތައް އިންޓަނޭޝަލައިޒްވެ، އެކްސްޗޭންޖް ޕްރޮގްރާމަތަކަށް ފުރުސަތު ހުޅުވި، ބައިނަލްއަގުވާމީ ތައުލީމީ މުއައްސަސާތަކާ އެކު، ގުޅުންތައް ގާއިމުކޮށް، ރާއްޖޭގެ ތައުލީމު ބައިނަލް އަގުވާމީ މާރުކޭޓްތަކުގައި ޕްރޮމޯޓް ކުރުމުން، ރާއްޖޭގައި ކިޔަވަން ކުދިން އިތުރުވެ، ދިވެހިންނަށް ތަފާތު އެތަށް ވަޒީފާތަކެއް ލިބުމެވެ.
ރާއްޖޭގެ ކޮލެޖެއްގެ ގްރެޖުއޭޝަން ހަފުލާއެއްގައި ދަރިވަރުންތަކެއް ބައިވެރިވަނީ: ތައުލީމު އެކްސްޕޯޓު ކޮށްގެން ރާއްޖޭގެ އިގުތިސާދަށް ބޮޑު ނަފާއެއް ހޯދިދާނެ ކަމަށް ދާއިރާގެ ބައެއް ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ.
މީގެ އިތުރުން، އިގުތިސާދުގެ އެކި ދާއިރާތަކަށް ހިދުމަތް ކުރުމުގެ ގާބިލުކަން ހުރި، ހުނަރުވެރި ވަޒީފާގެ ބާޒާރެއް އުފެދިގެން ދިއުމެވެ. ތިން ވަނަ ކަމަކީ، ބައިނަލްއަގުވާމީ ދަރިވަރުން ހޮސްޓް ކުރާ އާއިލާތަކަށް އާމްދަނީ ލިބޭނެ މަގުފަހި ވުމެވެ. ހަތަރު ވަނަ ކަމަކީ، ބައިނަލްއަގުވާމީ ދަރިވަރުންނަށް އަޅުގަނޑުމެންގެ އާދަކާދަތައް ދަސްވެ، އެ ކުދިންގެ ސަގާފަތްތަކަށް އަޅުގަނޑުމެން އަހުލުވެރިވެ، އެހެން މީހުންގެ ކަންކަން އިތުރަށް ދަސްވެ، ދުނިޔޭގެ ވިސްނުމާއި ގުޅުންތައް އުފެދި، ދިގު މުއްދަތުގައި އެ ގުޅުންތައް ވިޔަފާރީގެ ގުޅުންތަކަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑުވުމެވެ.
ރާއްޖެ އިން ތައުލީމު އެކްސްޕޯޓް ކުރުމަށްޓަކައި ދުނިޔޭގައި މިކަން ކާމިޔާބު ކަމާއެކު ކުރަމުން އަންނަ ގައުމުތަކުން ބައެއް ފިލާވަޅު ނެގިދާނެ އެވެ. މިސާލަކަށް އޮސްޓްރޭލިއާގެ ވަރުގަދަ މާކެޓިން ކެމްޕޭންތަކާއި ކޮލިޓީ އެޝުއަރެންސް ފްރޭމްވޯކްތަކާއި ވިސާގެ ހެޔޮ ސިޔާސަތުތަކުގެ ސަބަބުން ދުނިޔޭގެ ދަރިވަރުންނަށް ޝައުގުވެރިވާ މަންޒިލަކަށް ވެފައި ވެ އެވެ. އިނގިރޭސި ވިލާތާއި ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އާއި ކެނެޑާ އިން ކަނޑައަޅާފައިވާ ގްރެޖުއޭޓް އަދި ޕޯސްޓް ގްރެޖުއޭޓްވާ ކުދިން، އެ ގައުމުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުތަކާއި ދާއިމީ ގޮތެއްގައި ދިރިއުޅެވޭނެ ގޮތަށް އެކަށައަޅާފައިވާ ސިޔާސަތުތަކަކީ ވެސް އެ ގައުމުތަކުން ތަޢުލީމު އެކްސްޕޯޓް ކުރުމުގެ ކާމިޔާބީގެ މުހިންމު ސަބަބެކެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ ޔުނިވާސިޓީތަކާ އެކު، ޕާޓްނަރޝިޕްތައް އުފެއްދުމަކީ ރާއްޖޭގެ ތައުލީމީ ފެންވަރު އަވަހަށް މަތިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ. މި އެއްބާރުލުންތަކުގެ ސަބަބުން ޖޮއިންޓް ޑިގްރީތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ތައުލީމު ބެލެހެއްޓުމުގައި އެންމެ ރަނގަޅު އުސޫލުތައް ހިއްސާ ކުރެވޭނެ އެވެ.
ނިންމާލަމުން ދަންނަވާނީ، އެކްސްޕޯޓް ތައުލީމަށް އިންވެސްޓް ކުރުމަކީ ހަމައެކަނި އިގްތިސާދީ ސްޓްރެޓެޖީއެއް ނޫނެވެ. އެއީ ދިވެހިރާއްޖެ އަށް ކުރިމަގުގައި ފައިދާތަކެއް ލިބޭނެ ޓްރާންސްފޯމެޓިވް އިސްނެގުމެކެވެ. ދުނިޔޭގެ ނަމޫނާތަކުން އިބްރަތް ލިބި، ބައިނަލްއަގުވާމީ ދަރިވަރުން ޝައުގުވެރިކޮށް ހިފެހެއްޓުމަށް ހާއްސަ ސިޔާސަތުތައް ތަންފީޒުކޮށްގެން، ދިވެހިރާއްޖެ އަށް އިގުތިސާދު ސިންދަފާތު ކުރެވިދާނެ އެވެ. ހަމަ ފަދައިން، ބައިނަލްއަގުވާމީ ދުނިޔޭގައި އަޅުގަނޑުމެންގެ ރާއްޖޭގައި ތައުލީމުދޭ މުއައްސަސާތަކަށް އިތުބާރު އުފެދި، ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ކަށަވަރު ކުރެވޭނެ އެވެ.
ޑރ. އަބްދުﷲ ނަޒީރަކީ އޮސްޓްރޭލިޔާ އާއި ނިއުޒީލޭންޑުން ތައުލީމު ހާސިލް ކުރައްވައި، ރާއްޖޭގެ ތައުލީމުގެ ސިޔާސަތު އެކުލަވާލުމާއި ތަރައްގީ ކުރުމުގައި ވިއްސަކަށް އަހަރު މަސައްކަތް ކުރެއްވި ހިދުމަތްތެރިއެކެވެ. މިހާރު ހުންނެވީ މިނިސްޓަ އޮފް ސްޓޭޓް ފޯ ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުގެ މަގާމުގަ އެވެ.
މިއަދު ވިސްނަންވީ ހަރަދު ކުޑަކުރަން: ފައިސަލް
މިއީ އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު
ކޮންމެ ސަބްސިޑީއަކާއި ޑިސްކައުންޓަކަށް އަގު ދައްކާނެ
އިގްތިސާދީ އޮޑި ބީވިޔަ ނުދިނުމުގެ މަސައްކަތް ފެށުން
އިގްތިސާދަށް ދިރުން ލިބި، ވަޒީފާ އުފެދުމުގެ އުއްމީދު
ދައުލަތުގެ ހަރަދުތައް ތަރުތީބުކުރަން ޖެހިފައި
އިކޮނޮމިކް ސްޓިމިއުލަސް އަކީ ކޮބާ؟
ދަސްވެނި ހުނަރުތައް ހާސިލްވަނީ ކިހާ ވަރަކަށް؟
އިންތިޚާބު އަޔަސް އިގްތިސާދީ އަސާސްތައް ބަދަލެއް ނުވޭ
އޮޅުންބޮޅުން: ރާއްޖޭގެ އިގުތިސާދީ ކުރިއެރުން